އެމެރިކާ އާއި އީރާނާ ދެމެދު އަނެއްކާވެސް ހަމަލާތަކެއް ބަދަލުކޮށްފައިވާ ކަމަށް ހޯމަ ދުވަހު އެ ދެ ގައުމުން ބުނެފި އެވެ.
މި ހަމަލާތަކުގެ ސަބަބުން، ކުރިންވެސް ނާޒުކު ފައްތަރެއްގައި އޮތް ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް އިތުރު ލޮޅުންތަކެއް އަރާފައިވާއިރު، ދެ ފަރާތުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ހަރުކަށި ބަސްމަގާއި ބައެއް ފަހަރު ފެންމަތިވާ ކުރިމަތިލުންތަކާ އެކު، އެތައް ހަފުތާއެއްގެ މުއްދަތަށް ކުރިއަށްދިޔަ އޮޅުންބޮޅުން ބޮޑު މަޝްވަރާތަކުން ވެސް މި ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތެއް އަދި ނުވެ އެވެ. އަދި ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ނުހަނު މުހިންމު ސަރަހައްދެއް ކަމަށްވާ ހޯމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ ބެހޭގޮތުން ވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
އީރާނުގެ ނިއުކްލިއާ މަސައްކަތްތަކާއި ލުބްނާންގައި ހިނގަމުންދާ ކުރިމަތިލުންތަކާ މެދު އެމެރިކާ އާއި އީރާނާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. މީގެ އިތުރުން، ފުޅާ ދާއިރާއެއްގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ލުބްނާންގެ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ދަނީ ޝަރުތުކުރަމުންނެވެ.
އެންމެ ފަހުން ބަދަލުކުރި މި ހަމަލާތައް ދިމާވީ، އިޒްރޭލުން ލުބްނާންގައި ހިންގަމުންދާ އުދުވާންތައް އިތުރަށް ފުޅާކުރި ވަގުތާ އެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ލުބްނާންގެ އެތެރެއަށް އިތުރަށް ވަދެގަނެ، ހަމަލާތައް ވަރުގަދަކުރާނެ ކަމަށް އިންޒާރު ދީފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ނިމިދިޔަ ހަފްތާ ބަންދުތެރޭ އީރާންގެ ދެކުނު ސަރަހައްދުގައި ހުރި އީރާނުގެ ރާޑަރުތަކަށާއި ޑްރޯން ކޮންޓްރޯލްކުރާ މަރުކަޒުތަކަށް އަމާޒުކޮށް "އަމިއްލަ ދިފާއުގައި" ހަމަލާތަކެއް ވަނީ ދީފަ އެވެ. މިއީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން މިފަދަ ހަމަލާތަކެއް ދިން ތިންވަނަ ފަހަރެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވާ ގޮތުގައި، މި ހަމަލާތަކަކީ އެމެރިކާގެ އެމްކިއު-1 މާކްސްމަން (ޑްރޯން) އެއް ވައްޓާލުމާ ގުޅިގެން، އެކަމުގެ ރައްދުގައި ދިން ހަމަލާތަކެކެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ އެމެރިކާގެ އަސްކަރިއްޔާއިން "އެ ހަމަލާތައް ފޮނުވާލި ވައިގެ ލަޝްކަރީ މަރުކަޒަށް" އަމާޒުކޮށް ހަމަލާދީފައި ކަމަށް އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރުން ހޯމަ ދުވަހު ބުންޏެވެ. ނަމަވެސް އެއީ ކޮން ތަނެއްގައި ހުރި މަރުކަޒެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އީރާނުގެ އަސްކަރިއްޔާއިން މި ބަޔާން ނެރުނުމާ އެކުހެން ކުވައިތުން ވަނީ މިސައިލް އަދި ޑްރޯން ހަމަލާތަކަކަށް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުރަސްއަޅައި ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ހަމަލާތައް އައީ ކޮން ގައުމަކުން ނުވަތަ ކޮން ދިމާލަކުން ކަމެއް ކުވައިތުން ހާމަކޮށްފައެއް ނުވެ އެވެ.