އިޒްރޭލުން ލުބްނާނަށް ހަމަލާދޭތީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ މަޝްވަރާތައް އީރާނުން މެދުކަނޑާލި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މަޝްވަރާތައް ހަލުވިކަމާ އެކު ކުރިއަށް އެބަދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

"އީރާނާ އެކު ކުރާ މަޝްވަރާތައް ހަލުވިކަމާ އެކު ކުރިއަށް އެބަ ދޭ. މިކަމަށް ސަމާލުކަން ދެއްވިކަމަށްޓަކައި ޝުކުރިއްޔާ!،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ. 

ލުބްނާނުގައި، އީރާންގެ ތާއީދު އޮންނަ ހިޒްބުﷲ އަށް ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ އުދުވާނު ހުއްޓާލުމަކީ އެމެރިކާއާ އެކު އީރާނުން ކުރިއަށް ގެންދާ މަޝްވަރާގައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ކުރިމަތިކުރާ ޝަރުތެކެވެ. 

 "ޒަޔަނިސްޓު ދައުލަތުން (އިޒްރޭލުން) ލުބުނާނުގައި ހިންގަމުންދާ ޖަރީމާތައް ކުރިއަށްދާތީ އާއި، ސުލްހައިގެ އެއްބަސްވުމުގެ މައިގަނޑު އެއް ޝަރުތަކީ ލުބުނާނުގެ މަސްރަހު ކަމަށްވާއިރު، މިހާރު ލުބުނާނު ހިމެނޭހެން ހުރިހާ ދިމާލެއްގައި ވެސް، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާތީ، މެދުވެރިންގެ އެހީގައި ކުރިއަށްގެންދާ މަޝްވަރާތަކާއި ލިޔެކިޔުންތައް ބަދަލުކުރުން އީރާނުގެ މަޝްވަރާ ވަފުދުން ވަނީ މެދުކަނޑާލާފައި،" އީރާންގެ ތަސްނީމް ނިއުސް އެޖެންސީން ބުންޏެވެ.  

އިޒްރޭލުން މިހާރު ލުބްނާނަށް ދެމުން ގެންދާ ހަމަލާތަކަކީ ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި ލުބުނާނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

ނަމަވެސް ޓްރަމްޕު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި ލުބްނާންގެ ވެރިރަށް ބައިރޫތުގެ ދެކުނު ސަރަހައްދަށް އިޒްރޭލުން ހަމަލާ ދޭން ފަށާނެ ކަމުގެ އިންޒާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފައި ވިޔަސް އެ ސަރަހައްދަށް ސިފައިން ނުފޮނުވަން އޭނާ މިހާރު ވަނީ އެއްބަސްވެފަ އެވެ. 

ޓްރަމްޕު ވިދާޅުވި ގޮތުގައި އޭނާ ވަނީ ހިޒްބުﷲ އާއި އިޒްރޭލު ވެސް ހަމަލާތައް ލުއިކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ނުދިނުމަށް އެއްބަސްކުރުވައިފަ އެވެ. 

"ބައިރޫތަށް ސިފައިންގެ ބަޔަކު ނުފޮނުވާނެ، އަދި އެތަނަށް ދިޔުމުގެ މަގުމަތީގައި ތިބި ސިފައިންގެ ބަޔަކު މިހާރު ވަނީ އަނބުރާ ފޮނުވާލާފައި،" ނަތަންޔާހޫއާ އެކު ކުރެއްވި ކަމަށް ބުނާ "ވަރަށް ކާމިޔާބު" ފޯން ކޯލަކަށް ފަހު، ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ނެޓްވޯކްގައި ވިދާޅުވި އެވެ.

"ހަމައެހެން، އިސް މަންދޫބުން މެދުވެރިކޮށް ހިޒްބުالله އާ އެކު ވެސް ވަރަށް ރަނގަޅު ފޯން ކޯލެއް ކުރެވުނު، އަދި ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް އެފަރާތުން އެއްބަސްވި -- އެއީ އިޒްރޭލުން އެމީހުންނަށް ހަމަލާނުދިނުމަށާއި، އެމީހުން އިޒްރޭލަށް ހަމަލާނުދިނުމަށް."

އީރާނުން ބުނަމުންދަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާނީ، ލުބްނާނު ވެސް ހިމެނޭ ގޮތަށް، ހުރިހާ ދިމާލެއްގައި ވެސް ހަމަލާތައް ހުއްޓުމަކަށް ގެންނަ ގޮތަށެވެ.