ބޮމުގެ ހަމަލާގެ ރިޕޯޓުގައި ސިރިސޭނާ އަށް ސީރިއަސް ތުހުމަތުތަކެއް

ކޮލަމްބޯ (އޮކްޓޯބަރު 24) - ސްރީ ލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ޕާލަމެންޓަރީ ސިލެކްޓް ކޮމިޓީ (ޕީއެސްސީ) އިން ތައްޔާރުކުރި ރިޕޯޓުގައި ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.


ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ގައުމުގެ ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ސިރިސޭނާ އަށް ބެލެހެއްޓިފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ކުރިން ލިބުނު އިންޓަލިޖެންސް މައުލޫމާތާ ގުޅޭ ގޮތުން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ޑިޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ވިޖެވަރްދަނާގެ މަގާމުގެ ވާޖިބުތައް ފުރިހަމަ ގޮތުގައި އަދާކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ޕީއެސްސީ އަށް ފާހަގަ ކުރެވުނު ގޮތުގައި ވަރަށް ގިނަ ކަންކަމުގައި ލީޑަޝިޕް ދެއްކެވުމުގައި ރައީސް ސިރިސޭނާ ވަނީ ފެއިލްވެފައި. އަދި ސަރުކާރުގެ ސެކިއުރިޓީ އާއި އިންޓަލިޖެންސް ނިޒާމް ފެއިލްވުމުގައި ރައީސްގެ ޒިންމާ ވެސް އެބައޮތް،" ޕާލަމެންޓުން ތައްޔާރުކުރި 1،649 ސަފުހާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޕާލަމެންޓުގެ ސިލެކްޓް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ސިރިސޭނާ ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަަލުވުންތަކުން ފުލުހުންގެ ވެރިޔާ ބޭރުކޮށްފަ އެވެ. މީގެ އިތުރުން ލަންކާގެ އިންޓަލިޖެންސް އެޖެންސީ، ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ބޮމުގެ ހަމަލާގެ މައުލޫމާތު ކުރިން ލިބުނު ނަމަވެސް ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

ސްރީ ލަންކާގެ ޑިޕިއުޓީ ސްޕީކާ އަދި ސްޕެޝަލް ޕާލަމެންޓަރީ ސިލެކްޓް ކޮމިޓީގެ ޗެއާމަން އާނަންދަ ކުމާރަސިރީ (ކ) ޕާލަމެންޓުން ތައްޔާރު ކުރި ރިޕޯޓާ ގުޅޭ ގޮތުން އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ބޮމުގެ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އެސްއައިއެސްގެ ޑިރެކްޓަރު ނިލަންތާ ޖަޔަވަރްދަނާ އަށް އަންގާފައި ވަނީ އެޕްރީލް 4 ވަނަ ދުވަހު އެވެ.

"އެސްއައިއެސްގެ މި ބޮޑު ފެއިލިއާގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައި. އެތައް ބަޔަކު ޒަޚަމްވެ އަގު ނުކުރެވޭވަރުގެ ގެއްލުން ލަންކާ އަށް ވަނީ ލިބިފައި. މިއީ އެހާ ލުއިކޮށް ނެގޭނެ ކަންތަކެއް ނޫން،" ރިޕޯޓުގައި ބުނެފައިވެ އެވެ.

ބޮމުގެ ހަމަލާ އަށް އިހުމާލުވިކަމުގެ ތުހުމަތު ސިރިސޭނާ އަޅުވާފައި ވަނީ ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސުންދަރަ އާއި ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯގެ ބޮލުގަ އެވެ. އަދި އެ ދެ މީހުންނާ ދެކޮޅަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ.

ޕާލަމެންޓްރީ ގްރޫޕުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބޮމުގެ ހަމަލާއާ ނޭޝަނަލް ތައުހީދު ޖަމާއަތާ ގުޅުން އޮތްކަމުގެ ހެކި ލިބިފައެއް ނުވެ އެވެ.

އީސްޓާ ބޮމުގެ ހަމަލާ އަލުން ތަހުގީގު ކުރުމަށް ރައީސް ސިރިސޭނާ މިދިޔަ މަހު ވަނީ އަންގަވައިފަ އެވެ. ބޮމުގެ ހަމަލާ އަލުން ތަހުގީގު ކުރަން ސިރިސޭނާ އެންގެވީ ޕާލަމެންޓާއި ފުލުހުންގެ ތަހުގީގު ވަކިފަރާތަކަށް ނުޖެހި ކުރިއަށް ގެންދެވިދާނެކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދުމުންނެވެ.

އެޕްރީލް 21 ވަނަ ދުވަހު ކޮލަމްބޯގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ކަމަށް ސަރުކާރުން ބުނަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށެވެ. އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެސް އުފުލައިފަ އެވެ.

އިންޓަލިޖެންސް ރިޕޯޓްތަކާ ގުޅިގެން ސީރިއަސް ގޮތެއްގައި އަމަލު ކުރައްވާފައި ނުވާތީ ލަންކާގެ ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ކުރައްވާ ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ބޮމުގެ ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.