ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް 10,000 އާ ހަމައަށް 'އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމް' ގެ ރޮކެޓް ގައިޑަންސް ސެކްޝަންތައް ވިއްކުމަށް 1 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް ހުއްދަދީފައިވާ ކަމަށް އެމެރިކާއިން ހޯމަ ދުވަހު އިއުލާނުކޮށްފި އެވެ.

"މި ދިން ހުއްދައިގެ ސަބަބުން، ވަރުގަދަ އަދި ތައްޔާރީ ހާލަތުގައ އޮތް އަމިއްލަ ދިފާއީ ގާބިލުކަމެއް އުފައްދައި ދެމެހެއްޓުމާއި، އެމެރިކާގެ ފައުޖުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކޮށް، ކުރިމަތިވާ އަދި ކުރިއަށް އޮތް ނުރައްކާތަކަށް ކުރިމަތިލުމުގެ ގާބިލުކަން ޔޫއޭއީއަށް އިތުރުވެގެންދާނެ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަދި "މިއީ އެމެރިކާގެ މުހިންމު ދިފާއީ ބައިވެރިއެއްގެ ސެކިއުރިޓީ ރަނގަޅުކުރުމުގެ މައްޗަށް ބިނާކޮށް، އެމެރިކާގެ ހާރިޖީ ސިޔާސަތާއި ގައުމީ ސެކިއުރިޓީގެ މަގުސަދުތަކަށް އެހީތެރިވެދޭނެ ކަމެއް" ގެ ގޮތުގައި ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

'އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމް' އަކީ އާދައިގެ (އަމާޒު ހިފުމުގެ ގާބިލުކަން ނެތް) ރޮކެޓްތައް، އަމާޒަށް ސީދާ ފޮނުވާލެވޭ ހަތިޔާރަށް ބަދަލުކޮށްދޭ ސިސްޓަމެކެވެ. މީގެ ސަބަބުން، އަގުބޮޑު މިސައިލްތައް ބޭނުންކުރުމުގެ ބަދަލުގައި، އަގުހެޔޮކޮށް އުފައްދާފައިވާ އުޅަނދުތަކާއި ޑްރޯންތައް ވައްޓާލުމުގެ ފުރުސަތު ލިބެ އެވެ.

ޔޫއޭއީ އާއި ގަލްފުގައި ހިމެނޭ އެމެރިކާގެ އެކުވެރި ގައުމުތަކަށް އީރާން ހަނގުރާމާގައި ބޮޑެތި ނޭދެވޭ އަސަރުތައް ކޮށްފައި ވާއިރު، އީރާންގެ ބާރުތަކުން ދަނީ ތަކުރާރުކޮށް މި ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ހޯމަ ދުވަހު އިއުލާނުކުރި ގޮތުގައި، ގަލްފުގެ މުހިންމު އަނެއް ގައުމު ކަމަށްވާ ކުވެއިތަށް 400 މިލިއަން ޑޮލަރުގެ 'ރިޕެއާ އެންޑް ރިޓާން ސާވިސް' ޕޭޓްރިއޮޓް މިސައިލްތަކަށް ފޯރުކޮށްދިނުމަށް ވަނީ ހުއްދަދީފަ އެވެ. ސަރަހައްދުގައި އީރާނުން ދޭ ހަމަލާތަކާ ދެކޮޅަށް މިއީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ސިސްޓަމެކެވެ.

"ކުވެއިތުން މި އިތުރުވެގެންދާ ގާބިލުކަން ބޭނުންކުރާނީ އެގައުމުގެ އަމިއްލަ ސަރަހައްދީ ދިފާއު ވަރުގަދަކުރުމަށް" ކަމަށާއި، އަދި "މި ހަތިޔާރާއި ހިދުމަތްތައް އެގައުމުގެ އަސްކަރިއްޔާގެ ތެރެއަށް މި ތަކެތި ބަލައިގަނެ ބޭނުންކުރުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ" ކަމަށް ވެސް އެ ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައިވެ އެވެ. -- އޭއެފްޕީ