އެމެރިކާ އާއި އީރާނުން ހަމަލާތައް މެދުކަނޑާލައިގެން ތިބޭތާ ދެތިން ދުވަސް ފަހުން، އީރާނުން އެމެރިކާގެ އަސްކަރީ މަގާމުތަކަށް ބެލަސްޓިކް މިސައިލުން ކުއްލި ހަމަލާތަކެއް ދޭން މަސައްކަތްކޮށްފި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ބުނީ، ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުން ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު، އީރާނުން ގިނަ އަދަދެއްގެ މިސައިލް ފޮނުވާލި ކަމަށާއި އެ ހުރިހާ މިސައިލެއް ވެސް އަމާޒަށް ވާސިލްވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.  

ސެންޓްކޮމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނަށް ދޭން އުޅުނު "ސަޕްރައިޒް އެޓޭކެއް" ކަމަށެވެ.

"އީރާނުން ފޮނުވާލި ހުރިހާ މިސައިލްތަކެއް ވެސް ވަނީ ކާމިޔާބުކަމާ އެކު ވައިގެ ތެރޭގައި ނައްތާލެވިފައި،" އީރާނުން ހަމަލާތައް އަމާޒުކުރި ވަކި ސަރަހައްދުތަކެއް ހާމަނުކޮށް ސެންޓްކޮމްއިން އިތުރަށް ބުންޏެވެ.

އެމެރިކާއިން އީރާނަށް ދެ ހަފުތާއެއްހާ ދުވަސް ވަންދެން ކޮންމެ ރެޔަކު ދެމުންދިޔަ ހަމަލާތަކާއި، އެމެރިކާގެ އެކުވެރި ގަލްފު ގައުމުތަކަށް އަމާޒުކޮށް އީރާނުން ތަކުރާރުކޮށް ދެމުންދިޔަ މިސައިލާއި ޑްރޯން ހަމަލާތަކަށް ފަހު މިދިޔަ ހަފްތާ ބަންދުން ފެށިގެން ދެ ފަރާތުން ވެސް ހަމަލާއެއް ނުދެ އެވެ.

ހަމަލާތައް މަޑުޖެހިލުމުން އަދި ހަނގުރާމަ ނިންމުމަށް ކުރެވޭ މަޝްވަރާތަކުގައި "ރަނގަޅު ކުރިއެރުމެއް" ލިބުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު އީރާނުން އަލުން ހަމަލާ ދިން ކަމަށް ބުނުމާ އެކު އަނެއްކާވެސް ވަނީ ކުޑަ ތަންކޮޅެއް އަގުތައް އުފުލިފަ އެވެ.