ވަޒީފާއެއް ނެތި އުޅޭ ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ސިފަކުރެއްވުމުން ޒުވާނުން އައި ރުޅީގައި ސޯޝަލް މީޑިއާގައި ހެދި "ކޮކްރޯޗް ޕީޕަލްސް ޕާޓީ" ގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބްލޮކް ކުރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ފަށައިފި އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ-ވަތަނީ ފިކުރުގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ރައްދުވާ ގޮތަށް މި ޕެރޮޑީ "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ) ގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމާ އެކު ހަފްތާއެއް ނުވެ ބީޖޭޕީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ފޮލޯވަރުންނަށް ވުރެ މީހުން ވަނީ ގިނަވެފަ އެވެ. އަދި އިންޑިއާގެ އެތައް މިލިއަން ޒުވާނުންނެއް ސޯޝަލް މީޑިއާގައި އުއްތަމަ ފަނޑިޔާރާއި ސަރުކާރަށް އަދި ޖުމްލަކޮށް ސިޔާސީ ބޯދާ ފިކުރާ ދެކޮޅަށް ގެންދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.
މިކަމާ ހެދި އުއްތަމަ ފަނޑިޔާރު ފަހުން ވަނީ އޭނާގެ ވާހަކަ މާނަ އޮޅޭ ގޮތަށް ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭނާ އިޝާރާތްކުރެއްވީ ފޭކު ސެޓްފިކެޓް ބޭނުންކުރާ މީހުންނަށް ކަމަށެވެ.
ޒުވާނުންގެ ރުޅިވެރިކަމުގެ ތެރޭގައި ސީޖޭޕީ ހެދީ، އެމެރިކާގެ ބޮސްޓަން ޔުނިވާސިޓީގައި ކިޔަވަމުންދާ އުމުރުން 30 އަހަރުގެ އިންޑިއާގެ ދަރިވަރު، އަދި އިދިކޮޅު އާމް އާދްމީ ޕާޓީ (އޭއޭޕީ) ގައި ކުރިން މަސައްކަތް ކުރި ޕޮލިޓިކަލް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓެއް ކަމަށްވާ އަބީޖީތު ދިޕްކޭ، މި މަހުގެ 16 ވަނަ ދުވަހު އެވެ. މިއީ ރަސްމީ ސިޔާސީ ޕާޓީއެއްގެ ބަދަލުގައި ހިޔާލީ އަދި މަލާމާތުގެ ގޮތުން ކުރި ކަމެކެވެ.
"ޒުވާނުންނަށްޓަކައި، ޒުވާނުންގެ ފަރާތުން، ޒުވާނުން ހިންގާ ސިޔާސީ ހަރަކާތެއް" މި ޝިއާރު ބޭނުންކޮށްގެން ސީޖޭޕީގެ މަގުބޫލުކަން ވަރަށް ބޮޑަށް އުފުލިގެން ދިޔަ އެވެ.
އެކްސްގައި މި ޕާޓީއަށް 218،000 ފޮލޯވަރުން ލިބުނެވެ. ނަމަވެސް އާ އެކައުންޓެއް ހެދުމުގެ ކުރިން އިންޑިއާގައި އެ އެކައުންޓް ބްލޮކް ކުރި އެވެ.
"ކޮކްރޯޗް އިޒް ބެކް" ގެ ނަމުގައި ހެދި އެކްސް އެކައުންޓަށް، މަދު ގަޑިއިރުތަކެއްގެ ތެރޭގައި 150,000 އެއްހާ ފޮލޯވަރުން ލިބުނުއިރު، މީގެ އިތުރުން ގިނަ އަދަދެއްގެ ޕެރޮޑީ އެކައުންޓްތައް ވެސް އުފެދުނެވެ.
އިންޑިއާއަކީ ސޯޝަލް މީޑިއާ ކޮންޓެންޓް ވަރަށް ބޮޑަށް ކޮންޓްރޯލްކުރާ ގައުމަކަށް ވާއިރު، "ސަރުކާރުން ނުރުހޭ" ކޮންޓެންޓްތައް ހިމެނޭ އެކައުންޓްތައް ހިފެހެއްޓުމަށް ނުވަތަ އުނިކުރުމަށް ޕްލެޓްފޯމްތަކުގައި އެދެ އެވެ.
އިންޑިއާގައި އަދިވެސް އޮންލައިންކޮށް ހުރި މި ޕާޓީގެ އިންސްޓަގްރާމް އެކައުންޓުގައި ގާތްގަނޑަކަށް 20 މިލިއަން ފޮލޯވަރުން އެބަތިއްބެވެ. އިންސްޓަގްރާމްގައި ބީޖޭޕީގެ ނުވަ މިލިއަން ފޮލޯވަރުން ތިބި އިރު، މައި އިދިކޮޅު ކޮންގްރެސް ޕާޓީގައި ތިބީ 13 މިލިއަން ފޮލޯވަރުންނެވެ.
"އަހަރެމެން ފިއްތާލަން މަސައްކަތް ކުރި ވަރަކަށް، އަހަރެމެން މާ ގަދަޔަށް ތެދުވާނަން،" ހުކުރު ދުވަހު ސީޖޭޕީން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ދިޕްކޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ ޒުވާނުންނަކީ ގިނަ ބަޔަކު ގަބޫލުކުރާ ވަރަށް ވުރެ މާ ހޭލުންތެރި، ބުއްދިވެރި އަދި ސިޔާސީ ގޮތުން ވިސްނުންތޫނު ބައެއް ކަމަށެވެ.
"އެމީހުންނަށް އެމީހުންގެ ދުސްތޫރީ ހައްގުތައް އެނގޭ، އަދި ސުލްހަވެރި އަދި ޑިމޮކްރެޓިކް ވަސީލަތްތަކުގެ އެހީގައި އެމީހުންގެ ނުރުހުން ފާޅުކުރާނެ،" އޭނާ އިތުރަށް ބުންޏެވެ.
އިދިކޮޅު ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޝަޝީ ތަރޫރު ވިދާޅުވީ، މި ޕާޓީގެ މަގުބޫލުކަން ހަލުވިކަމާ އެކު އިތުރުވުމުން ދޭހަކޮށްދެނީ އިންޑިއާގެ ޒުވާނުންގެ މެދުގައި ނާއުންމީދާއި ހިތްހަމަނުޖެހުން އޮތް މިންވަރު ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިއީ ޑިމޮކްރަސީއެއްގައި ވަރަށް ދުޅަހެޔޮ ކަމެއް — މީހުންނަށް އެމީހުންގެ އެދުންތައް ފާޅުކުރުމުގެ ތަފާތު ގޮތްތައް ހުރުމަކީ،" ހުކުރު ދުވަހު އިންޑިއަން އެކްސްޕްރެސް ނޫހަށް އޭނާ ވިދާޅުވި އެވެ.
"މަލާމާތާއި މަޖާ އެކުލެވޭ، އެހެނަސް ހަމައެއާ އެކު ނުހަނު ސީރިއަސް ކަމެއް މިއީ ޒުވާނުންގެ ހިތްހަމަނުޖެހުންތައް ބޭރުކޮށްލުމަށް ލިބޭ ވަރަށް ރަނގަޅު ވަސީލަތެއް."
މިކަމާ ގުޅޭގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން އަދި އެއްޗެއް ނުބުންޏަސް، އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސް އެކައުންޓް ބްލޮކްކުރީ އެ ގައުމުގެ އެތެރޭގެ އިންޓެލިޖެންސް އެޖެންސީގެ ލަފާގެ މަތިންނެވެ.
"ދަ ޓައިމްސް އޮފް އިންޑިއާ" ނޫހުގެ ހުކުރު ދުވަހުގެ އެޑިޓޯރިއަލް ހާއްސަކޮށްފައި ވަނީ ސީޖޭޕީ އަށެވެ.
"ކުރަފިތައް... އެއްވެސް ބިރެއްނެތި ކޮންމެ ކަނަކުން ދެމިގަނޭ، އަދި ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އެއްޗެހި ބޭރުކޮށްލުމަކީ އުނދަގޫ ކަމެއް،" އެ ނޫހުގައިވެ އެވެ.
"އަޅުގަނޑުމެން ބުނަން ކެރިދާނެ ސީޖޭޕީ އަކީ މިހާރު ހުރި ސިޔާސީ ޕާޓީތަކަށް ބޮޑު ވާދަވެރިކަމަކަށް ވެދާނެއޭ."