މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއިން ހުށަހެޅި އާ ހުށަހެޅުންތައް ދިރާސާކުރަމުން އަންނަ ކަމަށް އީރާނުން ބުދަދުވަހު ބުނެފި އެވެ.
އެމެރިކާގެ އާ ހުށަހެޅުމެއް ފޮނުވާފައި ވާއިރު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މަޝްވަރާތައް އޮތީ އެއްބަސްވުމަކަށް އައުމާއި އަލުން ހަމަލާދޭން ފެށުމާ ދެމެދު، މެދު ރޮނގުގައި ކަމަށް ވިދާޅުވެފަ އެވެ.
މަޝްވަރާތައް އޮތީ "ފަހު މަރުހަލާގައި" ކަމަށް ޓްރަމްޕް މީގެ ކުރިން ވިދާޅުވި ފަހުން އޭނާ ވަނީ ސިޔާސީ ހައްލަކަށް އޮތް ފުރުސަތު ވަރަށް އަވަހަށް ބަންދުވެދާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.
"މިއޮތީ ހަމަ ބޯޑަރުމަތީގައި...،" ވޮޝިންޓަނާ ކައިރީގައި އޮންނަ ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވާ ރަނގަޅު ޖަވާބުތައް ނުލިބިއްޖެ ނަމަ، ކަންކަން ވަރަށް އަވަހަށް ބަދަލުވާނެ. އަޅުގަނޑުމެން މިތިބީ ފިޔަވަޅު އަޅަން ތައްޔާރަށް."
އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމަކަށް "ވަރަށް އަވަހަށް" ނުވަތަ "މަދު ދުވަސްކޮޅެއްގެ ތެރޭގައި" އާދެވިދާނެ އެވެ. ނަމަވެސް އީރާޏުން "100 ޕަސެންޓް ރަނގަޅު ޖަވާބުތަކެއް" ދޭންޖެހޭނެ ކަމަށް އިންޒާރު ދެއްވި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އީރާނަށް "އެމެރިކާގެ ފަރާތުން ވިސްނުންތައް" ލިބިފައިވާ ކަމަށާއި، މިހާރު އެ ކަންކަން ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ބަންދުކޮށްގެން ތިބުން ހުއްޓާލުމަށް އީރާނުން ކުރަމުންދާ ޑިމާންޑުތައް އޭނާ ތަކުރާރުކުރެއްވި އެވެ.
އީރާނުން އެއްބަސްވުމަކަށް ނައިސްފި ނަމަ އާ ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، މަޝްވަރާތަކުގައި އީރާނުގެ އިސް އޮފިޝަލް މުހައްމަދު ބާގިރު ގާލީބާފް ވަނީ އެމެރިކާއިން މަސައްކަތް ކުރަނީ އަލުން ހަނގުރާމަ ފެށުމަށް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
އޭޕްރީލް 8 ގައި ގާއިމުކުރި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ އެކު އީރާނާއި، އެމެރިކާ އަދި އިޒްރޭލާ ދެމެދު ހަމަލާތައް ހުއްޓުނު ނަމަވެސް، ހަނގުރާމައިގެ މައިދާނުގެ ބަދަލުގައި މިހާރު ކުރިއަށްދަނީ ބަހުގެ ހަމަލާތަކެކެވެ.
އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުންދާއިރު، އީރާނުގެ އޮފިޝަލުން ވެސް ދަނީ ރައްދުގައި އިންޒާރުތައް ވަރުގަދަކުރަމުންނެވެ. އީރާންގެ އަސްކަރިއްޔާއިން ބުނަ ދުވަހު ވަނީ އަލުން ހަމަލާ ދީފި ނަމަ ކުރިއަށް އޮތް ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެންދާނެ ކަމުގެ އިންޒާރު ދީފަ އެވެ.