ބޮމުގެ ހަމަލާ އަށް ޒިންމާވާ އެންމެން ޖެހޭނީ މަރަން: ސިރިސޭނާ

ކޮލަމްބޯ (ޖުލައި 19) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭ ހުރިހާ "ޓެރަރިސްޓުންނަށް" ދޭން ޖެހޭނީ މަރުގެ އަދަބު ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ސިރިސޭނާ ކުރިން ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާދީފައި ވަނީ ބައިނަލްއަގުވާމީ ޑްރަގު ޑީލަރުން ކަމަށެވެ. އެކަމަކު ފުލުހުންގެ ތަހުގީގުން އެނގިފައި ވަނީ އީސްޓާ ބޮމުގެ ހަމަލާ ދިނީ އެ ގައުމުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށެވެ.

ސިރިސޭނާ ގެންދަވަނީ ލަންކާގައި ބޮޑެތި ޖަރީމާތައް ހިންގާ މުޖްރިމުންނަށް، ޚާއްސަކޮށް ޑްރަގު ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ބާރު އަޅުއްވަމުންނެވެ.

"މަރުގެ އަދަބު ނުދީފި ނަމަ އީސްޓާ ބޮމުގެ ހަމަލާގައި ބައިވެރިވި މީހުން މިނިވަންކަމާ އެކު ޖަލުތަކުން ނުކުމެގެންދާނެ،" ސިރިސޭނާ ވިދާޅުވި އެވެ.

މަރުގެ އަދަބު ދިނުމަށް ސިރިސޭނާ ކެމްޕޭން ކުރެއްވި ނަމަވެސް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ގެންދަވަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.

ޑްރަގުގެ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައިވާ ހަތަރު މީހެއްގެ އަދަބު ތަންފީޒް ކުރުމުގެ ލިޔުމުގައި ސިރިސޭނާ ވަނީ ސޮއި ކުރައްވައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންތަކަކާ ގުޅިގެން ވަނީ އޮކްޓޯބަރު 30 ގެ ކުރިން މަރުގެ އަދަބު ތަންފީޒް ނުކުރަން އަންގައިފަ އެވެ.

ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ މީގެ 43 އަހަރު ކުރިންނެވެ.

އެޕްރީލް 21 ވަނަ ދުވަހު ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކުގައި އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކުގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މިހުން ހިމެނެ އެވެ. އަދި ހަމަލާތަކުގައި ވަނީ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ބޮމުގެ ހަމަލާތަކާ ގުޅިގެން ވަނީ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.