ސްރީ ލަންކާގައި ހަނަފަސްކަން ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ވާރޭ ވެހޭތޯ ބަލަން އެ ގައުމުގެ ވައގެ ސިފައިން ބުޑިސްޓް ހާމުދުރުން ގޮވައިގެން ވައިގެ ތެރޭގައި ދަތުރުކޮށް، ކިޔަވާފައި ފެން އަޅައިފި އެވެ.  

ވައިގެ ސިފައިންގެ "ވައި-12" މަރުކާގެ މަތިންދާބޯޓެއްގައި ހޮނިހިރު ދުވަހު ބުޑިސްޓް ތިން ހާމުދުރަކު ވަނީ، ހަނަފަސްކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ މަތިން އުދުހެމުން، ފަސް ލީޓަރުގެ ޕްލާސްޓިކް ފުޅިތަކުން "ކިޔަވާފައި ހުރި ފެން" ތިރިއަށް ބުރުވައިފަ އެވެ. 

މިކަން ކުރި އިރު ވެސް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފަ އެވެ.

ސްރީ ލަންކާގެ ވައިގެ ސިފައިން މިކަން ސިފަކޮށްފައިވަނީ އިންސާނިއްޔަތުކަމާއި ހަމްދަރުދީ އިސްކުރުމުގެ ގޮތުން ކުރި ރަމްޒީ ކަމެއްގެ ގޮތުގަ އެވެ.

ދަނޑުވެރިކަމަށް ބަރޯސާވެފައިވާ އެ ގައުމަށް މިހާރު ކުރިމަތިވަމުންދަނީ ތާރީހުގައި ވެސް އެންމެ ގޯސް "އެލް ނީއޯ" މޫސުމީ ބަދަލު ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މި ހަނަފަސްކަމުގެ ސަބަބުން، ލަންކާގެ އެންމެ ބޮޑު ވައިލްޑްލައިފް ރިޒާވް ކަމަށްވާ ޔާލާ ނޭޝަނަލް ޕާކުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހިފައިވާއިރު، ފެން ރައްކާކުރާ ބޮޑެތި ޑޭމްތަކާއި ހައިޑްރޯއިލެކްޓްރިކް ސްޓޭޝަންތަކުގެ ފެން ހުރީ 50 ޕަސެންޓަށް ވުރެ ދަށުގަ އެވެ.

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ބަދަލުވެ، ބޯކޮށް ވާރޭވެހުމަށް ފަހު، 2027 ގެ ކުރީކޮޅު އަނެއްކާވެސް ބޮޑު ހަނަފަސްކަމެއް އައުން އެކަށީގެންވެ އެވެ.