ތެހެރާން (ޑިސެމްބަރު 13) - ސޯޝަލް މީޑިއާގައި ކުރި މެސެޖަކާ ގުޅިގެން ޖަލަށްލި އީރާނުގެ އެކްޓިވިސްޓް ކުރަމުން ދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި އޭނާ މަރުވެއްޖެ ކަމަށް އާއިލާ އިން ބުނެފި އެވެ.

ވާހިދު ސައްޔިދީ ނާސިރީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ކުޑައިމިސް ބަސް ރައްދުވާ ގޮތަށް ކޮމެންޓް ކުރުމެވެ. ދެ އަހަރާއި ބައިގެ މުއްދަތަށް ޖަލުގައި ބެހެއްޓުމަށް ފަހު މިދިޔަ މާޗް މަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު ފަސް މަސް ފަހުން އޭނާ ވަނީ އަލުން ހައްޔަރުކޮށްފަ އެވެ. ނާސިރީ ޑިމާންޑް ކުރަމުން ދިޔައީ އޭނާ ބަހައްޓައިފައި ހުރި ހައި ސެކިއުރިޓީ ޖަލުން އެހެން ތަނަކަށް ބަދަލުކޮށް ދިނުމަށެވެ.

ދައުލަތާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރާ ކަމުގެ ކުށުގައި ސެޕްޓެމްބަރު 2015 ގައި ހައްޔަރު ކުރުމަށް ފަހު ނާސިރީގެ މައްޗަށް ފުރަތަމަ އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ ހައްޔަރު ކުރީ ޚާމަނާއީއާ ގުޅޭ ގޮތުން ފޭސްބުކުގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެކަމަކު ފަހުން ވަނީ އަށް އަހަރު ހަމަވުމުގެ ކުރިން ދޫކޮށްލައިފަ އެވެ.

ނަމަވެސް އޮގަސްޓް މަހު އަލުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ އޮކްޓޯބަރު މަހު އެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހާލު ދެރަވެ އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ނާސިރީގެ ދައްތަ ބުނެފައި ވަނީ އޭނާ މަރުވިކަން ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށާއި އިތުރު އެއްވެސް މައުލޫމާތެއް ނުދޭ ކަމަށެވެ.