މިއަންމާ އަށް ފިޔަވަޅު އަޅަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ގޮވާލައިފި

ވޮޝިންޓަން (އޮކްޓޯބަރު 19) - މިއަންމާގެ އަސްކަރީ ވެރިންނަށް ދަތުރުފަތުރު ކުރުން މަނާކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ 43 މެންބަރަކު ގޮވާލައިފި އެވެ.


ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މެންބަރުން ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިއަންމާގެ ވަކިވަކި މެންބަރުންނާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެދިފަ އެވެ.

މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ދޭ އަނިޔާތަކަށް ޒިންމާވާން ޖެހޭނީ މިއަންމާގެ އަސްކަރިއްޔާ ކަމަށް ޓިލަސަން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއަންމާ ސަރުކާރުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަށް ޓިލަސަން ވިދާޅެއް ނުވެ އެވެ.

"މިއަންމާގައި ހިންގާ އަނިޔާވެރި އަމަލުތަކާ އަޅާނުލާ ދުނިޔެ އަށް އޮވެވޭކަށް ނެތް،" ވޮޝިންޓަންގެ ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސްގައި ވާހަކަ ދައްކަވަމުން ޓިލަސަން ވިދާޅުވި އެވެ. "މިއަންމާއާ ބެހޭ ގޮތުން ހާމަވަމުންދާ ރިޕޯޓްތައް ތެދު ނަމަ އެކަމުގައި ކޮންމެވެސް ބަޔަކު ޒިންމާވާން ޖެހޭ."

ޓިލަސަން ވިދާޅުވީ މިއަންމާގައި މިހާރު ވެސް އޮތީ ސިފައިންނާ އެކު ބާރުތައް ހިއްސާކުރާ ސަރުކާރެއް ކަމަށާއި އެކަމަކު އެ ގައުމު އަންނަނީ ޑިމޮކްރެސީއަކަށް ތައްޔާރުވަމުން ކަމަށެވެ. މިއަންމާ ސަރުކާރުގެ މަދަނީ ބައި ހިއްސާކުރާ ލީޑަރު އަން ސަން ސޫކީއާ ގުޅުއްވަމުން ގެންދަވާ ކަމަށް ވެސް ޓިލަސަން ވިދާޅުވި އެވެ.

މިއަންމާގައި މުސްލިމުންނަށް ދޭ އަނިޔާތައް އިތުރުވުން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ ބައި މިލިއަނަށް ވުރެ އިތުރުވެފަ އެވެ.