ވަޒީފާއެއް ނެތް ޒުވާނުންނާ ބެހޭ ގޮތުން އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ދެއްކެވި ވާހަކައަކާ ގުޅިގެން، އިންޓަނެޓުގައި ސިޔާސީ މަލާމާތުގެ ކެމްޕޭނެއްގެ ގޮތުގައި ފެށި "ކޮކްރޯޗް ޖަނަތާ ޕާޓީ" ގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު، އެންމެ ފަސް ދުވަސް ތެރޭގައި 11 މިލިއަނަށް ވުރެ އިތުރުވެއްޖެ އެވެ.

ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިންސްޓްރާގްރާމް ފޮލޯވަރުންގެ އަދަދަކީ 8.7 މިލިއަނެވެ. އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންގްރެސްގެ ފޮލޯވަރުންގެ އަދަދު 13.2 މިލިއަނަށް އަރަ އެވެ. 

އަބީޖީތު ދިޕްކޭ ކިޔާ ޒުވާނަކު ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ) ގެ ނަމުގައި ޖެހި ޕޯސްޓެއް ކުއްލިއަކަށް ވައިރަލްވީ އުއްތަމަ ފަނޑިޔާރު ޒުވާނުން ސިފަކޮށް ދެއްކި ވާހަކައަށް އުފެދުނު ބޮޑު ރުޅިވެރިކަމުގަ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ޒުވާނުންނަށް ފާޑުވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދި އަޑުއެހުމެއްގަ އެވެ. އޭނާ ވިދާޅުވީ ނިޒާމަށް ހަމަލާދެމުންދާ "ޕެރަސައިޓްތަކެއް" އުޅޭ ކަމަށެވެ. އަދި ވަޒީފާއެއް ނުލިބި، އެއްވެސް ދާއިރާއަކުން ޖާގައެއް ނެތް ބައެއް ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ޒުވާނުން ކުރާނެ މަސައްކަތެއް ނެތުމުން މީޑިއާ، ސޯޝަލް މީޑިއާ އަދި އާރްޓީއައި އެކްޓިވިސްޓުންނަށް ބަދަލުވެ، އެންމެނަށް ހަމަލާދޭން ފަށާ ކަމަށެވެ. 

"އެއްވެސް ވަޒީފާއެއް ނުލިބި، ނުވަތަ އެއްވެސް ދާއިރާއަކުން ޖާގައެއް ނެތިގެން އުޅޭ، ކުރަފިތަކެއް ފަދަ ޒުވާނުން އެބަ އުޅޭ. މީގެ ތެރެއިން ބައެއް މީހުން މީޑިއާއަށް ވަދެ، އަނެއް ބަޔަކު ސޯޝަލް މީޑިއާ، އާރްޓީއައި އެކްޓިވިސްޓުން އަދި އެހެނިހެން އެކްޓިވިސްޓުންނަށް ބަދަލުވެ، އެންމެނަށް ހަމަލާދޭން ފަށާ،" އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އޭގެ ފަހުން ވަނީ އޭނާ ދެއްކެވި ވާހަކަ ސާފުކޮށްދެއްވައިފަ އެވެ.  އޭނާ ވިދާޅުވީ، އެއީ ސައްހަ ނޫން ސެޓްފިކެޓްތައް ހޯދައިގެން އުޅޭ ބައެއް މީހުންނަށް އަމާޒުކޮށް ދެއްކެވި ވާހަކައެއް ކަމަށާއި، އިންޑިއާގެ ޒުވާނުންނަށް އަމާޒުކުރެއްވި ބަސްތަކެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ ޒުވާނުންނަކީ "ތަރައްގީވެފައިވާ އިންޑިއާގެ ބިންގާ" ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

ނަމަވެސް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ވަތަނީ ސަރުކާރުގެ 12 އަހަރުގެ ވެރިކަމުގައި އުފެދިފައިވާ ވަޒީފާނެތް މީހުންގެ ބޮޑު މައްސަލަ އާއި ތަކެތީގެ އަގުބޮޑުވުމާއި ދީނީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ޖެންޒީ ސޯޝަލް މީޑިއާ އާބާދީން މި ވާހަކަތަކެއް ނޭހި އެވެ. 

ސޯޝަލް މީޑިއާގައި ރުޅިވެރިކަން ބަންޑުވަމުން ދިޔަ ވަގުތު "ކުރަފި ޕާޓީ" ވައިގައި ހިފީ ދިޕްކޭ 'އެކްސް' ގައި ކުރި ޕޯސްޓަކާ އެކުގަ އެވެ. 

 "ހުރިހާ ކުރަފިތަކެއް އެއްވެއްޖެ ނަމަ ވާނީ ކިހިނެއް؟" އޭނާގެ ޕޯސްޓުގައިވެ އެވެ.

އޭނާ ކުރި އެ ސަމާސާއާ އެކު، މާޔޫސްކަމާއި ނުރުހުމުގައި ތިބި ޒުވާނުން 'ކޮކްރޯޗް ޖަނަތާ ޕާޓީ' ނަމުގައި ވެބްސައިޓަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެދި އެވެ. 

"ވެރިކަމުގައި ތިއްބެވި ބޭފުޅުން ގަބޫލުކުރައްވަނީ ރައްޔިތުންނަކީ ކުރަފި އަދި ޕެރަސައިޓްތަކެއް ކަމަށް،" ޗިކާގޯގައި އުޅޭ ދީޕްކޭ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. "އެ ބޭފުޅުން ދަންނަންޖެހޭނެ ހަގީގަތަކީ ކުރަފި އާލާވަނީ ކުނިވެ ފުޅަ އަޅާފައިވާ ތަންތަނުގައިކަން. މިއަދު އިންޑިއާ އޮތް ހާލަތަކީ އެއީ."

ސީޖޭޕީއަށް ތާއީދުކުރާ ނުވަތަ އެކަމަށް ހިތްވަރުދޭ ސިޔާސީ ބޭފުޅުންނާއި، ސިޔާސީ ދާއިރާއިން ބޭރުގެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ޔޫޓިއުބަރުންނާއި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ކަމަށްވާ ދްރޫވް ރާތީ އާއި ތަޖުރިބާކާރު އެކްޓިވިސްޓް އަދި ގާނޫނީ ވަކީލު ޕްރަޝާންތު ބުޝާން ހިމެނެ އެވެ. މީގެ އިތުރުން ވެސް ސިޔާސީ މައިދާނުން އެތައް ބައެއްގެ ތާއީދު ސީޖޭޕީއަށް އަންނަނީ ފާޅުކުރަމުންނެވެ. މި ނަމުގައި ޕާޓީއެއް ހެދުމަށް ގޫގުލް ފޯމް މެދުވެރިކޮށް ވެސް އެތައް ލައްކަ ބަޔަކު ވަނީ މިހާރު ފޯމު ހުށަހަޅައިފަ އެވެ.