އެމެރިކާގެ ކުރިމަތީ މިހާރު އޮތީ އެ ގައުމަށް ކާމިޔާބު ނުވާނެ އަސްކަރީ ހަރަކާތެއް ހިންގުމާއި އެމެރިކާއަށް ކަމުނުދާ އެއްބަސްވުމަކަށް ރުހުން ދިނުމުގެ އިހްތިޔާރު އެކަނި ކަމަށް ބުނެ އީރާންގެ އަސްކަރިއްޔާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަތަކަށް ރައްދު ދީފި އެވެ.
އީރާންގެ އިންގިލާބީ ލަޝްކަރުން މިހެން ބުނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގައި އީރާނުން އެންމެ ފަހުން ހުށަހެޅި ކަންކަން ވެސް ބަލައިގަނެވޭނެހެން ހީނުވާ ކަމަށް ޓްރަމްޕު ވިދާޅުވުމާ ގުޅިގެންނެވެ.
އޭޕްރީލް 8 ވަނަ ދުވަހު ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހު ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާތައް ހުއްޓިފަ އެވެ. އަދި މިހާތަނަށް ބޭއްވިފައިވަނީ ސީދާ އެންމެ ބައްދަލުވުމެކެވެ.
އީރާނުގެ ތަސްނީމް އަދި ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް 14 ނުކުތާގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. ނަމަވެސް، ރައީސް ޓްރަމްޕް ވަނީ މި ހުށަހެޅުމާ މެދު ވަގުތުން ޝައްކު އުފައްދަވައިފަ އެވެ.
ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމުގައި ވިދާޅުވެފައިވަނީ އީރާނުން ފޮނުވި ރޭވުން ވަރަށް އަވަހަށް ބަލާނަން ކަމަށާއި އެކަމަކު އެއީ ބަލައިގަނެވޭނެ އެއްޗެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. ޓްރަމްޕު ލިޔުއްވާފައިވާ ގޮތުގައި އެއީ ފާއިތުވި 47 އަހަރު ތެރޭގައި އިންސާނިއްޔަތަށާއި މުޅި ދުނިޔެއަށް އީރާނުން ދިން ގެއްލުންތަކަށް އެކަށީގެންވާ ބޮޑު އަގެއް އެމީހުން އަދާކޮށްފައިނުވާތީ އެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް އިން ދެ ފަރާތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުށަހެޅުމުގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާއި، އެމެރިކާގެ ކަނޑުގެ ދަތުރުފަތުރުގެ ހުރަސްތައް ނައްތާލުމާއި، އަދި އީރާނާއި ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ދާއިމީކޮށް ނިންމުމަށް މަޝްވަރާ ކުރުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އީރާންގެ އިންގިލާބީ ލަޝްކަރުން ވަނީ ސުލްހަ ގާއިމުވުމާއި ނުވުމުގެ ޒިންމާ މިހާރު ނަގަންޖެހޭނީ ޓްރަމްޕު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ. ސިފައިން ބުނީ ޓްރަމްޕަށް އޮތީ އީރާނ އެކު "މުސްތަހީލު އޮޕަރޭޝަނެއް" ނުވަތަ "ރަނގަޅު ނޫން އެއްބަސްވުމެއް" ގާއިމުކުރުމުގެ އިހްތިޔާރު އެކަނި ކަމަށެވެ.
"އެމެރިކާއަށް ގޮތް ނިންމުމުގެ ޖާގަ މިހާރު ވަނީ ހަނިވެފައި،" އެ ބަޔާނުގައިވެ އެވެ.
އިއްޔެ އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބާބާދީ ތެހެރާނުގައި ތިއްބެވި ޑިޕްލޮމެޓުންނާ މުހާތަބުކުރައްވަމާ ވިދާޅުވީ، "ޑިޕްލޮމަސީގެ މަގު އިޚްތިޔާރުކުރުން ނުވަތަ ކުރިމަތިލުމުގެ މަގުން ކުރިއަށް ދިއުން އޮތީ އެމެރިކާގެ އަތްމަތީގައި" ކަމަށެވެ.
އޭނާ ވިދާޅުވީ އީރާނުން މި ދެ މަގަށްވެސް އޮތީ ތައްޔާރަށް ކަމަށެވެ.