ހުދައިދާގެ އެއާޕޯޓް އަދިވެސް ހޫތީންގެ ބާރުގެ ދަށުގައި

ޔަމަންގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ހުދައިދާގެ ވައިގެ ބަނދަރަށް ވެރިވެގަނެގެން އުޅުު ހޫތީ ހަނގުރާމަވެރިންގެ އަތްދަށުން އެ ބަނދަރު މިނިވަންކުރެވިފައިވާ ކަމަށް ޔަމަން ސަރުކާރުގެ ސިފައިން ބުނި ނަމަވެސް، އެ ބަނދަރު އަދިވެސް އޮތީ ހޫތީންގެ ބާރުގެ ދަށުގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފި އެވެ.


ވައިގެ ބަނދަރު ހިފުމަށް، މިދިޔަ ބުދަ ދުވަހުން ފެށިގެން ހޫތީންނަށް ހަމަލާ ދެމުން އައީ، ސައޫދީން އެކުލަވާލާފައިވާ ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ އެމިރޭޓްސްގެ ސިފައިންނާއި ޔަމަން ސަރުކާރުގެ ސިފައިންނެވެ. ހޮނިހިރު ދުވަހު ޔަމަން ސަރުކާރުން ބުނި ގޮތުގައި ހުދައިދާގެ ވައިގެ ބަނދަރު މިހާރު އޮތީ އެމީހުންގެ ބާރުގެ ދަށުގަ އެވެ.

ނަމަވެސް އެ ވައިގެ ބަނދަރު އަދިވެސް އޮތީ ހޫތީންގެ ފުރިހަމަ ބާރުގެ ދަށުގައި ކަން، މިއަދު އެ ރަށް ހިސޯރުކޮށްގެން ތިބި، ގުޅިފައިވާ ލަޝްކަރުގެ ސިފައިންގެ ފަރާތުން ވެސް ވަނީ ކަށަވަރު ވެފަ އެވެ. ނަމަވެސް ވައިގެ ބަނދަރު ހިފުމަށް އިއްޔެ ވެސް އެމިރޭޓްސް ސިފައިންނާއި ޔަމަން ސިފައިން ގުޅިގެން، ހޫތީންނަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ.

ޔަމަންގެ އަސްކަރިއްޔާއާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި، ހުދައިދާގެ ވައިގެ ބަނދަރުގެ މައިދޮރޯއްޓަށް ދެވޭ މައި މަގު މިހާރު އޮތީ، ގުޅިފައިވާ ލަޝްކަރުގެ ބާރުގެ ދަށުގަ އެވެ. އެ ސަރަހައްދު ކޮންޓްރޯލް ކުރަމުން ދަނީ ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ އެމިރޭޓްސްގެ ސިފައިންނާއި ސޫދާން ސިފައިންގެ އިތުރުން ޔަމަން ސަރުކާރުގެ ސިފައިންނެވެ.

އެހެން ނަމަވެސް ހުދައިދާގެ ވައިގެ ބަނދަރު އަދި ނުހިފޭ ކަމަށް ޔަމަންގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ކަމަށް ރޮއިޓާސް އިން ބުނެ އެވެ. ވައިގެ ބަނދަރު ހިފުމަށް މިހާރު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ހުދައިދާ އާއި ވެރިރަށް ސަންއާ ގުޅުވައިދޭ މައި މަގު ވެސް މިހާރު ވެސް މިހާރު އޮތީ ބަންދުވެފަ އެވެ. އެހެން ކަމުން ހުދައިދާގެ ބަނދަރުން ސަންއާ އަށް އެއްވެސް މުދަލެއް ބޭރު ނުކުރެވޭތާ ތިން ދުވަސް ވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހޫތީ ހަނގުރާމަވެރިއަކު ހުދައިދާގެ ވައިގެ ބަނދަރުގައި ހުރެގެން އިއްޔެ އަލްޖަޒީރާއާ ވާހަކަ ދައްކަނީ. ފޮޓޯ އަލްޖަޒީރާ

ބުދަ ދުވަހު ފެށި ހަމަލާތަކުގައި ހުދައިދާގެ ވައިގެ ބަނދަރުގެ ބައެއް ސަރަހައްދުތައް އެމިރޭޓްސް ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް ހޮނިހިރު ދުވަހު ކުރި ހަނގުރާމައިގައި ހޫތީ ހަނގުރާމަވެރިން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެމިރޭޓްސް ސިފައިން ފަހަތަށް ޖެހެން މަޖުބޫރުވެ، ބާރުގެ ދަށަށް ގެނެވުނު ތަންތަން ވެސް އެމީހުންގެ އަތުން ބީވެގެން ދިޔައީ އެވެ.

ފަސޭހަ ކަމާ އެކު ހުދައިދާ ހިފޭނެ ކަމަށް އެމިރޭޓްސް ސިފައިން ބުނި ނަމަވެސް، ހޫތީންގެ ފަރާތުން ކުރިމަތިވީ އެމިރޭޓްސް ސިފައިން އަންދާޒާ ކުރި ވަރަށް ވުރެ މާ ވަރުގަދަ ރައްދު ހަމަލާތަކެކެވެ. އެހެންކަމުން ދިފާއުގައި އެމިރޭޓްސް ސިފައިން ދިން ހަމަލާތަކުގެ ސަބަބުން ހުދައިދާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް އަލް ޖަޒީރާ ވެބްސައިޓުން ބުނެ އެވެ.

ހުދައިދާ ހިފުމަށް ވަރުގަދަ ހަނގުރާމައެއް ފަށާފައިވާ އިރު، އދ.ގެ މަންދޫބު މާޓިން ގްރިފިތްސް މިހާރު ވެސް ގެންދަވަނީ ސަންއާގައި ތިބި ހޫތީންގެ އިސް ވެރިންނާ އެކު މަޝްވަރާ ކުރައްވަމުންނެވެ. އޭނާ މަސައްކަތް ކުރައްވަނީ، ހުދައިދާގެ ވައިގެ ބަނދަރު އދ.ގެ ބެލުމުގެ ދަށަށް ދޫކޮށްލުމަށް ހޫތީން އެއްބަސްވޭތޯ އެވެ.

އޭނާ ހުށަހަޅާފައިވަނީ، ހޫތީ ހަނގުރާމަވެރިން ހުދައިދާ ދޫކޮށްލައިފި ނަމަ، ހޫތީ ހަނގުރާމަވެރިން އަމާންކަމާ އެކު އެ ރަށުން ފައިބައިގެން ދެވޭނެ ކަމުގެ މަގު އދ. އިން ފަހިކޮށްދޭނެ ކަމަށެވެ. އެއަށް ފަހު، އދ. އިން ބޭނުންވަނީ ޔަމަނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ފަސޭހަ ކަމާއެކު އެތެރެކުރުމަށްޓަކައި ހުދައިދާގެ ބަނދަރު އދ.ގެ ބެލުމުގެ ދަށުގައި ބާއްވާށެވެ.