އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި، އީރާނުގެ ނިއުކްލިއާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބާއްވާ ތާރީހީ ސުލްހައިގެ މަޝްވަރާތައް މިއަދު  ސްވިޓްޒަލޭންޑުގެ ބާގަންސްޓޮކް ލަގްޒަރީ ރިސޯޓުގައި ފަށާނެ އެވެ.

މި މަޝްވަރާތައް މި ފަށަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން 14 ނުކުތާގެ މައްޗަށް އެކުލެވޭ ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހުގަ އެވެ. މި އެއްބަސްވުމުގެ ދަށުން، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ދެ ގައުމުގެ ވަފުދުތަކަށް 60 ދުވަސް ވަނީ ކަނޑައަޅައިފަ އެވެ.

ސްވިޓްޒަލޭންޑުގެ ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މި ބައްދަލުވުންތަކުގައި، އެމެރިކާގެ ފަރާތުން އިސްކޮށް ބައިވެރިވަނީ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި މުޝީރު ޖެރެޑް ކުޝްނާ އެވެ. މީގެ އިތުރުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ސްވިޓްޒަލޭންޑަށް ދަތުރު ކުރައްވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނުގެ ވަފުދު އިސްކޮށް ހުންނެވީ އެގައުމުގެ ގާނޫނު މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އަދި ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެވެ.

ބައިނަލްއަގުވާމީ މެދުވެރިންގެ ގޮތުގައި ގަތަރާއި ޕާކިސްތާނުގެ މަތީ ފެންވަރުގެ އޮފިޝަލުން މި ބައްދަލުވުންތަކުގައި ހަރަކާތްތެރިވެ އެވެ.

މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރާނީ، އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުން ދަށްކުރުމަށާއި ނިއުކްލިއާ އިދާރާ އައިއޭއީއޭ އަށް އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ބެލުމުގެ ފުރުސަތު ދިނުން ފަދަ ކަންކަމަށެވެ. މި ކަންކަމުގެ ބަދަލުގައި އީރާނުގެ ފަރާތުން އެދެނީ އެގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ ފައިސާ ދޫކޮށް، ގައުމު އަލުން ބިނާކުރުމުގެ ފަންޑެއް ގާއިމުކުރުމަށެވެ.

ދުނިޔޭގެ ވިޔަފާރިއަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅިން އަމާންކަމާ އެކު ދަތުރުކުރެވޭނެ ގޮތް ހެދުން ވެސް މަޝްވަރާގައި ހިމެނެ އެވެ. 

މަޝްވަރާތައް ފަށާއިރު ސަރަހައްދީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިޒްރޭލުން ލުބްނާނުގެ ދެކުނުގައިވާ ހިޒްބުالله ގެ އަމާޒުތަކަށް ކަމަށް ބުނެ ދެމުންދާ ހަމަލާތައް ހުއްޓާނުލާތީ، އީރާނުން ވަނީ އެއީ ވަގުތީ އެއްބަސްވުމާ އެމެރިކާއިން ހިލާފުވުން ކަމަށް ބުނެ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އިޢުލާނުކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ސެންޓްކޮމް އިން ބުނެފައިވަނީ ވިޔަފާރި އުޅަނދުތައް އަދިވެސް އާންމުކޮށް ދަތުރުކުރަމުންދާ ކަމަށެވެ.

އީރާނުގެ ވަފުދުން ބުނެފައިވަނީ އިޒްރޭލުން ހަމަލާތައް މުޅިން ހުއްޓާނުލާ ނަމަ، ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށެވެ.