އީރާންގެ ގެއްލިފައިވާ ޕައިލެޓުންނަށް ވީގޮތެއް ކަށަވަރުވަންދެން، އެ މީހުން ގަތަރުގައި އަސީރުންގެ ގޮތުގައި ބަންދުކޮށްފައި ތިބި ކަމަށް ބަލާނެ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
އީރާނުން ބުނެފައިވާ ގޮތުގައި އެ މީހުން ގެއްލުނީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން، ގަތަރުގައި ހުންނަ އެމެރިކާގެ އަލްއުދައިދު އެއާ ބޭސްއަށް އަމާޒުކޮށް މާޗް ދެ ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ އޮޕަރޭޝަންގައި އެއް ޕައިލެޓަކު މަރުވެ، ތިން ޕައިލެޓަކު ގެއްލިފައިވާ ކަމަށް މީގެ ކުރިން ބުނުމަށް ފަހު، އެ ޕައިލެޓުން ގަތަރުން ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ފުރަތަމަ ފަހަރަށް ތުހުމަތުކުރީ ހޮނިހިރު ދުވަހު އެވެ.
"އެ މީހުންގެ ހާލަތާ ގުޅޭގޮތުން ސާފު މައުލޫމާތު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ހަފުތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި އެވެ.
"ޕައިލެޓުންގެ ހާލަތު ސާފުވަންދެން އަޅުގަނޑުމެން ބަލާނީ އެއީ އަސީރުންގެ ގޮތުގައި. އަދި އެ މީހުންނަށް ވީނުވީއެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން."
ގަތަރުން އެ ޕައިލެޓުން ހައްޔަރުކޮށްފައިވާ ކަމަށް އިންކާރުކޮށް ބުނެފައިވަނީ، "އެޕްރީލް މަހު ހިންގި ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގެ ތަފުސީލުތައް ހިއްސާކުރުމަށް" އީރާނަށް ދައުވަތު ފޮނުވި ކަމަށާއި، ނަމަވެސް އީރާނުގެ ފަރާތުން އަދި މިހާތަނަށް އެއަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ އަލްއުދައިދަށް ދިން ހަމަލާގައި މަރުވި ޕައިލެޓް މަޖީދު ކާޒިމީގެ ހަށިގަނޑު ހޯދިފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން މިދިޔަ މަހު ވަނީ ބުނެފަ އެވެ.
އެ މަރުކަޒަކީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އިސް ފައުޖުތަކުގެ އިތުރުން އެމެރިކާގެ ވައިގެ އަދި ހާއްސަ އޮޕަރޭޝަންތަކާ ބެހޭ ފައުޖުތައް ވެސް ގާއިމުވެފައިވާ ތަނެކެވެ.
މާޗް މަހުގެ ކުރީކޮޅު ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އީރާނުގެ ސުހޯއި އެސްޔޫ-24 މަރުކާގެ، ބޮންއަޅާ ދެ ބޯޓު ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެއީ އީރާނުން އެ ބުނާ ބޯޓުތައް ކަމެއް އޭރު ސާފުވެފައެއް ނުވެ އެވެ.
ފެބުރުއަރީ 28 ގައި ހަނގުރާމަ ފެށުމަށް މެދުވެރިވި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ގަތަރާއި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ބަދަލުހިފުމުގެ ހަމަލާތަކާ ކުރިމަތިލާން ޖެހުނެވެ.
ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެޕްރީލް މަހު ހެދި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކުން ގާތްގަނޑަކަށް 40 ދުވަހުގެ ހަނގުރާމަ ނިމުމަކަށް އައިސް، ޖޫން މަހު ސުލްހައިގެ މަޝްވަރާތަކުގެ އޮނިގަނޑެއްގައި ސޮއިކުރި އެވެ. ނަމަވެސް ފަހުން އެ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފަ އެވެ.
އޭގެ ފަހުން އީރާނާއި އެމެރިކާއާ ދެމެދު ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރަމުން ދާއިރު، މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވަނީ ދެކުނު އީރާނަށާއި ހޮރްމުޒް ކަނޑުއޮޅީގެ ވަށައިގެންވާ ސަރަހައްދުތަކަށެވެ.
ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ގަތަރަށް، އެއްބަސްވުން ރޫޅުމަށްފަހު ވަނީ ހަ މަލާތައް އަމާޒުވެފައެވެ. އެގޮތުން، އެ ގައުމުގެ ސަރަހައްދުތަކަށާއި، ކަނޑުއޮޅި ހުރަސްކުރަމުންދިޔަ ތެޔޮ ޓޭންކަރަށް ހަމަލާތަކެއް ދީފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. -- އޭއެފްޕީ