ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ދަރަޖަ  އެމެރިކާއަށް ގެއްލިއްޖެ އެވެ.

ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން (ޕާހޯ) އިން އިއްޔެ ނިންމި މި ނިންމުމާ އެކު، 2000 ވަނަ އަހަރު އެމެރިކާއިން ހޯދި މި ތާރީހީ ކާމިޔާބީއަށް 26 އަހަރު ފަހުން ވަނީ ނިމުން އައިސްފަ އެވެ. އެ ޖަމިއްޔާއިން އެމެރިކާގެ މި ދަރަޖަ އުނިކުރީ، މެދުނުކެނޑި 12 މަސް ދުވަހަށް ވުރެ ގިނަ ދުވަހު އެ ގައުމުގެ އެތެރޭގައި ހިމަބިހި ފެތުރެމުން ގޮސްފައިވާތީ އެވެ.

ޕާހޯގެ މި ރިވިއުގައި އެމެރިކާގެ އިތުރުން މެކްސިކޯ އާއި ބޮލީވިއާ އަށް ވެސް ވަނީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ދަރަޖަ ގެއްލިފަ އެވެ. މީގެ ކުރިން 2025 ވަނަ އަހަރު ކެނެޑާ އަށް ވެސް ވަނީ މި ދަރަޖަ ގެއްލިފަ އެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު އެ ގައުމުގެ 46 ސްޓޭޓަކުންނާއި ވޮޝިންޓަން ޑީސީން ވަނީ ހިމަބިހީގެ 5،412 ކޭސް ފެނިފަ އެވެ. މިއީ 1991 ވަނަ އަހަރުގެ ފަހުން އެއް އަހަރު ތެރޭގައި އެ ގައުމުން މި ބަލި އެންމެ ގިނައިން ފެނުނު އަހަރެވެ. މި އަހަރުގެ ތެރޭގައި ހިމަބިހި ޖެހިގެން އެމެރިކާ އިން ވަނީ 10 މީހަކު މަރުވެފަ އެވެ. އޭގެ ތެރޭގައި ޕެންސިލްވޭނިއާގެ ހަތް މީހަކާއި ވިސްކޮންސިންގެ ދެ މީހެއްގެ އިތުރުން ނިއު ޔޯކްގެ މީހަކު ހިމެނެ އެވެ.

ބަލި ޖެހުނު މީހުންގެ ގާތްގަނޑަކަށް 60 ޕަސެންޓަކީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނެވެ. އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ 1،500 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކުރި ޕެންސިލްވޭނިއާ އިންނެވެ. ބަލި ޖެހުނު ގިނަ މީހުންނަކީ ވެކްސިން ފުރިހަމަ ނުކުރާ މީހުންނެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ހިމަބިހި އަލުން ފެތުރެން މެދުވެރިވި މައިގަނޑު ސަބަބަކީ އެމްއެމްއާރު ވެކްސިން ޖަހާ މިންވަރު ދަށްވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާގެ 75 ޕަސެންޓް ކައުންޓީތަކުގައި ވެކްސިން ޖަހާ ނިސްބަތް ވަނީ، ބަލިން ރައްކާތެރިވުމަށް ބޭނުންވާ 95 ޕަސެންޓަށް ވުރެ ދަށަށް ގޮސްފަ އެވެ.

މީގެ އިތުރުން ވެކްސިނާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ޝައްކުތަކާއި، އެމެރިކާގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް. ކެނެޑީ ޖޫނިއާގެ ދަށުން ސަރުކާރުގެ ވެކްސިން ސިޔާސަތުތަކަށް ގެނައި ބަދަލުތަކަކީ ވެސް މިކަމަށް މަގުފަހިވި ސަބަބެއް ކަމަށް ބައެއް މާހިރުން ދެކެ އެވެ. އަދި އެމެރިކާ، ކެނެޑާ އަދި މެކްސިކޯއާ ދެމެދު ދަތުރުފަތުރުކުރާ މީހުންގެ ފަރާތުން ބަލި ފެތުރުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ޕާހޯގެ އުސޫލުތަކުގެ ދަށުން، ވެކްސިން ޖަހާ ނިސްބަތް އިތުރުކޮށް ބަލި ފެތުރުން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލީ ޕްލޭނެއް އެމެރިކާ، މެކްސިކޯ އަދި ބޮލީވިއާ އިން އެ ޖަމިއްޔާއަށް ހުށަހަޅަން ޖެހޭނެ އެވެ. ސީޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ބަލި ކޮންޓްރޯލް ކުރުމަށާއި ވެކްސިން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސްޓޭޓްތަކުގެ ހެލްތު ޑިޕާޓްމަންޓްތަކަށް 100 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށެވެ.

ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ދަރަޖަ އެމެރިކާއަށް އަލުން ލިބޭނީ، މެދުނުކެނޑި 12 މަސް ދުވަސް ވަންދެން އެ ގައުމުގެ އެތެރޭގައި ބަލި ފެތުރުން އެއްކޮށް ހުއްޓުވިގެންނެވެ. ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި މި ދަރަޖަ އަލުން ހޯދުމަށް އަހަރުތަކެއް ހޭދަވެދާނެ އެވެ.