ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ޑްރަގު ގޭންގުތައް: ސިރިސޭނާ

ކޮލަމްބޯ (ޖުލައި 16) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ބައިނަލްއަގުވާމީ ޑްރަގު ޑީލަރުން ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ސިރިސޭނާ އިއްޔެ އެހެން ވިދާޅުވި ނަމަވެސް ލަންކާގައި ބޮމުގެ ހަމަލާ ދިނީ އެ ގައުމުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށް ސިރިސޭނާގެ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ.

ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ޑްރަގު ޑީލަރުން ކަމަށް ސިރިސޭނާ ވިދާޅުވި އިރު އެމަނިކުފާން ގެންދަވަނީ ޑްރަގު ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ. ސިރިސޭނާ ދާދި ފަހުން ވިދާޅުވެފައި ވަނީ މަރުގެ އަދަބު އުވާލަން ޕާލަމެންޓަށް ހުށަހެޅުމަކީ ޑްރަގު ޑީލަރުންނަށް ގައުމު ހަވާލު ކުރުން ފަދަ ކަމެއް ކަމަށެވެ.

"ލަންކާގައި ބޮމުގެ ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ ބައިނަލްއަގުވާމީ ޑްރަގު ޑީލަރުންގެ މަސައްކަތް. އެ މީހުން އެ ހަމަލާ ދިނީ ޑްރަގާ ދެކޮޅަށް އަޅުގަނޑު ކުރާ މަސައްކަތް ހުއްޓުވުމަށް. އެކަމަކު އަޅުގަނޑުގެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ،" ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސިރިސޭނާގެ މި ތުހުމަތަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ތަރުޖަމާން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

"ހަމަލާ ދިންތާ ދެ ހަފުތާ ފަހުން ވަނީ ފުލުހުންގެ ތަހުގީގު ނިންމާފައި. އެކަމަކު ބޮމުގެ ހަމަލާގެ ފަހަތުގައި ޑްރަގު ޑީލަރުންވާ ކަމެއް އެއްވެސް ތަހުގީގަކުން ފާހަގައެއް ނުވޭ،" ތަރުޖަމާން ސުދާޝަނާ ގުނަވަރްދަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރުގެ އަދަބު ދިނުމަށް ރަނިލް ދެކޮޅު ހައްދަވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ސިޔާސަތާ ވެސް ދެކޮޅު ކަމެއް ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ ބޮމުގެ ހަމަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ 100 މީހުންނަކީ މުޅިން ވެސް ލަންކާގެ ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.

ލަންކާގައި މަރަށް ހުކުމްކޮށްފައިވާ ޑްރަގުގެ ކުށްވެރިންގެ ތެރޭން ހަތަރު މީހަކަށް ހުކުމް ތަންފީޒް ކުރުމުގެ ލިޔުމުގައި ސިރިސޭނާ ވަނީ ސޮއި ކުރައްވައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަންތަކަކާ ގުޅިގެން މިހާރު ވަނީ އޮކްޓޯބަރު 30 ގެ ކުރިން އަދަބު ތަންފީޒް ނުކުރަން އަންގައިފަ އެވެ. ސުޕްރީމް ކޯޓުން ވަނީ އެކަމާ މެދު އޮކްޓޯބަރު 29 ގައި ގޮތެއް ނިންމާނެ ކަމަށް ބުނެފަ އެވެ.

ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ މީގެ 43 އަހަރު ކުރިންނެވެ.