އުމާން ކަނޑު އޮޅިން ދަތުރުކުރި ޖަޕާނާއި ނޯވޭގެ ދެ ތެޔޮ ޓޭންކަރަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން އީރާނުގެ މައްޗަށް ކުރާ ތުހުމަތުތައް އެ ގައުމުން ދޮގު ކުރިޔަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ވާހަކަތައް ގަބޫލެއް ނުކުރެއްވި އެވެ.
މިދިޔަ ހުކުރު ދިން މި ހަމަލާގައި ޖަޕާންގެ ޓޭންކަރު ކައިރިން ނުގޮވާ ހުރި މައިންތަކެއް އީރާނުގެ ސިފައިން ސާފުކުރުމުގެ މަސައްކަތްކުރާ ތަނުގެ ވީޑިއޯއެއް އެމެރިކާ އިން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު މި ތުހުމަތުތައް ދޮގުކޮށް އީރާނުން ބުނީ މިއީ އެ ގައުމާއި މެދު އިރުމަތީގެ ގައުމުތަކާ ދެމެދު އޮތް ހަމަޖެހުން ނަގާލަން އެމެރިކާއިން ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު މިހާރު ވަނީ ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އުފެދިފަ އެވެ. އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އީރާންގެ ރުޅިވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ. މަސްރަހު ފިނިކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން އަންނަ މަސައްކަތުގައި އަދި އަލި މަގެއް ނުފެނެ އެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނީ އީރާނުން ކަމަށާއި "ނުގޮވައި އޮތް މައިނެއްގައި އޮތީހުސް ވެސް އީރާނުގެ ނަން ލިޔެފައި" ކަމަށެވެ.
ހަމަލާ ދިން އުމާން ކަނޑު އޮޅިއަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ މައި އެއް މަގުގެ އެއް ކޮޅެވެ. އެ ދިމާލުން އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އަގުހުރި ތެޔޮ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެންދެ އެވެ. ޓްރަމްޕް ވިދާޅުވީ މި ކަނޑުއޮޅި ބަންދު ކުރުމަކީ އީރާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރި ނަމަވެސް މާ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި ނުބޭއްވޭނެ ކަމަށެވެ.
އޭނާ މިގޮތަށް ވާހަކަ މި ދެއްކެވީ، ހަމަލާތަކުގެ ޒިންމާ އީރާނުން ނަގަން ޖެހޭނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއި ވިދާޅުވެފައި ވަނިކޮށެވެ.
ޕޮމްޕެއި ވިދާޅުވި ގޮތުގައި ހަމަލާތަކުގައި ބޭނުންކުރި ހަތިޔާރާއި އެކަހަލަ އޮޕަރޭޝަން ހިންގުމުގެ ތަޖުރިބާ އާއި މި ފަހުން ބޯޓުފަހަރަށް އީރާނުން ދިން ހަމަލާތަކާއި އެ ފެންވަރުގެ ކަމެއްގެ ގާބިލްކަން އޮތް އެހެން ބަޔަކު އެ ސަރަހައްދުގައި ނޫޅޭނެ އެވެ.
އެމެރިކާގެ ތުހުމަތުތަކަށް ރައްދު ދީ، އދ ގައި ހުންނަ އީރާނުގެ މިޝަނުން ބުނީ އެމެރިކާ އިން ދައްކަނީ އެއްވެސް ހެއްކެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ޖޫން 13 ވަނަ ދުވަހު އޮއިލް ޓޭންކަރުގެ ހާދިސާއާ ގުޅުވައިގެން އެމެރިކާ އިން ދައްކާ ވާހަކަތަކުގައި ސާބިތުހިފޭ އެއްވެސް ކަމެއް ނެތެވެ. އެންމެ ހަރުކަށި އިބާރާތުން އެމެރިކާގެ އެ ވާހަކައް އީރާނުން ދޮގުކުރަމެވެ،" އީރާނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ބުރާސްފަތިދުވަހުގެ ހަމަލާއާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ވަނީ ހަތަރު ޕަސެންޓް މައްޗަށް ޖެހިފަ އެވެ. އޭގެ ކުރީ ދުވަހު ކުރިމަތިވީ ހަތަރު ޕަސެންޓްގެ ވެއްޓުމެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އީމަން
16 June 2019
ޓްރަމްޕާ އާ މުޅި ދުނިޔެ ދެކޮޅު!
ބޮޑުމީހާ
15 June 2019
ކޮންމެވެސް އެއްޗެކޭ ކިޔައިގެން އިރާންނަށް އަރަން ތިއުޅެނީ. ލައްކަދުވަސްވެއްޖެ ތިމަސައްކަތްކުރާތާ
ހަޒާނާ
15 June 2019
އެއްވެސް މީހަކު ދައްކާވާހަކަ މީނަ ގަބޫލެއް ނުކުރެއެވެ.