އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވި، ލުބުނާން ހިމެނޭ ގޮތަށް، ހުރިހާ ދިމާލަކުން "ވަގުތުން އަދި ދާއިމީކޮށް" ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަން މިއަދު ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
ސުލްހައިގެ މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުން މިކަން ހާމަކުރުމާ އެކު، މެދުއިރުމަތީގައި ތިން މަހަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށައިފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުލްހައިގެ އެއްބަސްވުމަކަށް "އާދެވިއްޖެ" ކަމަށާއި، ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މި މަހު 19 ގައި ސްވިޓްޒަލޭންޑްގައި އޮންނާނެ ކަމަށެވެ.
އާދީއްތަ ދުވަހު 80 ވަނަ އުފަންދުވަސް ފާހަގަކުރައްވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، "އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ އެކު ވެވުނު އެއްބަސްވުން މިހާރު މިވަނީ ފުރިހަމަވެފައި" ކަމަށެވެ.
"ހޮރްމޫޒް ކަނޑުއޮޅި އެއްވެސް ފީއަކާ ނުލައި ހުޅުވާލުމަށް އަޅުގަނޑު މިހާރު ފުރިހަމައަށް ހުއްދަ ދެން. އަދި ހަމައެއާ އެކު، އެމެރިކާގެ ކަނޑުގެ ސިފައިން އީރާންގެ ބަނދަރުތައް ވަގުތުން ދޫކޮށްލަން އަމުރުކުރަން. ދުނިޔޭގެ ހުރިހާ އުޅަނދަކަށް މި ގޮވާލަނީ އިންޖީނުތައް ސްޓާޓްކުރަން. ތެލުގެ ސަޕްލައިއަށް ހުރަހެއް ނެތް!" ޓްރަމްޕް ވިދާޅުވި އެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން އީރާނުން ވެސް ވަނީ، އެމެރިކާއާ އެކު އަލަށް އިއުލާނުކުރި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހިނގަމުންދިޔަ ހަނގުރާމަ "ވަގުތުން" ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، "ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި ހަނގުރާމަ ދާއިމީކޮށް އަދި ވަގުތުން ހުއްޓާލާފައިވާ ކަމަށް އިއުލާނުކޮށްފި" ކަމަށެވެ.
މި އިއުލާނު ނެރުމުގެ ގަޑިއިރުތަކެއް ކުރިން، ބައިރޫތުގެ އަވަށެއްގައި އޮންނަ އީރާނުގެ އެކުވެރި ހިޒްބުالله ޖަމާއަތުގެ މަރުކަޒަކަށް އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން، އެއްބަސްވުން ލަސްވެދާނެ ކަމުގެ ބިރު ހީވި އެވެ.
ނަމަވެސް، ދުވަހުގެ ފަހުގެ ވަގުތެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާނުކުރައްވައި، "މި މައްސަލައަށް ހާރިޖީ ހައްލެއް ހޯދުމަށް މަސައްކަތްކުރި ކަމަށްޓަކައި" އެމެރިކާ އާއި އީރާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ދެ ފަރާތުން ވެސް ވަނީ ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް އިއުލާނުކޮށްފައި،" ޝަރީފް ލިޔުއްވާފައިވެ އެވެ.
މިކަމުގައި މެދުވެރިންގެ ގޮތުގައި އެހީވި ގަތަރު، ސައޫދީ އަަރަބިއްޔާ އަދި ތުރުކީގެ ވެރިންނަށް ވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އިޒްރޭލުގެ އުނދަގޫ
އާދީއްތަ ދުވަސް ދިޔައީ ވަރަށް ބޮޑު ހާސްކަމެއްގަ އެވެ. ހެނދުނުގެ ވަގުތެއްގައި ޓްރަމްޕް ވަނީ ބައިރޫތަށް ދިން ވައިގެ ހަމަލާގެ ސަބަބުން އެއްބަސްވުމުގައި ސޮއިކުރުން ލަސްވި ކަމަށް ވިދާޅުވެ، އިޒްރޭލަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ 'އެކްސިއޯސް' އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި، ހުތުރު ބަހުން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ އޭނާ "ވަރަށް ބޮޑަށް ރުޅިއައިސްފި" ކަމަށާއި "އެކަން ނަތަންޔާހޫއަށް އެންގިން" ކަމަށެވެ.
މީގެ ކުރިން އިޒްރޭލުން ބައިރޫތުގެ އަވަށްތަކަށް ހަމަލާދިނުމުން، އޭޕްރީލް މަހުން ފެށިގެން ދަމަހައްޓަމުން އައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑު ލޮޅުމެއް އެރި އެވެ. މި ހާސްކަމުގައި އީރާނުން މިސައިލް ހަމަލާތަކެއް އިޒްރޭލަށް ދިނުމުން އިޒްރޭލުން ވެސް ރައްދު ހަމަލާ ދީފައިވެ އެވެ.
އީރާނުން އަބަދުވެސް ބާރުއަޅަމުންދިޔައީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނުގެ މައްސަލަ ވެސް ހިމަނަންޖެހޭނެ ކަމަށެވެ. އެއީ އިޒްރޭލުން އެ ގައުމުގައި އީރާނުގެ އެހީތެރިކަން ލިބޭ ހިޒްބުاللهއާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ހިންގަމުންދާތީ އެވެ.
މި ހަނގުރާމަ ފެށުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އީރާނުން އޭގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލާއި ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ހަމަލާދީ، ދުނިޔޭގެ ތެލާއި ގޭސް ސަޕްލައިގެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއެޅި އެވެ.
އެމެރިކާއިން އޭގެ ރައްދުގައި އީރާނުގެ ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރަށް އޮތީ ހުރަސްއަޅައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ ސްވިޓްޒަލޭންޑްގައި އޮންނަ ރަސްމިއްޔާތަށްފަހު ކަނޑުއޮޅި ހުޅުވާލެވޭނެ ކަމަށެވެ.
އިގްތިސާދީ އަސަރު
ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރި އެވެ. ތެލުގެ އަގު އުފުލި، އެމެރިކާ އާއި އެހެން ގައުމުތަކުގައި އިންފްލޭޝަން މަތިވެ، މެދުއިރުމަތިން ބޭރުގައިވާ ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ފަދަ ތަކެތީގެ ސަޕްލައި ޗެއިނަށް ބޮޑެތި ބުރޫތަކެއް އެރި އެވެ.
"މި އެއްބަސްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ހަކަތައިގެ އަގު ހަމައެކަނި މިހާރަކަށް ނޫން، ދިގު މުއްދަތަކަށް ދަށްކުރެވޭނެ. އަދި މެދުއިރުމަތީގައި ހަގީގީ ތަނަވަސްކަމުގެ އިންޖީނު ހިންގޭނެ،" އެއްބަސްވުން އިއުލާނުކުރުމާ އެކު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮކްސް ނިއުސްއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ގަސްދުކުރައްވާ ކަމަށާއި، ޓްރަމްޕް ވެސް އެ ރަސްމިއްޔާތަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހިޔާލުތަފާތުވުންތައް
ތަފާތު މަޝްވަރާތަކާއި، އީރާނުން އެއްބަސްވުމަކަށް ނައިސްފި ނަމަ އަލުން ހަމަލާތައް ދޭނެ ކަމުގެ އިންޒާރުތަކަށްފަހު އެކުލަވާލެވުނު މި އެއްބަސްވުމުގެ ތަފްސީލީ މާއްދާތައް އަދިވެސް ސާފެއް ނުވެ އެވެ.
ހަނގުރާމަވެރި ދެ ފަރާތުން ވެސް ނެރެމުންދަނީ ތަފާތު މައުލޫމާތުތަކެކެވެ. އެއީ ކޮންމެ ފަރާތަކުން ވެސް މި ހަނގުރާމައިން ކުރިހޯދީ އެ ފަރާތެއް ކަމަށް ދެއްކުމަށެވެ.
އީރާނުން ބުނަމުންދަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމަށް އޮންނާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން ތަކުރާރުކޮށް ބުނަމުންދަނީ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަނެއް ބޮޑު ހިޔާލުތަފާތުވުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލައެވެ. ހާއްސަކޮށް، މިދިޔަ އަހަރު އެމެރިކާގެ ހަމަލާތަކުގައި ފޮރުވިފައިވާ ކަމަށް ބެލެވޭ ޔުރޭނިއަމްގެ ރިޒާވްގެ މައްސަލަ އެވެ. ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް މި ހަނގުރާމަ ކޮންމެހެން ބޭނުންތެރި ކަމަށެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވީ "ހުރިހާ ކަމެއް ފިނިވުމުން، އަޅުގަނޑުމެން ގޮސް އެ ނިއުކްލިއާ ކުނޑިތައް ނަގައި، އީރާނުގައި ނުވަތަ އެމެރިކާގައި ނަމަވެސް ނައްތާލާނީ" ކަމަށެވެ.