ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ގައުމުގެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހަރާކޮށްލުމާ އެކު ފެށުނު މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ވަގުތީ އެއްބަސްވުމުގައި އީރާނާއި އެމެރިކާއިން މިހާރު ވަނީ ސޮއިކޮށްފަ އެވެ. ޕާކިސްތާނު އިސްވެ ކުރި މަސައްކަތުން އެކުލަވާލި 14 ނުކުތާގެ 'މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން' ގައި އީރާނާއި އެމެރިކާގެ ރައީސުން މިހާރު ވަނީ އިލެކްޓްރޯނިކްކޮށް ސޮއިކޮށް ދާއިމީ އެއްބަސްވުން އެކުލަވާލުމުގެ މަރުހަލާ ފަަށަން ތައްޔާރުވެފަ އެވެ. 

އީރާނާއި އެމެރިކާއިން ވަނީ މި އެއްބަސްވުން މިހާރު ހާމަކޮށްފަ އެވެ. 

ތިރީގައި އެ ވަނީ ހަނގުރާމަ ހުއްޓާލައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓުގެ ނުކުތާތަކެވެ؛

1. ހަނގުރާމަ ވަގުތުން ހުއްޓާލުން: އެމެރިކާ، އީރާން އަދި މި ހަނގުރާމައިގައި ބައިވެރިވާ އެމީހުންގެ ބައިވެރިން (ލުބުނާން ހިމެނޭގޮތަށް) ހުރިހާ ފްރަންޓެއްގައި އަސްކަރީ ހަރަކާތްތައް ވަގުތުން، ދާއިމީ ގޮތަކަށް ހުއްޓާލުން.

2. މިނިވަންކަމަށް އިހުތިރާމްކުރުން: ދެގައުމުގެ ސިޔާދަތީ މިނިވަންކަމަށާއި ސަރަހައްދީ ރައްކާތެރިކަމަށް އިހުތިރާމްކުރުމާއި، އެއްގައުމުން އަނެއްގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުން.

3. ދާއިމީ އެއްބަސްވުމަކަށް 60 ދުވަސް: މި ވަގުތީ އެއްބަސްވުން ދާއިމީ އެއްބަސްވުމަކަށް ބަދަލުކުރުމަށްޓަކައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ރަސްމީ މަޝްވަރާތައް ބޭއްވުން.

4. ކަނޑުގެ ބަންދު އުވާލުން: އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ހިސާރު  ވަގުތުން އުވާލަން ފެށުމާއި، 30 ދުވަހުގެ ތެރޭގައި އެއްކޮށް ދޫކޮށްލުން. އަދި ދާއިމީ އެއްބަސްވުމަށްފަހު 30 ދުވަހުގެ ތެރޭގައި، އީރާން ކައިރީގައިވާ ސަރަހައްދުތަކުން އެމެރިކާ ސިފައިން ފޭބުން.

5. ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުން: ކުރިއަށް އޮތް 60 ދުވަހަށް ޕާޝިއަން ގަލްފުން ފެށިގެން ސީ އޮފް އޮމާންއާ ދެމެދު ވިޔަފާރި އުޅަނދުތަކަށް އެއްވެސް ފީއަކާ ނުލައި ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް އީރާނުން ހަމަޖެއްސުން. އަދި އޮމާންއާ ގުޅިގެން ކަނޑުއޮޅި ބެލެހެއްޓުމުގެ މަޝްވަރާތައް ކުރުން.

6. 300 ބިލިއަން ޑޮލަރުގެ އެހީގެ ފަންޑު: އީރާން އަލުން ބިނާކުރުމަށާއި އިގްތިސާދީ ކުރިއެރުމަށްޓަކައި އެމެރިކާ އާއި ސަރަހައްދީ ބައިވެރިން ގުޅިގެން މަދުވެގެން 300 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްލޭނެއް އެކުލަވާލުން.

7. ނިއުކްލިއާ ހަތިޔާރު ނުއުފެއްދުން: އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުން.

8. ޔުރޭނިއަމް ރައްކާކޮށްފައި ހުރި މިންވަރު: އީރާނުގައި މިހާރު މުއްސަނދިކޮށްފައި  ހުރި ޔުރޭނިއަމްގެ މިންވަރު ދަށްކުރުމާއި (ޑައިލޫޓްކޮށް، ބާރު ދަށްކުރުން) ނިއުކްލިއާ މައްސަލަތަކަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ހައްލު ހޯދުން.

9. މިހާރުގެ ހާލަތު ދެމެހެއްޓުން: ދާއިމީ އެއްބަސްވުމަކަށް ދިއުމާ ހަމައަށް އީރާނުގެ ނިއުކްލިއާ މަޝްރޫއު އިތުރަށް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުން، އަދި އެމެރިކާއިން ދަތިކުރުމުގެ އާ ފިޔަވަޅުތައް ނޭޅުމާއި ސަރަހައްދަށް އިތުރު ސިފައިން ނުފޮނުވުން.

10. ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ: އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން، އީރާނުގެ ތެލާއި ޕެޓްރޯކެމިކަލް ސާމާނު ބޭރު ކުރުމަށް އެމެރިކާގެ ޓްރެޒަރީން ހުއްދަ ދޫކުރުން.

11. ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުން: މަޝްވަރާތައް ކުރިއަށްދާ ވަރަކަށް، ދުނިޔޭގެ އެކި ގައުމުތަކުގައި ފްރީޒްކޮށްފައި (ހިފަހައްޓާފައި) ހުރި އީރާނުގެ ފައިސާ އާއި މުދާ ދޫކޮށްލުން.

12. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން: އދ. ގެ ސަލާމަތީ މަޖިލީހާއި ނިއުކްލިއާ އިދާރާ (އައި.އޭ.އީ.އޭ) އަދި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ތާވަލެއްގެ ދަށުން ދާއިމީކޮށް އުވާލުން.

13. ގައިދީން ބަދަލުކުރުން: ދެގައުމުގައި ހައްޔަރުކޮށްފައި ތިބި އެއްގައުމެއްގެ ބަޔަކު އަނެއް ގައުމުން މިނިވަންކުރުން.

14. އދ. ގެ ސަލާމަތީ މަޖިލީހުގެ ތާއީދު: މި އެއްބަސްވުމުގެ ދަށުން އެކުލަވާލެވޭ ދާއިމީ އެއްބަސްވުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ބާރުދޭ، ގާނޫނީ ގޮތުން ދެ ފަރާތުން ވެސް އަމަލުކުރުން ލާޒިމް އެއްބަސްވުމަކަށް ހެދުން.