ތެހެރާން (މާޗް 15) - ކޮރަޕްޝަނުގެ ކުށުގައި އީރާނުގެ ކުރީގެ ނައިބް ރައީސް ހާމިދު ބަޣާއީ ޖަލަށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދުގެ ނައިބަކަށް ހުންނެވި ބަޣާއީގެ މައްޗަށް ނުހައްގު ވިޔަފާރި ކުރުމުގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑިސެމްބަރު މަހު އެވެ. ނަމަވެސް މިހާތަނަށް އޭނާ ހުންނެވީ ދޫކޮށްލައިފަ އެވެ.
ތެހެރާން ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައި ވަނީ ފުލުހުން ވަނީ ގަޣާއީ ހައްޔަރުކޮށް ޖަލަށް ގެންގޮސްފައި ކަމަށެވެ.
ބަޣާއީ އަކީ އަހުމަދީނިޖާދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އަހުމަދީނިޖާދުގެ ދެ ވަނަ ދައުރުގައި ބަޣާއީ ވަނީ ޗީފް ސްޓާފުގެ މަގާމު އަދާކުރައްވައިފަ އެވެ. އަހުމަދީނިޖާދާއި ބަޣާއީ ވަނީ މިދިޔަ އަހަރުގެ މެއި މަހު އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުށަހަޅައިފަ އެވެ. ނަމަވެސް ގާޑިއަން ކައުންސިލުން ވަނީ އެ ދޭބޭފުޅުންގެ ނަން ބަލައިނުގަތުމަށް ނިންމައިފަ އެވެ
ވެރިކަމުގައި ހުންނެވި އިރު ނަހަމަ ގޮތުގައި ބާރުތައް ބޭނުންކުރިކަމުގެ ކުށުގައި ބަޣާއީ ވަނީ 2015 ވަނަ އަހަރު ހަތް މަހަށް ޖަލަށްލައިފަ އެވެ.