މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައި ގަތަރުން އީރާންގެ ޖެޓްތަކެއް ވައްޓާލައި އޭގެ ޕައިލެޓުން ހައްޔަރުކޮށްފައި އެބަތިބި ކަމަށާއި އެހެންވެ އެ މީހުން މިނިވަންކުރުމަށް އީރާނުން ހޮނިހިރު ދުވަހު ގޮވާލައިފި އެވެ.
ނަމަވެސް ގަތަރުން ވަނީ މިއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށާއި އީރާންގެ ޕައިލެޓަކު ގަތަރުގައި ހައްޔަރުކޮށްފައި ނެތް ކަމަށެވެ.
އީރާން ސިފައިންގެ ޖެނެރަލް މުހައްމަދު ބާގިރުޒާދާއާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އެސްޔޫ-24 މަރުކާގެ ހަނގުރާމަމަތީ ޖެޓްތަކެއް ވައްޓާލުމަށް ފަހު، ގަތަރު ސިފައިން ވަނީ ތިން ޕައިލެޓުން ދިރިތިއްބައި އަތުލައިގަނެ ހައްޔަރުކޮށްފަ އެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އަށް ފޮނުއްވި ސިޓީއެއްގައި ބާގިރުޒާދާ ވިދާޅުވީ، ޖަވާދު ސާލިހީ، އަބްދުލްމަޖީދު ދަޝްތިއާން އަދި އުމްރާން ބެހްރާވޭޝިއާން ގަތަރު ސިފައިންގެ ބެލުމުގެ ދަށުގައި ތިބޭތާ ހަރު މަސް ވެއްޖެ ކަމަށެވެ. އެ ޕައިލެޓުން މިނިވަންކުރުމަށް ގޮވާލެއްވުމާ އެކު އެ ސިޓީގައި ވަނީ އެ މީހުންގެ އާއިލާތަކާ ބައްދަލުކުރުމުގެ ނުވަތަ ވާހަކަދެއްކުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.
ގަތަރުގައި ހުންނަ އަލް އުދައިދު އެއާ ބޭސް އަށް މާޗް މަހުގެ ކުރީކޮޅު ދިން ހަމަލާއެއްގައި މަރުވި އީރާނުގެ ޕައިލެޓް މަޖީދު ކާޒިމީގެ ހަށިގަނޑު ހޯދާފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން މިދިޔަ މަހު ވަނީ ބުނެފަ އެވެ. އީރާނުން ކުރިން ބުނެފައިވަނީ އަނެއް ޕައިލެޓުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރި ކަމަކަށް އެ ދުވަސްވަރު ބުނެފައެއް ނުވެ އެވެ.
އަލް އުދައިދު ބޭސް އަކީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކުރިއަރާފައިވާ ވަސީލަތްތަކާއި، ވައިގެ ސިފައިންނާއި ހާއްސަ އޮޕަރޭޝަންތަކާ ބެހޭ ސިފައިން ގާއިމުވެ ތިބޭ ތަނެކެވެ. މިއީ އެ ސަރަހައްދުގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް އެވެ.
އީރާންގެ ތުހުމަތު ދޮގުކޮށް، ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ވިދާޅުވީ އީރާނުގެ ޕައިލެޓުން ހިފަހައްޓާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ގަތަރުގެ ސާޗް އެންޑް ރެސްކިއު ޓީމުތަކުން ޕައިލެޓުން ހޯދުމުގެ މަސައްކަތް ފުރިހަމައަށް ކޮށްފައިވާ ކަމަށާއި މަރުވި ޕައިލެޓު، މަޖީދު ކާޒިމީގެ ހަށިގަނޑު ފެނުމުން، އެ ހަށިގަނޑު އީރާނާ ހަވާލުކުރުމުގެ މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ޕައިލެޓުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް އޭޕްރީލް މަހު އީރާނުގެ ޓީމަކަށް ގަތަރަށް ޒިޔާރަތްކުރުމަށް ދައުވަތު ދިން ނަމަވެސް، އީރާނުން އެކަމަށް އަދިވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ގައުމުގެ އިސް އެތައް ބޭފުޅުންނެއް އަވަހާރަކޮށްލުމާ އެކުގަ އެވެ. އެއާ އެކު އީރާނުން މުޅި ސަރަހައްދަށް ރައްދު ހަމަލާތައް ދޭން ފެށި އެވެ. ހާރިޖީ ގޮތުން ކުރި މަސައްކަތްތަކާ އެކު އޭޕްރީލް މަހު 40 ދުވަހަށް ފަހު ހަމަލާތައް ހުއްޓުމަކަށް އައި ނަމަވެސް އަލުން ވަނީ ހަމަލާތައް ފެށިފަ އެވެ. ނަމަވެސް މި ވަގުތު އަނެއްކާވެސް ވަނީ ހަމަލާތައް މަޑުޖެހިފަ އެވެ. -- އޭއެފްޕީ