އީރާނުން ހުށަހެޅި މަޝްވަރާގެ އެޖެންޑާއަށް އެމެރިކާއިން އެންމެ ފަހުން ދިން ރައްދުގައި، ހަނގުރާމަ ހުއްޓާލުމުގެ ގޮތުން އަމަލީ ގޮތެއްގައި ދޫ ދީފައި ނެތް ކަމަށް އީރާނުގެ މީޑިއާތަކުން އާދިއްތަ ދުވަހު ބުނެފި އެވެ.

ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި، އެމެރިކާއިން ވަނީ ފަސް ނުކުތާގެ ލިސްޓެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އީރާނުން އެންމެ ނިއުކްލިއާ ސައިޓް ހިންގުމަށާއި، މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް އެމެރިކާއާ ހަވާލުކުރުމަށް ޑިމާންޑްކޮށްފައިވެ އެވެ.

މީގެ އިތުރުން، ފެބުރުވަރީ 28 ގައި ފެށުނު ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށާއި، ބޭރުގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ "25 ޕަސެންޓް ދޭން ވެސް" އެމެރިކާއިން އިންކާރުކޮށްފައިވާ ކަމަށް ފާސް އިން ރިޕޯޓްކޮށްފައިވެ އެވެ.

އަދި ހުރިހާ ދިމާލެއްގައި ހަމަލާތައް ހުއްޓާލެވޭނީ މަޝްވަރާތައް ފެށުމުން ކަމަށް އެމެރިކާއިން ޝަރުތުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

"އެމެރިކާއިން އެއްވެސް ކަހަލަ އަމަލީ ދޫދިނުމެއް ނުދީ، ހަނގުރާމައިގެ ތެރޭގައި އެގައުމަށް ހާސިލްނުކުރެވުނު ކަންކަން މަޝްވަރާގެ މޭޒުމަތިން ހާސިލްކުރަން ބޭނުންވަނީ. މީގެ ސަބަބުން މަޝްވަރާތައް ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އަންނާނެ،" ހުށަހެޅުމާ ގުޅޭ ގޮތުން މެހެރް ނިއުސް އެޖެންސީން ބުންޏެވެ.

އީރާނުގެ ހުށަހެޅުމުގައި، ލުބުނާނުގައި އިޒްރޭލުން ހިންގާ ހަރަކާތްތަކާ އެކު ހުރިހާ ތަނެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އޭޕްރީލް 13 އިން ފެށިގެން އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް އުވާލުމަށް ގޮވާލާފައިވެ އެވެ.

މީގެ އިތުރުން، އެމެރިކާއިން ކުރިން އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ބޭރުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެ އެވެ.

ފާސް އިން ބުނި ގޮތުގައި، ހަނގުރާމަ ފެށުނީއްސުރެ އީރާނުން ބޮޑުބައެއް ބަންދުކޮށްފައިވާ، ހަކަތަ ފޮނުވުމުގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގައި އީރާނުން ދެމިއޮންނާނެ ކަމަށް އެގައުމުގެ ހުށަހެޅުމުގައިވެ އެވެ.

އާދިއްތަ ދުވަހު އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަބުލްފަޒްލް ޝެކަރްޗީ ވަނީ، އީރާނަށް އަލުން ހަމަލާނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވައިފަ އެވެ.

"އެމެރިކާގެ މާޔޫސްވެފައިވާ ރައީސަށް އެނގެން ޖެހޭނެ، އޭނާގެ އިންޒާރުތަކަށް އަމަލުކޮށް، އީރާނަށް އަލުން ހަމަލާދީފި ނަމަ، އެ ގައުމުގެ ވަސީލަތްތަކާއި އަސްކަރިއްޔާއަށް މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ކުއްލި، ހައިރާންކުރުވަނިވި އަދި ވަރުގަދަ ރައްދު ހަމަލާތަކެއްގެ ސިލްސިލާއަކާ ކުރިމަތިލާން ޖެހޭނެކަން،" އީރާނުގެ ދައުލަތުގެ ޓީވީން އަސްކަރީ ތަރުޖަމާނާ ހަވާލާދީ ބުންޏެވެ.

ހަމަ އެހެން، ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ހާމިދު ރިޒާ ހާޖީބާބާއީ ވެސް ވަނީ އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދިނުމާ ދެކޮޅަށް އިންޒާރު ދެއްވައިފަ އެވެ.

"އީރާނުގެ ތެލުގެ ވަސީލަތްތަކަށް އެއްވެސް ގެއްލުމެއްދީފި ނަމަ، އެމެރިކާ އަދި މުޅި ދުނިޔެއަށް ވެސް މި ސަރަހައްދުގެ ތެޔޮ ގަންނަން ނުލިބޭނެ ފަދަ ދިގުމުއްދަތުގެ ފިޔަވަޅުތަކެއް އީރާނުން އަޅާނެ،" އިސްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެ އެވެ. -- އޭއެފްޕީ