އެމެރިކާގައި ކުރިއަށްއޮތް މިޑްޓާމް އިލެކްޝަނާ ކުރިމަތިލާއިރު ތެލުގެ އަގު ބޮޑުވެ ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބަކީ އީރާން ހަނގުރާމައާ ގުޅުވައިގެން ތެޔޮ ކުންފުނިތަކުން  "އިންތިހާއަށް ބޮޑު ފައިދާއެއް" ނެގުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވެއްޖެ އެވެ. 

"އަހަރެން އެކަމާ ހިތްހަމައެއްނުޖެހޭ. އެ މީހުން އެ ނަގަނީ މާ ބޮޑު ފައިދާއެއް. ތެލުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެ މީހުން އެދަނީ ނާޖާއިޒު ފައިދާ ނަގަމުން،" ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.

އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގައި އިދިކޮޅު ޑިމޮކްރެޓުން ކޮންގްރެސްގެ އަޣްލަބިއްޔަތު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ތެލުގެ އަގު ބޮޑުވުމަކީ ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސިޔާސީ ގޮންޖެހުމެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު، އެމެރިކާގައި އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ގެލަނެއް [3.78 ލިޓަރު] ގެ އެވްރެޖް އަގު ވަނީ 37 ޕަސެންޓަށްވުރެ މައްޗަށް ގޮސްފަ އެވެ.

މި ހަނގުރާމައިގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ގަލްފުގައިވާ އެމެރިކާގެ އެކުވެރި ގައުމުތަކަށް ހަމަލާދީ، ތެޔޮ އުފުލާ މުހިންމު މަގުކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ހަރަކާތްތައް އެއްކޮށްހެން ހުއްޓުވައިފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފަ އެވެ.

އެމެރިކާގެ ތެޔޮ އުފައްދާ ބޮޑެތި ކުންފުނިތައް ކަމަށްވާ އެކްސޮންމޮބިލް އާއި ޝެވްރަން  އިން ހުކުރު ދުވަހު އާންމުކުރި މާލީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެ ކުންފުނިތަކަށް ވަނީ ބޮޑު ފައިދާއެއް ލިބިފަ އެވެ.

  • އެކްސޮންމޮބިލް: ދެވަނަ ކުއާޓާގެ ފައިދާ ދެ ގުނައަށްވުރެ މައްޗަށް ގޮސް 14.5 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ.
  • ޝެވްރަން: ފައިދާ ވަނީ 12.1 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަސްގުނަ އިތުރު އަދަދެކެވެ.

ޓްރަމްޕު ވަނީ ޕެޓްރޯލް ޕަންޕުތަކުން ވިއްކާ އަގުތަކާ މެދު ނުރުހުން ފާޅުކުރައްވައި، ތެޔޮ ކުންފުނިތަކުން ނާޖާއިޒު ފައިދާ ނަގާތޯ ބެލުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް ޖޫން މަހު އަންގަވައިފަ އެވެ.

ހޯމަ ދުވަހު ޓްރަމްޕް ވަނީ ތެޔޮ ކުންފުނިތަކުގެ ބޮޑު ފައިދާއަށް އަނެއްކާވެސް ފާޑުވިދާޅުވެ، އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ.

"އެ ފައިދާގެ ބައެއް އާންމުންނަށް އަނބުރާ ދޭންޖެހޭ. އަދި އާންމުންނަށް ވިއްކާ އަގު އެ މީހުން ހެޔޮކުރަންޖެހޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.