އެމެރިކާއިން އޮމާންގެ އައްސޭރިފަށުން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި ގެއްލުނު އިންޑިއާގެ ތިން ފަޅުވެރިން ވަނީ މަރުވެފައި ކަމަށްއިންޑިއާގެ ޝިޕިން މިނިސްޓަރު ސަރްބާނަންދާ ސޮނޮވަލް މިއަދު ދުވަހު ވިދާޅުވެއްޖެ އެވެ.

ޕަލާއޫގެ ދިދާގައި ދަތުރުކުރި "އެމްޓީ ސެޓެބެލޯ" އަށް އިއްޔެ ދިން ހަމަލާއާ ގުޅޭގޮތުން ސޮނޮވަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގެއްލިގެން ރިޕޯޓްކުރި އިންޑިއާގެ ތިން ފަޅުވެރިންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. 

މަރުވެފައި ވަނިކޮށް ފެނުނު ތިން މީހުންނަކީ އިންޑިއާގެ ގެއްލުނު ތިން މީހުންކަން ޔަގީންވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ބުދަ ދުވަހު "އެމްޓީ ސެޓެބެލޯ" އަށް އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން، ރަސްމީކޮށް އިހުތިޖާޖު ކުރުމަށްޓަކައި އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ނިއު ދިއްލީގައި ހުންނަވާ އެމެރިކާގެ އިސް ޑިޕްލޮމޭޓަކު ހާޒިރުކޮށްފަ އެވެ.

މިއީ އިންޑިއާ މީހުން ތިބި އުޅަނދަކަށް އެމެރިކާއިން މި ހަފުތާގެ ތެރޭގައި ހަމަލާދިން ކަމަށް ރިޕޯޓްކުރި ދެވަނަ ފަހަރެވެ.

މި މަހުގެ 8 ވަނަ ދުވަހު ވެސް، ޕަލާއޫގެ ދިދާގައި ދަތުރުކުރި "އެމްޓީ މަރިވެކްސް" ނަމަކަށް ކިޔާ ޓޭންކަރަކަށް އެމެރިކާއިން ހަމަލާ ދީފައި ވާއިރު އޮމާންގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންޑިއާގެ 24 ފަޅުވެރިއަކު އެ އުޅަނދުގައި ތިއްބާ ހެލިކޮޕްޓަރުގައި ގޮސް ސަލާމަތްކޮށްފަ އެވެ.

"ފޯވާޑް ސީމެންސް ޔޫނިއަން އޮފް އިންޑިއާ" އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އުޅަނދުގެ ބްރިޖާއި ފަޅުވެރިން ތިބޭ ކެބިންތަކުން ކަޅު ދުން އަރަމުންދިޔަ ވަގުތު، ހެލިކޮޕްޓަރުން ވާގަނޑެއް ބޭނުންކޮށްގެން ފަޅުވެރިން މައްޗަށް ނަގަމުންދިޔަ އެވެ.

"ސަލާމަތްކުރެވުނު ފަޅުވެރިން ވަގުތުން ގައުމަށް އަނބުރާ ގެނައުމަށާއި، މަރުވި މީހުންގެ ޖަނާޒާގެ ކަންތައްތައް ނިންމުމަށްޓަކައި އެމީހުންގެ ހަށިގަނޑުތައް ވީ އެންމެ އަވަހަކަށް ގައުމަށް ރައްދުކޮށްދިނުމަށް އަޅުގަނޑު ވާނީ އޮފިޝަލުންނަށް އަންގާފައި،" މިނިސްޓަރު ވިދާޅުވި އެވެ.