އެޕަލް ކުންފުނިން އަލަށް ނެރެން ތައްޔާރުވަމުން އަންނަ، ފޮތެއް ގޮތަށް ފަތްޖަހާލެވޭ "އައިފޯން އަލްޓްރާ" އާއި އެހެން ބައެއް އާ އުފެއްދުންތަކުގެ ސިއްރު މައުލޫމާތުތަކެއް އޮޅުމަކުން ލީކުވެއްޖެ އެވެ.

މި މައުލޫމާތުތައް ހާމަވެފައިވަނީ އެޕަލްއިން އެންމެ ފަހުން ޑިވެލޮޕަރުންނަށް ދޫކޮށްލި "މެކްއޯއެސް ޓާހޯ 26.7"  ސޮފްޓްވެއާގެ ކޯޑުތަކުގެ ތެރެއިންނެވެ.

ލީކުވި މައުލޫމާތުތަކަށް ބަލާއިރު، އެޕަލްގެ ފަތްޖަހާލެވޭ ފޯނަކީ ބޭރުން 5.5 އިންޗީގެ ސްކްރީނެއް އަދި ހުޅުވާލުމުން 7.8 އިންޗީގެ ބޮޑު ސްކްރީނެއް ފެންނަން ހުންނާނެ ފޯނެކެވެ. އެޕަލްގެ އެންމެ ފަހުގެ އޭ20 ޕްރޮސެސަރާއި 12 ޖީބީގެ ރޭމް ހިމެނޭ މި ފޯނުގެ އަގު އުޅޭނީ 2,000 އާއި 2,500 ޑޮލަރާ ދެމެދުގަ އެވެ.

އައިފޯނުގެ އިތުރުން، މި ސޮފްޓްވެއާގެ ތެރެއިން 10 އަށްވުރެ ގިނަ އެހެން އުފެއްދުންތަކުގެ މައުލޫމާތު ވެސް ވަނީ ލީކުވެފަ އެވެ:

  • އެއާޕޮޑްސް އަލްޓްރާ: މިއީ އިންފްރާރެޑް ކެމެރާ ހަރުކޮށްފައިވާ އާ އެއާޕޮޑްސްއެކެވެ. މީގައި ހިމެނޭ "ވިޝުއަލް އިންޓެލިޖެންސް" ފީޗާގެ އެހީގައި، މީހާ ބަލައިލާ ކޮންމެ އެއްޗެއް ދެނެގަތުމުގެ ގާބިލުކަން އެޕަލްގެ ސިރީ އަށް ލިބެ އެވެ.
  • ހޯމްޕެޑް ސްމާޓް ޑިސްޕްލޭ: މިއީ ގޭތެރޭގައި ބޭނުންކުރުމަށް، އެމެޒޯން އިކޯ ޝޯއާ ވާދަކުރުމަށް ހަދާފައިވާ ޑިސްޕްލޭއެކެވެ.
  • ރޮބޮޓިކް ހޯމް ހަބް: މިއީ މީހާ ހުންނަ ދިމާލަކަށް އެނބުރޭ ގޮތަށް ފަރުމާކޮށްފައިވާ ސްމާޓް ހޯމް ޑިވައިސްއެކެވެ.
  • އާ ކޮމްޕިއުޓަރުތަކާއި އައިޕެޑް: އޯލެޑް  ސްކްރީން ހަރުކޮށްފައިވާ އާ މެކްބުކް ޕްރޯތަކަކާއި، ފެން ނުވަންނަ ގޮތަށް ހަދާފައިވާ އައިޕެޑް މިނީއެއްގެ މައުލޫމާތު ވެސް ވަނީ ހާމަވެފަ އެވެ.

މި އުފެއްދުންތަކުގެ ތެރެއިން ބައެއް ތަކެތި، އެޕަލްއިން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ހާއްސަ ހަފްލާގައި ދައްކާލާނެ ކަމަށް ބެލެވެ އެވެ.