ހުދައިދާ ހިފުމަށް ސައޫދީ ލަޝްކަރުން ހަނގުރާމަ ފަށައިފި

ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް، ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ ހިފުމަށް، ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރުން ހަމަލާތައް ދޭން ފަށައިފި އެވެ.


ގުޅިފައިވާ ލަޝްކަރުން ހުދައިދާ އަށް ހަމަލާ ދޭން މި ފެށީ، އެ ލަޝްކަރުން ހުދައިދާ ހިސޯރު ކޮށްގެން އޮންނަތާ އެތައް މަހެއް ފަހުންނެވެ. ހުދައިދާ ހިފުމުގެ ހަމަލާތައް ފެށި އިރު، އދ.ގެ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވަނީ، ހުދައިދާގެ ހިސޯރު ދެމިގެންދާ ނަމަ، އެ ރަށުގައި ދިރިއުޅޭ 250،000 މީހުންނަށް އިންސާނީ މުސީބާތެއް ކުރިމަތިވެދާނެ ކަމަށް، އިންޒާރު ދީފަ އެވެ.

ޔަމަނަށް އެތެރެ ކުރާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނާއި ތެލާއި ގޭހުގެ ގާތްގަނޑަކަށް 80 ޕަސެންޓް އެތެރެ ކުރަނީ ހުދައިދާގެ ބަނދަރުންނެވެ. ނަމަވެސް ސައޫދީގެ ގުޅިފައިވާ ލަޝްކަރުން ބުނާ ގޮތުގައި ހޫތީ ހަނގުރާމަވެރިން ހުދައިދާ ބޭނުންކުރީ އީރާނުން ފޮނުވާ ހަތިޔާރު ޔަމަނަށް އެތެރެ ކުރުމަށެވެ.

ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސްގެ ގުޅިފައިވާ ލަޝްކަރުގެ ހަނގުރާމަމަތީ ޖެޓްތަކުން ބޮން އަޅަމުންދާ އިރު، ޔަމަން ސަރުކާރުގެ ލަޝަކަރުތަކުން ދަނީ އެއްގަމުން ހަމަލާ ދެމުންނެވެ. މީގެ އިތުރުން ގުޅިފައިވާ ލަޝްކަރުން ކަނޑު މަގުން ވެސް ހުދައިދާ އަށް ހަމަލާ ދޭން ފަށާފައިވާ ކަމަށް ހަބަރުތައް ލިބެ އެވެ.

ސައޫދީ އާއި އެމިރޭޓްސްގެ ލަޝްކަރުން ހަމަލާތައް މި ފެށީ، ހުދައިދާ އަށް އަތް ގަދަކޮށްގެން ތިބި ހޫތީ ހަނގުރާމަވެރިން އެ ރަށުން ފޭބުމަށް ތިން ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލައިތޯ ހޫތީންނާ މަޝްވަރާ ކުރުމަށް އދ. އަށް 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހު އެވެ.