އީރާނު ރައްޔިތުންގެ ހައްގުތައް ކަށަވަރުނުވާ އެއްވެސް އެއްބަސްވުމެއްގައި އެމެރިކާއާ އެކު އީރާނުން ސޮއި ނުކުރާނެ ކަމަށް، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގައި އެ ގައުމުގެ ފަރާތުން މަޝްވަރާގައި އިސްކޮށް ހުންނަވާ އީރާނުގެ އިސް ވެރިޔާ މުހައްމަދު ބާގިރު ގާލީބާފް އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

"އީރާނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވިއްޖެކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުން މެނުވީ އަޅުގަނޑުމެން އެއްވެސް އެއްބަސްވުމަކަށް ހުއްދައެއް ނުދޭނަން،" ދައުލަތުގެ ޓީވީން ދެއްކި ވީޑިއޯ ބަޔާނެއްގައި ގާލީބާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އީރާނުގެ މަޝްވަރާ ޓީމުން "ދުޝްމަނުންގެ ބަސްތަކަކަށް ވެސް އަދި އެމީހުންގެ ވައުދުތަކަކަށް ވެސް އިތުބާރެއް ނުކުރާނެ" ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، ފެބުރުއަރީ 28 ގައި ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ އޮނިގަނޑާ ބެހޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ހުށަހެޅުންތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ހޮނިހިރު ދުވަހު، ނިއު ޔޯކް ޓައިމްސް އަދި އެކްސިއޯސް މީޑިއާ އައުޓްލެޓްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިހާރު ހިމަނާފައިވާ ވަރަށް ވުރެ "ހަރުކަށި" ޝަރުތުތަކެއް ހިމެނޭ އާ އޮނިގަނޑެއް، އީރާނުން ވިސްނުމަށްޓަކައި އަނބުރާ ފޮނުއްވައިފަ އެވެ.

އެ ހަރުކަށި ޝަރުތުތަކަކީ ކޮބައިކަމެއް އަދި ސާފެއް ނުވެ އެވެ.

އެމެރިކާއާ އެކު ވެވޭ ކޮންމެ އެއްބަސްވުމެއްގެ ދަށުންވެ ސް، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއި ލިބުމާއި، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާ ދޫކޮށްލުމަކީ ކަށަވަރުކުރަންޖެހޭ މައިގަނޑު ހައްގުތަކެއްގެ ގޮތުގައި އީރާނުން ދެކެ އެވެ.

ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަނީ ވަރަށް ބޮޑަށް ހިފަހައްޓައިފަ އެވެ. އަދި އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ބެލެހެއްޓުމަކީ އެގައުމުގެ ހައްގެއް ކަމަށް އީރާނުން އަންނަނީ ބުނަމުންނެވެ. -- އޭއެފްޕީ