ބޮމުގެ ހަމަލާއާ ގުޅިގެން ސިރިސޭނާއާ ސުވާލު ކުރަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 10) - ސްރީ ލަންކާގައި އެޕްރީލް މަހު ފަހުކޮޅު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް މައިތުރިޕާލާ ސިރިސޭނާއާ ޕާލަމެންޓުގެ ކޮމިޓީން ސުވާލު ކުރަން ނިންމައިފި އެވެ.


އީސްޓާ ސަންޑޭ ބޮމުގެ ހަމަލާއާ ގުޅިގެން ޕާލަމެންޓުގެ ސިލެކްޓިވް ކޮމިޓީ (ޕީއެސްސީ) އިން ސިރިސޭނާއާ ސުވާލު ކުރާނީ މި މަހު 20 ވަނަ ދުވަހު އެވެ. ޕީއެސްސީގެ ޗެއާމަން އާނަންދަ ކުމާރަސިރީ ވިދާޅުވީ ކޮމިޓީން ސިރިސޭނާއާ ސުވާލު ކުރާނީ އެމަނިކުފާނުގެ އޮފީހުގައި ކަމަށެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ މިދިޔަ މަހު 6 ވަނަ ދުވަހު ޕާލަމެންޓް ކޮމިޓީ އަށް ބަޔާން ދެއްވައިފަ އެވެ.

އެޕްރީލް 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާ ތަހުގީގު ކުރުމަށް ޕާލަމެންޓުގައި އުފެއްދި ކޮމިޓީ އަށް ލަންކާ ސަރުކާރުގެ ވަޒީރުންނާއި ސިފައިންނާއި ފުލުހުންގެ އިސްވެރިން ވަނީ ބަޔާންދީފަ އެވެ. އަދި މި މައްސަލަ ބަލަން ސިރިސޭނާ އުފެއްދި ރިޔާސީ ކޮމިޝަނުގެ ތިން މެންބަރުން ވެސް ވަނީ ޕާލަމެންޓް ކޮމިޓީ އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

ބޮމުގެ ހަމަލާ ދިން އިރު ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހެމަސިރީ ފެނާންޑޯ އާއި އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދަރަ ވަނީ ޕާލަމެންޓުގެ ތަހުގީގު ކޮމިޓީ އަށް ބަޔާން ދީފަ އެވެ. އެ ދެ މީހުން ވެސް ވިދާޅުވެފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށްޓަކައި ސަލާމަތީ ޕްރޮޓޮކޯލްތައް ސިރިސޭނާ ފޮލޯ ކުރަމުން ނުގެންދަވާ ކަމަށެވެ.

ލަންކާގައި ބޮމުގެ ހަމަލާ ދޭން އުޅޭ ކަމަށް އިންޑިއާ އިން ދިން ޖާސޫސީ މައުލޫމާތާ ގުޅިގެން ލަންކާގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. އެޕްރީލް 4 ވަނަ ދުވަހު އިންޑިއާ އިން ދިން އިންޒާރާ ގުޅިގެން އަމަލުކޮށްފައި ނުވާތީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ވެސް ވަނީ ފާޑު ކިޔައިފަ އެވެ. އިންޓަލިޖެންސް ރިޕޯޓްތަކާ ގުޅިގެން ސީރިއަސް ގޮތެއްގައި އަމަލު ކުރައްވާފައި ނުވާތީ ލަންކާގެ ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ކުރައްވާ ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ބޮމުގެ ހަމަލާގެ ތަހުގީގު ޕާލަމެންޓުން ކުރިއަށް ގެންދަން ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެއްބާރުލުން ނުދިނުމަށް ފުލުހުންނަށް ވަނީ އަންގަވައިފަ އެވެ. ނަމަވެސް ޕާލަމެންޓުގެ ތަހުގީގު ދަނީ ކުރިއަށެވެ.

ލަންކާގެ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ތިން ފައްޅިއަކާއި ތިން ހޮޓަލުގައި އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.