އެމެރިކާ އާއި އީރާންގެ ހަމަލާތައް އަލުން ފެށުނު ފަހުން  ފުރަތަމަ ފަހަރަށް އެމެރިކާ ސިފައިންގެ ބަޔަކު އީރާންގެ ހަމަލާއެއްގައި މަރުވުމާ ގުޅިގެން، އީރާނަށް އަދަބު ދިނުމުގެ ގޮތުން ކަމަށް ބުނެ އެމެރިކާއިން ހޮނިހިރު ދުވަހު ހަމަލާތައް ވަރުގަދަކޮށްފި އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތަކަކުން ދިފާއުވަމުން ދަނިކޮށް، ހުކުރު ދުވަހު އެމެރިކާ ސިފައިންގެ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު އެކަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް ސެންޓްކޮމް އިން ބުންޏެވެ.

ފެބްރުއަރީ 28 ގައި މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާ ސިފައިންގެ 16 މީހަކު މަރުވިކަން ވަނީ ކަށަވަރުވެފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ބިރު ދެއްކުން ހުއްޓުވުމާއި އެމެރިކާ ސިފައިންނަށް ހަމަލާދިން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއަށް 'އަވަހަށް އަދަބު ދޭން' ކަމަށް ބުނެ މި މަރުތަކަށް ފަހު އެމެރިކާއިން ވަނީ ރޭ ވެސް އީރާނަށް ހަމަލާ ދީފަ އެވެ. މިއީ ޖެހިޖެހިގެން ހަމަލާދިން 8 ވަނަ ރެ އެވެ.  އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ ދެކުނު އީރާނުގެ ސިރިކް ބަނދަރަށެވެ.

އެމެރިކާގެ މި ހަމަލާތަކާ ގުޅިގެން އީރާނުގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ ވިދާޅުވީ، އެމެރިކާ އިން ހަނގުރާމަ ފަށަން އުޅޭތީ، އީރާނާއި ބައިވެރިން އެމެރިކާއަށް "ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ފިލާވަޅެއް" ދަސްކޮށްދޭނެ ކަމަށެވެ. އަދި އީރާނުގެ އަސްކަރީ މުޝީރު، ޖެނެރަލް މުހްސިން ރެޒާއީ ވިދާޅުވީ، އެމެރިކާގެ ހަމަލާތައް ކުރިއަށްދާ ނަމަ، އީރާނުން ދެން ހަމައެކަނި ރައްދު ހަމަލާ ދިނުމުގެ ބަދަލުގައި ފަށާނީ ފުރިހަމަ ހަނގުރާމައެއް ކަމަށެވެ.

މި ހަމަނުޖެހުންތަކުގެ އަސަރު ގަލްފުގެ އެހެން ގައުމުތަކަށް ވެސް ވަނީ ފޯރައިފަ އެވެ.

  • ކުވައިތު: އީރާނުން ކުވައިތުގެ ތެޔޮ ކާރުހާނާއަކާއި ފެނާއި ކަރަންޓު އުފައްދާ ޕްލާންޓަކަށް ހަމަލާދިނުމާ ގުޅިގެން، އެ ގައުމުގައި ކާބޯތަކެއްޗާއި ފެން ގަންނަ މިންވަރު އިތުރުވެ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން ވަނީ އުފެދިފަ އެވެ.
  • ބަހުރޭން: ބަހުރޭންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކެއް އެ ގައުމުގެ އެއާ ޑިފެންސުން ވަނީ ހުއްޓުވައިފަ އެވެ.
  • އުރުދުން: އުރުދުންގައި ހުރި އެމެރިކާގެ އަލް-އަޒްރަގް ބޭަސްގެ ތެޔޮ ރައްކާކުރާ ތަންތަނަށް އީރާނުން ހަމަލާދީފައިވާއިރު، އުރުދުންގެ އަސްކަރިއްޔާ އިން ވަނީ އީރާނުގެ ގިނަ މިސައިލްތަކެއް ވައްޓާލައިފަ އެވެ.

ހަމަނުޖެހުންތައް އަލުން ފެށުނު ފަހުން މިހާތަނަށް 50 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، ސުލްހައިގެ ވާހަކަތަކަށް އޮތް އުންމީދު މިހާރު ވަނީ އެއްކޮށްގެން ގެއްލިފަ އެވެ.