އެމެރިކާގެ އަސްކަރީ އެޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލި މައްސަލައިގައި ބަދަލުހިފުމުގެ ގޮތުން، އެމެރިކާ ސިފައިން އީރާނުގެ ދެކުނު އައްސޭރިފަށުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ހޯމަ ދުވަހުގެ ރޭ އީރާނުން އެމެރިކާގެ ހެލިކޮޕްޓަރަށް ދިން ހަމަލާގެ ރައްދުގައި ދޭންޖެހޭ "ވަރަށް ވަރުގަދަ" ހަމަލާތަކެއް ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އީރާނުން "ސަބަބަކާ ނުލައި" ދިން ހަމަލާގެ ރައްދު ދިނުމުގެ ގޮތުން، ރައީސް އަދި ކޮމާންޑަ އިން ޗީފް ޓްރަމްޕުގެ ސީދާ އަމުރަށް ދިފާއީ ފިޔަވަޅެއްގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.
އެމެރިކާގެ ހަމަލާތަކާ ގުޅޭގޮތުން ޑިޖިޓަލް ނޫސް އެޖެންސީ "އެކްސިއޯސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން މައިގަނޑު ގޮތެއްގައި ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ރާޑަރު މަރުކަޒުތަކަށެވެ.
އީރާނުގެ ރަސްމީ މީޑިއާތަކުން ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ދެކުނު އައްސޭރިފަށުގެ މުހިންމު ރަށްތަކެއް ކަމަށްވާ "ބަންދަރު އައްބާސް" އާއި "ގިޝްމް" އިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެ އެވެ. އަދި ފަހުން ވެސް އާ ހަމަލާތަކެއް ވަނީ އަމާޒުވެފަ އެވެ. އީރާނުގެ މީޑިއާތަކުން ފުރަތަމަ ބުނީ ހަމަލާތަކަށްފަހު މަސްރަހު ފިނިވެފައިވާ ކަމަށެވެ. ނަމަވެސް ފަހުން ލިބުނު ވަނީ އެ ސަރަހައްދަށް އިތުރު ހަމަލާތަކެއް ދިން ކަމަށް ބުނެފަ އެވެ.
މި ހަމަލާތަކުގެ ޚަބަރާއެކު ދުނިޔޭގެ މާލީ ބާޒާރަށް ބޮޑު ސިހުމެއް ލިބި، ސާފުނުކުރާ ތެލުގެ އަގު ވަނީ 1.4 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މިއާ އެކު އެމެރިކާގެ ތެލުގެ މައި ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިޔުޓީއައި) ގެ ފީފާއެއްގެ އަގު ވަނީ 89.40 ޑޮލަރަށް އުފުލިފަ އެވެ. މީގެ ކުރިން ޓްރަމްޕް އީރާނާ އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއް ކުރެއްވުމުން ތެލުގެ އަގު ދަށަށް ދާން ފަށާފައި އޮތް ނަމަވެސް، މި ހަމަލާއާ އެކު އަގުތައް އަނެއްކާ ވެސް އުފުލުނީ އެވެ.
އީރާނުގެ އިންޒާރު
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ އެމެރިކާއަށާއި އެ ސަރަހައްދުގައި ތިބި ބޭރުގެ ފައުޖުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ. އޭނާ ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އެމެރިކާއިން މި އުޅެނީ އީރާނުގެ ކެތްތެރިކަން އިމްތިހާނުކުރަން ކަމަށެވެ.
"އަހަރެމެންގެ ހަތިޔާރު އެޅި ވަރުގަދަ ފައުޖުތަކުން އެއްވެސް ހަމަލާއެއް ނުވަތަ ބިރުދެއްކުމަކަށް ރައްދެއް ނުދީ ދުލެއް ނުކުރާނެ. ސަލާމަތްތެރިކަން ބޭނުން ނަމަ އަހަރެމެންގެ ސަރަހައްދު ދޫކޮށް ދޭ،"އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ ލިޔުއްވާފައިވެ އެވެ.
އަރާގްޗީ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ނޫނެވެ. އެއީ އީރާނާއި އޮމާން ހިއްސާކުރާ ސަރަހައްދެކެވެ. އެހެންވެ އެ ސަރަހައްދުގައި ތިބޭ ބޭރުގެ ބާރުތަކަށް ހެދޭ ގޯސްތަކުގެ ސަބަބުން ނުވަތަ ދެފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރެވޭ، ކޮންމެ ވަގުތަކުވެސް ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަހަރެމެން ޑިޕްލޮމަސީގެ ބަހަށް އިސްކަންދެން، އެކަމަކު އެހެން ބަސްބަހުން ވާހަކަދައްކަން ވެސް ދަންނަން،" އަރާގްޗީ ވިދާޅުވި އެވެ.
އީރާނުން ވައްޓާލި އެމެރިކާގެ އެޕާޗޭ ހެލިކޮޕްޓަރަކީ މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވައްޓާލި އެމެރިކާގެ ދެވަނަ އަސްކަރީ އުޅަނދެވެ. މީގެ ކުރިން އޭޕްރީލް މަހުގެ ތެރޭގައި އެމެރިކާގެ އެފް-15 ޖެޓެއް ވެސް ވައްޓާލައިފަ އެވެ.
އޮމާންގެ އައްސޭރިފަށާ ކައިރިއަށް ހެލިކޮޕްޓަރު ވެއްޓުނު ނަމަވެސް، އޭގައި ތިބި އެމެރިކާ ސިފައިންގެ ދެ މީހުން ވަނީ ސަލާމަތްކުރެވިފަ އެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި، ހެލިކޮޕްޓަރު ވެއްޓުނުތާ ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭގައި ނޭވަލް ސާފޭސް ޑްރޯން ބޭނުންކޮށްގެން އެ ދެ ސިފައިން ވަނީ ކަނޑުން ނަގައިފަ އެވެ. އެމީހުންގެ ހާލު މިހާރު ސްޓޭބަލް ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.
މި ހަމަލާތައް މިދިނީ، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ނިމުމުގެ މަރުހަލާގައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އޭޕްރީލް 8 އިން ފެށިގެން ހަމަލާތައް މެދުކަނޑާލައިގެން ތިބުމަށް ފަހު މިދިޔަ ހަފްތާ ބަންދުގައި އީރާނާއި އިޒްރޭލުން އަލުން ހަމަލާތައް ބަދަލުކުރުމުން އެ އެއްބަސްވުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.
އަނެއްކޮޅުން، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި އަދިވެސް ގެންދަނީ ކުރިއަށެވެ. ލުބުނާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ލުބުނާނުގެ ދެކުނުގައި އޮންނަ ތާރީހީ ރަށެއް ކަމަށްވާ އިތާރާތަށް އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާތަކެއްގައި 11 މީހުން ވަނީ މަރުވެފަ އެވެ.
އީރާނުން ބުނަމުންދަނީ މެދުއިރުމަތީގައި ހަނގުރާމަ ހުއްޓާލެވޭނީ ލުބުނާނުގައި ވެސް ހަމަލާތައް ހުއްޓާލައިގެން ކަމަށެވެ. ލުބުނާނުގެ ހިޒްބުالله ޖަމާއަތުން މާޗް 2 ގައި އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުން ކަމަށް ބުނެ، އިޒްރޭލުން ވަނީ ލުބުނާނަށް އަރައިގަނެ، ބޮންއަޅައި 3،600 އަށްވުރެ ގިނަ މީހުން މަރާލައިފަ އެވެ.