މައްކާގެ ހަރަމްފުޅު ސަރަހައްދުގައި ހުންނަ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނަކަށް ސައޫދީ އަރަބިއްޔާގައި މަރުގެ އަދަބު ދިނުމުން ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެއްޖެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަހައްދުގައި އެ ދެ މީހުންގެ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން ސައޫދީ ސަރުކާރުން ބަންގްލަދޭޝްއަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ބަންގްލާދޭޝް އިން އަންނަނީ ބުނަމުންނެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ "ދަ ޑެއިލީ ސްޓާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެ މީހުންނަކީ ދެމަފިރިންނެއް ނޫނެވެ. ސައޫދީގައި ތިބި ބަންގްލާދޭޝްގެ ގައިދީންގެ މައުލޫމާތު ދޭން އެދުމުން މިދިޔަ ފޮނުވި ލިސްޓެއްގައި މި މީހުންގެ ތެރެއިން އެކަކުގެ މައްޗަށް އޮތީ 'ޒިނޭގެ ކުށް' ކަމަށާއި އަނެއް މީހާގެ މައްޗަށް އައިސީޓީއާ ގުޅުންހުރި ކުށެއްގެ ދައުވާ ހިމެނޭ ކަމަށް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
ސައޫދީގެ ލޭބާ ވެލްފެއާ ވިންގުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، އެ ދެ މީހުން މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަމުން ދަނިކޮށް ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ މީހުން ހައްޔަރުކޮށް، ޝަރީއަތް ހިންގުމަށް ފަހު މަރުގެ އަދަބު ދީފަ އެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނީ، ސައޫދީގައި ތިބި ބަންގްލަދޭޝްގެ 2،500 އެއްހާ ގައިދީންގެ ލިސްޓެއް ސައޫދީ ސަރުކާރުން ސެޕްޓެމްބަރު މަހު ހިއްސާކުރި އިރު، އޭގެ ތެރޭގައި އެ ދެ މީހުންގެ ނަން އޮތް ކަމަށެވެ. ނަމަވެސް އެ މީހުންނަށް މަރުގެ އަދަބު ކަނޑައަޅާފައިވާ ކަމުގެ އެއްވެސް ތަފްސީލެއް އެ ލިސްޓުގައި ބަޔާންކޮށްފައި ނެތުމުން، އެ މީހުންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ބަންގްލަދޭޝްއިން ބުނެ އެވެ.
މަރުގެ އަދަބު ދިނީ ދެމަފިރިންނަށް ކަމަށާއި އެ މީހުން ގޮސް އުޅުނީ "ހަނީމޫން އުމްރާ" އަކަށް ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި މި ދެ މީހުން ކުރި ކަމަކީ މިސްކިތެއްގެ ތެރޭގައި މޫނަށް ދޮނެއް ދިނުން ކަމަށް ބުނި ނަމަވެސް އެއީ ވެސް ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އެ މީހުން ހިންގީ ޖިންސީ އަމަލެއް ކަމަށް ވެސް އެ ރިޕޯޓްތަކުގައިވެ އެވެ.
މަރުގެ އަދަބު ދިން ބަންގްލަދޭޝްގެ ފިރިހެން މީހާ ކަމަށްވާ ނަޒްރުލް އިސްލާމް، 22، ސައޫދީއަށް ގޮސްފައި ވަނީ ނޮވެމްބަރު 10، 2022 ގަ އެވެ. އޭނާ ސައޫދީއަށް ފޮނުވަން އޭނާގެ ބައްޕަ ވަނީ 7 ލައްކަ ޓާކާގެ ދަރަނި ނަގާފައި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ސައޫދީ އަރަބިއްޔާއަށް ދިއުމަށް ފަހު ނަޒްރުލް އިސްލާމް މަސައްކަތް އަދާކުރަމުން ދިޔައީ ސާފުކުރާ މީހެއްގެ ވަޒީފާ އެވެ. އޭނާއަށް މަރުގެ އަދަބު ލިބުނު ކުށާ ގުޅިގެން ހައްޔަރުކުރީ ސައޫދީއަށް ދިޔަތާ ހަ މަސް ދުވަހުގެ ތެރޭގަ އެވެ. މަރުގެ ހުކުމް ތަންފީޒުކުރީ އޭގެ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
މި ހުކުމް ތަންފީޒުކުރިކަން ބަންގްލަދޭޝްއަށް އެނގުނީ ވެސް އެކަން ކޮށް ނިމުނު ފަހުން ކަމަށާއި މި މައްސަލާގައި ބަންގްލަދޭޝްގައި ހުންނަވާ ސައޫދީ ސަފީރު އަބްދުއްލާ ޒާފިރު ހާޒިރުކޮށް، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ތަފްސީލަށް އެދިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.