ހަނގުރާމައާ ގުޅިގެން އީރާނުން ކޮންޓްރޯލްކުރަމުން އަންނަ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓިއްޖެ އެވެ. 

މި ހާދިސާ މީޑިއާއިން ރިޕޯޓްކޮށްފައި ވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އެކަމަކު ވިދާޅުވީ އޭގައި ތިބި ދެ ޕައިލެޓުންނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އަޕާޗޭ ހެލިކޮޕްޓަރަށް ހަމަލާދީ ވައްޓާލުމުން ކަމެއް، މެކޭނިކަލް މައްސަލައެއް ދިމާވެގެން ކަމެއް ނުވަތަ އެހެން ކަމެއް ދިމާވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެންމެ ފުރަތަމަ މި ވާހަކަ ރިޕޯޓްކުރި ނިއު ޔޯކް ޓައިމްސްއިން ބުނީ މި މައުލޫމާތު ލިބިފައިވާ ދެ މީހަކު އެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

"ޕައިލެޓުންގެ ހާލު ރަނގަޅު، އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ،" އެންބީއޭ ފައިނަލްސް މެޗަކަށް ވަޑައިގަތުމަށް ފަހު ނިއު ޔޯކުން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ، އޭނާ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން މާދަމާ މިކަމާ ގުޅޭ ރިޕޯޓެއް ނެރޭނަން" ކަމަށެވެ.

މީގެއިތުރުން، އީރާނާއި އިޒްރޭލާ ދެމެދު އަލުން ހަނގުރާމަ ފެށިދާނެ ފަދަ ހަމަލާތަކެއް ބަދަލުކޮށްފައި ވިޔަސް އީރާނާ އެކު ސުލްހައިގެ ދާއިމީ އެއްބަސްވުމެއް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގައި މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.