ނޭޕާލުގެ އުއްތަމަ ފަނޑިޔާރު ވަކިކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ކަތުމަންޑޫ (މެއި 6) - ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ދުރު ކުރަން ސަރުކާރުން ކުރާ މަސައްކަތް އެ ގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.


އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ މަގާމުން ދުރު ކުރުމަށް ސަރުކާރުން ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއީ ސިޔާސީ ކަންކަމުގެ ތެރެއަށް އުއްތަމަ ފަނޑިޔާރު ނުފޫޒު ފޯރުވާ ކަމަށް ވެރިކަން ކުރާ ކޯލީޝަނުގައި ހިމެނޭ ބޮޑު ދެ ޕާޓީން ބުނުމާ ގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރު ކަރްކީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މައްސަލަ ދެ ޕާޓީން ހުށަހެޅީ އޭނާ ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބެލެވޭ ހުކުމްތައް އިއްވުމާއި ރިޔާސީ ބާރުގެ ތެރެއަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރާތީ ކަމަށް ބުނެ އެވެ. އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ 249 މެންބަރުންނަށް ވުރެ ގިނަ އިން ސޮއިކޮށްފަ އެވެ. މިއީ އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުމުގެ ތަހުގީގު ފެށުމަށް ބޭނުންވާ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ ގިނަ އަދަދެކެވެ. އުއްތަމަ ފަނޑިޔާރު ބަދަލު ކުރުމުގެ މަަސައްކަތް ފަށާފައި މިވަނީ ފުލުހުންގެ ވެރިއަކަށް ސަރުކާރުން ކަނޑައެޅި ފަރާތް ސުޕްރީމް ކޯޓުން ބަދަލުކޮށްފައި ވަނިކޮށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބަލަން ކޮމިޓީއެއް އުފައްދާ ހިސާބުން މަގާމުގެ މަސްއޫލިއްޔަތުން އޭނާ އޮޓޮމެޓިކުން ސަސްޕެންޑްވާނެ އެވެ. އެއަށް ފަހު ކޮމިޓީގެ ނިންމުން ޕާލަމެންޓުގެ ވޯޓަކަށް ފޮނުވާނެ އެވެ. އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރެވޭނީ ޕާލަމެންޓުގެ ތިންބައި ކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުން ބުނީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް ކަމަށެވެ. ސުޕްރީމް ކޯޓުގެ ތަރުޖަމާން ބިޝްވާރާޖް ޕައުޑެލް އޭއެފްޕީ އަށް ވިދާޅުވީ މާދަމާ އިން ފެށިގެން ކަރްކިލް ކޯޓަށް ނުކުމެވަޑައިގެން މަގާމުގެ މަސްއޫލިއްޔަތު ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނޭޕާލުގެ އުއްތަމަ ފަނޑިޔާރު މަގާމުން ދުރު ކުރަން އުޅުމުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ވެސް ވަނީ ފާޑު ކިޔައިފަ އެވެ. އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ނެރުއްވި ބަޔާނެއްގައި ވަނީ ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ނޭޕާލް ސަރުކާރުން އިހްތިރާމް ކުރުމަށް ގޮވާލައްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކަރްކީ، 64، ހަމަޖެއްސީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. އަދި އަންނަ ޖޫން މަހު އެކަމަނާ ރިޓަޔާ ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.