މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާއާ އެކު ހަދާ އެއްބަސްވުމުގެ މުހިންމު މާއްދާތައް އީރާންގެ މީޑިއާއިން ހާމަކޮށްފި އެވެ.
މެހްރް ނިއުސް އެޖެންސީން ބުނި ގޮތުގައި އީރާނާއި އެމެރިކާގެ ކުރިމަތިލުން ނިމުމަކަށް ގެނެސް ހަނގުރާމަ ހުއްޓާލާއިރު ލުބްނާންގައި ވެސް ހަމަލާތައް ހުއްޓާލަން ޖެހެ އެވެ. އަދި މިއީ ހުރިހާ ތަނެއްގައި ވަގުތުން އަދި ދާއިމަށް ހަމަލާތައް ހުއްޓާލަން ލާޒިމްކުރާ އެއްބަސްވުމެއް ކަމަށް ބުންޏެވެ.
އީރާނާ އެކު ފުރިހަމަ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި މި ހަފްތާ ބަންދުގައި އެއްބަސްވުމުގައި ސޮއިކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ އިއުލާނުކުރައްވާފައި ވަނިކޮށް އީރާންގެ މީޑިއާއިން ހާމަކުރި ގޮތުގައި ފުރަތަމަ ސޮއިކުރާ އެމްއޯޔޫގެ ދަށުން ވަގުތުން ހަމަލާތައް ހުއްޓާލުމަށް ފަހު 60 ދުވަހުގެ ތެރޭގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ހުރި ކަންކަމަށް ގޮތެއް ނިންމައި އެއްބަސްވުމަކަށް އަންނާނެ އެވެ.
މީގެ އިތުރުން ސީދާ ގޮތުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ނުސީދާކޮށް އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް ގެންނާނެ އެވެ. މީގެ ތެރޭގައި އެކި ބޭންކުތަކުގައި ހިފަހައްޓާފައި ހުރި އީރާންގެ 24 ބިލިއަން ޑޮލަރު ދޫކުރުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.
މެހެރު ނިއުސް އިން ރިޕޯޓްކޮށްފައިވާ ތަފްސީލުތަކަކީ:
- ލުބުނާން ހިމެނޭހެން، ހުރިހާ ތަނެއްގައި ހަނގުރާމަ ދާއިމީކޮށް، ވަގުތުން ހުއްޓާލުން
- އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުވަނުމަށް ވައުދުވުން
- ކަނޑުގެ މަގުން ބަންދުކޮށްފައިވާ ބަނދަރުތައް އެއްކޮށް ދޫކޮށްލުން
- އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭލުމަށް އެމެރިކާއިން ވައުދުވުން
- އީރާނުގެ އިންތިޒާމުތަކާ އެކު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން
- ތެލާއި ގޭސް ވިއްކުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލުމާއި، އީރާނުގެ މާލީ ވަސީލަތްތަކަށް ފުރިހަމައަށް ވާސިލުވެވޭނެ ގޮތް ހެދުން
- އެމެރިކާ އަދި އެމެރިކާގެ ބައިވެރިން ގުޅިގެން، އީރާން އަލުން ބިނާކުރުމަށް މަދުވެގެން 300 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހުށަހެޅުން
- ނިއުކްލިއާ މައްސަލައިގައި ފައިނަލް އެއްބަސްވުމަކަށް ދިއުމަށްޓަކައި 60 ދުވަހުގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުން
- މި 60 ދުވަހުގެ ތެރޭގައި، ހިފަހައްޓާފައިވާ އީރާނުގެ 24 ބިލިއަން ޑޮލަރުގެ ފަންޑު ދޫކޮށްލުމާއި، އޭގެ ތެރެއިން ދެބައިކުޅައެއްބަޔަށް ވަގުތުން ވާސިލުވެވޭނެ ގޮތް ހެދުން
- އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި މޮނިޓަރިންގް މެކޭނިޒަމެއް ގާއިމުކުރުން
- ފައިނަލް އެއްބަސްވުން ފާސްކުރާނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނެ ކަމަށް ރައީސް ޓްރަމްޕު ވިދާޅުވެފައި ވިޔަސް އީރާންގެ މީޑިއާއިން ބުނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް އުފުލަން ބޭނުންކުރާ އެ ކަނޑުއޮޅިން އީރާންގެ ކޮންޓްރޯލް ދޫކޮށްލުން މި އެއްބަސްވުމުގައި ނުހިމެނޭ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ގައުމުގެ އިސް ވެރިންނާއި އަސްކަރީ އެތައް ބަޔަކު އަވަހާރަކޮށްލުމާ އެކު ފެށުނު ހަނގުރާމާގައި އީރާނުން ވަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ. އެކަމުގެ ސަބަބުން ސަރަހައްދުގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް އައި އިރު ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ތެލުގެ އަގު ވެސް ވަރަށް ބޮޑަށް އުފުލިގެން ިދިޔަ އެވެ.
އީރާނާއި އެމެރިކާ އެއްބަސްވުމަކަށް އައިސް ތެލުގެ ސަޕްލައިއަށް ލުއި ލިބޭނެ ކަމުގެ އުންމީދާ އެކު އިއްޔެއިން ފެށިގެން ދަނީ ތެލުގެ އަގު ދަށްވަމުންނެވެ.