އީރާނަށް ކޮންމެ ރެޔަކު ދެމުން ދިޔަ ހަމަލާތައް، މިދިޔަ ދެ ރޭ ވެސް ދީފައި ނުވާތީ އީރާނުން ވެސް ރައްދު ހަމަލާތައް މެދުކަނޑާލިކަން މިއަދު އިއުލާނުކޮށްފި އެވެ.

އީރާން އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާ ވިދާޅުވީ، އެމެރިކާގެ ހަމަލާތައް ވޭތުވެދިޔަ ދެ ރޭ ވެސް ނުދޭ ކަމަށެވެ. އަދި އީރާނުގެ ހަރަކާތްތަކަކީ ހަމައެކަނި ރައްދުގައިދޭ "ބަދަލުހިފުމުގެ" އުސޫލެއްގެ މައްޗަށް ބިނާވެފައިވާ ހަމަލާތަކަކަށް ވުމުން، އީރާނުން ވެސް މިހާރު ބަދަލުހިފުމުގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމެރިކާއިން އީރާނަށް ހަމަލާ ދިނުން މެދުކަނޑާލީ ޖެހިޖެހިގެން 13 ރޭ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ފަހު އެވެ. 

"މީގެ ދެ ރޭ ކުރިއާ ހިސާބަށް ވެސް އެމެރިކާގެ ހަމަލާތައް ދިން. އެކަމަކު ދެ ރޭ ކުރިން އެމެރިކާގެ ހަމަލާތައް ވަނީ ހުއްޓިފައި،" އަކްރަމީނިއާ ވިދާޅުވި އެވެ. 

މިއީ ސިޔާސީ ހައްލަކަށް ފުރުސަތު ދިނުމަށާއި މިސައިލް ދިފާއީ ނިޒާމުތައް ވަރުގަދަކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މި މަޑުޖެހުމާ ދިމާކޮށް، އުމާންގެ ވަފުދެއް ވަނީ ތެހެރާނަށް ގޮސް ހޮރްމުޒް ކަނޑުއޮޅި އަލުން ރައްކާތެރިކަމާ އެކު ހުޅުވާލުމާ ބެހޭގޮތުން މަޝްވަރާ ފަށައިފަ އެވެ. އަދި އީރާނުން ވަނީ މި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ބުނެފަ އެވެ. 

އީރާނުން މިހާރު ހަމަލާތައް ހުއްޓާލި ނަމަވެސް، އެމެރިކާއިން އަލުން ހަމަލާއެއް ދީފިނަމަ ނުވަތަ އިޒްރޭލާ  ގުޅިގެން ހަމަލާ ދޭ ނަމަ، ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެންދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.

އެމެރިކާގެ ހަމަލާތައް ހުއްޓާލީ ހަތިޔާރުގެ ސްޓޮކް މަދުވެގެން ކަމަށް ބުނާ މީޑިއާ ރިޕޯޓްތަކެއް ވަނީ އާންމުވެފަ އެވެ. 

 ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ފަސް މަސްދުވަހު މެދުކެނޑުމެއްނެތި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ސްޓޮކުން ދެބައިކުޅައެއްބައި މިހާރު ވަނީ ހުސްވެފަ އެވެ. މިއީ އީރާނުން އަގުހެޔޮ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ބޭނުންކޮށްގެން، އެމެރިކާގެ އަގުބޮޑު އަދި އުފައްދަން އުނދަގޫ މިސައިލްތައް ހުސްކޮށްލުމަށް ރާވައިގެން ބޭނުންކުރި އުކުޅެއްގެ ނަތީޖާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާއިން މި ފިޔަވަޅު އެޅީ "ޕެޓްރިއަޓް" އެއާ ޑިފެންސް މިސައިލާއި، "ތާޑް" ސިސްޓަމްތަކުގެ އިތުރުން "ޓޮމަހޯކް" ކުރޫޒް މިސައިލް ފަދަ ޒަމާނީ އަސްކަރީ ހަތިޔާރުގެ ސްޓޮކް ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންނެވެ. 

ވައިޓް ހައުސްގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަތިޔާރު މަދުވުމުގެ މި ކަންބޮޑުވުމުގެ ހާލަތު ކިޔައިދެއްވާފައި ކަމަށް ނިއު ޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓުން ވެސް ރިޕޯޓްކޮށްފައިވެ އެވެ.