އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން އަލުން ހަމަލާތައް ފަށައިފި ނަމަ، މެދުއިރުމަތީގެ ހަނގުރާމަ އެ ސަރަހައްދުން ބޭރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު އީރާން އަސްކަރިއްޔާގެ އިންގިލާބީ ލަޝްކަރުން ބުދަ ދުވަހު ދީފި އެވެ.

އިންގިލާބީ ލަޝްކަރުގެ ރަސްމީ ވެބްސައިޓް "ސެޕާ ނިއުސް" ގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، "އީރާނާ ދެކޮޅަށް ހިންގާ އުދުވާންތައް ތަކުރާރުކޮށްފި ނަމަ، މިފަހަރު ސަރަހައްދީ ހަނގުރާމަ އެޔަށްވުރެ މާ ދުރަށް ފެތުރިގެންދާނެ" ކަމަށެވެ. އަދި ބާރުގަދަ ހަމަލާތަކުން "ފުނޑުފުނޑުކޮށްލާނެ" ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

މި އިންޒާރު އައިސްފައިވަނީ، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެމެރިކާއިން އަލުން އީރާނަށް ހަމަލާދީފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ފެބްރުއަރީ 28 ގައި ފެށި ހަނގުރާމަ ހުއްޓުވުމަށް ދެ ފަރާތުން ހުށަހެޅުންތައް ބަދަލުކުރަމުން ދާއިރު، ދެ ގައުމުގެ މެދުގައި ބަހުގެ ހަމަލާތަކާއި އިންޒާރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެޕްރީލް 8 އިން ފެށިގެން މިހާރު އޮތީ ހަމަލާބަދަލުކުރުން މެދުކަނޑާލައިފަ އެވެ.

"އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންނަށް އެނގެންޖެހޭނެ، ދުނިޔޭގައި އެންމެ ބޮޑު ހޭދައެއްކުރާ ދެ ލަޝްކަރުގެ ފުރިހަމަ ބާރާ އެކު އަހަރެމެންނަށް ހަމަލާދިން ނަމަވެސް، އިސްލާމީ އިންގިލާބުގެ ފުރިހަމަ ބާރު އަދި ބޭނުންކޮށްފައި ނުވާކަން،" ރިވޮލިއުޝަނަރީ ގާޑްސްގެ ބަޔާނުގައިވެ އެވެ.

ގާތްގަނޑަކަށް 40 ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމައިގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭ ގޮތަށް އެ ގައުމުގެ އިސް ލީޑަރުންތަކެއް ވަނީ އަވަހާރަކޮށްލައިފަ އެވެ. މިއާ ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ރޮކެޓާއި ޑްރޯން ހަމަލާތައްދީ ބަދަލުހިފައިފަ އެވެ.

ޓްރަމްޕް ވަނީ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އަލުން ހަމަލާދޭން ފަށަން ޖެހިދާނެ ކަމަށް ވިދާޅުވެ، އެއްބަސްވުމަކަށް ދާން އޮތީ މަދު ދުވަސްކޮޅެއްގެ ފުރުސަތު ކަމަށް އަންގާރަ ދުވަހު ވިދާޅުވެފަ އެވެ.  އޭގެ އެއްދުވަސް ކުރިން ޓްރަމްޕް ވިދާޅުވީ، އެންމެ ފަހުން ދޭން އުޅުނު ހަމަލާތައް ފަސްކޮށްފައިވާ ކަމަށާއި އެއީ ގަލްފުގެ އަރަބި ގައުމުތަކުގެ ވެރިން އެންމެ ފަހު ވަގުތު އެގޮތަށް އެދުމުން ނިންމި ނިންމުމެއް ކަމަށެވެ.

"އަހަރެން މި ބުނަނީ ދެ ދުވަސް ނުވަތަ ތިން ދުވަސް، ފަހަރުގައި ހުކުރު، ހޮނިހިރު، އާދީއްތަ، ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު، އެއީ ވަރަށް ކުރު މުއްދަތެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ  ވެސް 'އެކްސް' ގައި ވަނީ "އަލުން ހަނގުރާމައަކަށް އެނބުރި ހިނގައްޖެ ނަމަ، ހައިރާންކުރުވަނިވި މާ ގިނަ ކަންތައްތަކާ ކުރިމަތިލާންޖެހޭނެ" ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ