އިންސާނުން ބޭނުންކުރުމަށް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހުއްދަދީފައިނުވާ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ އާ ބޭހެއް ކަމަށްވާ "ރެޓާޓްރޫޓައިޑް" ގެ ފޭކު ބޭސްތަކެއް އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމުވެ، ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

'އެލައި ލިލީ'  ކުންފުނިން އުފައްދައި، އަދިވެސް ކްލިނިކަލް ޓްރަޔަލްތަކުގެ މަރުހަލާގައިވާ މި ބޭހުގެ ނަކަލުތައް، "ރެޓާ" ގެ ނަމުގައި ޖިމްތަކާއި، ބިއުޓީ ސެލޫންތަކުގެ އިތުރުން ސޯޝަލް މީޑިއާ އާއި މަގުމަތީގައި މާވިއްކާ މީހުންގެ އަތުން ވެސް ލިބެން ހުންނަކަން ބީބީސީން ރިޕޯޓްކޮށްފައިވެ އެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، އަދިވެސް ޓެސްޓުކުރުމުގެ މަރުހަލާގައިވާ އާ މެޑިކޭޝަނެއްގެ ނަކަލު ބޭސްތައް މިހާ ފުޅާދާއިރާއެއްގައި އާންމުވެގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. މި ބޭސް ބޭނުންކުރާ ބައެއް މީހުން ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ދަނީ "ބްލެކް މާކެޓް" ގެ މި ބޭސް ބޭނުންކޮށްގެން ބަރުދަން ލުއިވިކަމަށް ބުނެ ވީޑިއޯތައް އާންމުކުރަމުންނެވެ.

އިނގިރޭސިވިލާތުގެ މެޑިސިންސް ރެގިއުލޭޓާ (އެމްއެޗްއާރްއޭ) އިން ވަނީ ގަވާއިދާ ހިލާފަށް މި ބޭސް އުފައްދާ ކާރުހާނާއެއް ރެއިޑްކޮށް، ހުއްދަނެތް 2,000 އަށްވުރެ ގިނަ ރެޓާޓްރޫޓައިޑް ޕެން އަތުލައިގެންފަ އެވެ.

ބޭހުގެ ނުރައްކަލާއި ސިއްހީ މާހިރުންގެ އިރުޝާދު:

  • އީލައި ލިލީގެ އިންޒާރު: އެ ކުންފުނިން ބުނެފައިވަނީ ރެޓާޓްރޫޓައިޑްގެ ނަމުގައި ވިއްކާ އެއްވެސް އެއްޗެއް ބޭނުންނުކުރުމަށެވެ. ގަވާއިދާ ހިލާފަށް ވިއްކާ ބޭސްތަކުގައި ނުރައްކާތެރި މާއްދާތައް ހުރުމާއި، އެކުލެވޭ މާއްދާތަކުގެ މިންވަރު ހުންނަންޖެހޭ ވަރަށްވުރެ ގިނަ ނުވަތަ މަދުވުން ފަދަ މައްސަލަތައް ހުރެދާނެ އެވެ.
  • ސިއްހީ މައްސަލަތައް: އެންޑޯކްރިނޮލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރު ޑޯނަލް އޯޝޭ، ބީބީސީއަށް ވިދާޅުވި ގޮތުގައި، މިފަދަ ނަކަލު ބޭސްތައް ބޭނުންކޮށްގެން މޭނުބައިކުރުމާއި، ހޮޑުލެވުމާއި، ބޭރަށްހިންގުމާ ކުރިމަތިވާ މީހުން އަންނަ ކަމަށާއި ބައެއް މީހުން ޑޮކްޓަރާ ހިސާބަށް ދާއިރު ކިޑްނީ ފެއިލްވެފައި ވެސް ވާ ކަމަށެވެ
  • ޑޯޒް އޮޅުންބޮޅުންވުން: ބްރައިޓަންއަށް ނިސްބަތްވާ 20 އަހަރުގެ ޓޮމް ޑޭވިސް ނަމަކަށްކީ ޒުވާނަކު ޗައިނާގެ ސަޕްލަޔަރެއްގެ އަތުން މި ބޭސް ގަނެގެން ބޭނުންކުރުމުގެ ތެރޭގައި، ބޭނުންކުރަންޖެހޭ މިންވަރަށްވުރެ 8 ގުނަ އިތުރަށް ބޭނުންކުރެވި، ސީރިއަސް ހާލަތަކަށް ގޮސް ހޮސްޕިޓަލަށް އެޑްމިޓްކުރަންޖެހޭ ހިސާބަށް ދިޔައެވެ.

 ސޯޝަލް މީޑިއާ އާއި ބްލެކް މާކެޓުން ލިބެން ހުންނަ އަދި ހުއްދަ ނުލިބޭ މިފަދަ ނުރައްކާތެރި ބޭސްތައް ބޭނުން ނުުކުރުމަށާއި މެޑިކަލް ޓެސްޓުތަކާއި ޑޮކްޓަރުންގެ ބެލުމުގެ ދަށުން ނޫންގޮތަކަށް އެއްވެސް ބޭހެއް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން އަބަދުވެސް ލަފާދެ އެވެ.