ސައޫދީ އަރަބިއްޔާގެ ތެލުގެ ފެސިލިޓީތަކަށް އަމާޒުކޮށް އެތައް ޑްރޯން ހަމަލާތަކެއް ދީފައިވާ، އިރާގުގައި ހަރަކާތްތެރިވާ އިރާނުގެ މަދަދުލިބޭ ހަނގުރާމަވެރިންނަށް އަމާޒުކޮށް، އެމެރިކާ އާއި ސައޫދީ އަރަބިއްޔާގެ ހަނގުރާމަމަތީ ޖެޓްތަކުން އަންގާރަ ދުވަހު ހަމަލާތަކެއް ދީފައިވާކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާތައް އަމާޒުކޮށްފައިވަނީ "އެމެރިކާގެ ސިފައިންނަށާއި ސައޫދީގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުމަށް އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އަންގައިގެން ހަރަކާތްތެރިވި، އިރާނަށް ތާއީދުކުރާ ޓެރަރިސްޓުންނަށް" ކަމަށެވެ.

ސެންޓްކޮމް އިން ވަނީ އެމެރިކާގެ އަސްކަރީ އިތުރު ރައްދު ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި "އައިއާރުޖީސީ އާއި އެ ފަރާތުގެ ޓެރަރިސްޓް ޕްރޮކްސީތަކުން މިފަދަ ހަމަލާތައް ދިނުން ހުއްޓާލަންޖެހޭ" ކަމަށް އިންޒާރު ވެސް ދީފަ އެވެ.

ސައޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން ވަނީ މި ހަމަލާތަކުގައި އެ ގައުމުގެ ބައިވެރިވުން އޮތްކަން ކަށަވަރުކޮށްދީފަ އެވެ. އެ މިނިސްޓްރީން ބުނީ ހަމަލާދީފައިވަނީ "ސައޫދީގެ ތެލުގެ ވަސީލަތްތަކަށް ދިން ހަމަލާތަކާ ގުޅުންހުރި، އިރާގުގެ ސަރަހައްދުގައި ތިބި ހަނގުރާމަވެރިންގެ އަމާޒުތަކަށް" ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ އިރުމަތީ ސަރަހައްދުގެ ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ދިން ޑްރޯންތަކެއް ސައޫދީ ސިފައިން ހުއްޓުވާފައިވާ ކަމަށާއި، އެއީ އިރާގުގައި ހަރަކާތްތެރިވާ އިރާނުގެ މަދަދުލިބޭ ގްރޫޕްތަކުން ދިން ހަމަލާތަކެއް ކަމަށް ސައޫދީގެ ޑިފެންސް މިނިސްޓްރީން ބުނުމަށް ފަހުގަ އެވެ.

އިރާގުގެ ސަރަހައްދުން ދޭ ހަމަލާތައް ހުއްޓުވުމަށް ސައޫދީން އިރާގު ސަރުކާރަށް ގޮވާލިތާ މާގިނައިރުތަކެއް ނުވަނީސް، އިރާގުން ވަނީ އެކަން ތަހުގީގު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އާއި ސައޫދީގެ ހަމަލާތަކުގައި މީހުން މަރުވެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ. 

އަންގާރަ ދުވަހު ސެންޓްކޮމްއިން ވަނީ، "މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް ކުއްލި ހަމަލާއެއް ދިނުމުގެ ގޮތުން" އިރާނުން ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށާއި، ނަމަވެސް އެ ހުރިހާ މިސައިލެއް ވެސް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ވެސް ބުނެފަ އެވެ. އަދި ފަހުން އީރާނުން ވަނީ ޖޯޑަންގައިވާ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެފަ އެވެ.

އެމެރިކާއިން އިރާނަށް އަމާޒުކޮށް ދެ ހަފުތާއެއްހާ ދުވަހު ކޮންމެ ރެޔަކު ދެމުންދިޔަ ހަމަލާތަކާއި، ގަލްފުގައިވާ އެމެރިކާގެ އެކުވެރި ގައުމުތަކަށް އަމާޒުކޮށް އީރާނުން ތަކުރާރުކޮށް ދެމުންދިޔަ މިސައިލާއި ޑްރޯން ހަމަލާތަކަށް ފަހު، ހަފުތާ ބަންދުގައި ދެ ފަރާތުން ވެސް އޮތީ ހަމަލާދިނުން މެދުކަނޑާލައިގެންނެވެ.