ތެހެރާން (ނޮވެމްބަރު 24) - ޖާސޫސްކުރި ކަމުގެ ތުހުމަތުގައި 2014 ވަނަ އަހަރު އީރާނުން ހައްޔަރުކުރި، ތެހެރާނުގައި ހުންނަ ވޮޝިންޓަން ޕޯސްޓް ބިއުރޯގެ އިސް ނޫސްވެރިޔާ ޖޭސަން ރިޒަޔާން އަށް ލިބުނު ގެއްލުމުގެ ބަދަލަށް އީރާން ސަރުކާރުން 180 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ޖޭސަންގެ ދައުވާގައި ބުނެފައި ވަނީ އެއްވެސް ކުށެއް ސާބިތު ކުރުމަކާ ނުލައި 18 މަސް ދުވަސް އޭނާ ޖަލުގައި ބާއްވައިގެން ލައްކަ ގިނަ އަނިޔާ ދީފައިވާ ކަމަށެވެ.

ޖޭސަން އަށް ބަދަލު ނަގައިދޭން އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުން ކުރި ހުކުމަކީ ރަމްޒީ ކަމެއް ކަމަށް ބެލެވެ އެވެ. ދައުވާ އަށް އީރާނުން ޖަވާބުދާރީވެފައެއް ވެސް ނުވެ އެވެ. ޖޭސަން ވަޒީފާ އަދާކުރާ ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ އީރާނުން އެ ފައިސާ ނުދޭނެ ކަމަށެވެ.

އެމެރިކާ އާއި އީރާނުގެ ރަށްވެހިކަން އޮންނަ ޖޭސަން ޖުލައި 22، 2014 ގައި ތެހެރާނުން ހައްޔަރުކުރި އިރު އޭނާ އަކީ ތެހެރާނުގައި ހުންނަ ވޮޝިންޓަން ޕޯސްޓުގެ ކޮރެސްޕޮންޑެންޓެވެ. ޖަލުގައި 544 ދުވަހު ބޭއްވުމަށް ފަހު އޭނާ ދޫކޮށްލީ ޖެނުއަރީ 2016 ގަ އެވެ. ޖޭސަން ދޫކޮށްލީ އެމެރިކާ އިން ބަންދުކޮށްފައި ތިބި އީރާނުގެ ހަތް މީހަކު ދޫކޮށްލާމަތިން ޝަރުތުކޮށްފަ އެވެ. ޖޭސަންއާ އެކު އޭނާގެ އީރާން އަންހެނުން ޔެގާނާހު ވެސް ހައްޔަރުކުރި އެވެ. ދެ މަސް ފަހުން އަންހެނުން ވަނީ ދޫކޮށްލައިފަ އެވެ.

ޖޭސަންގެ މައްޗަށް އީރާނުން ތުހުމަތުކޮށްފައި ވަނީ ބޭރުގެ ފަރާތްތަކަށް ޖާސޫސް ކޮށްދިނުމެވެ. އަދި އޭނާގެ ޝަރީއަތް އީރާނުގެ ރިވޮލިއުޝަނަރީ ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ސިއްރިއްޔާތުގަ އެވެ. ޖޭސަން ބާއްވާފައި އޮތީ އީރާނުގައި އަނިޔާވެރި ކަމަށް މަޝްހޫރު އެވިން ޖަލުގަ އެވެ. ޖޭސަން ބުނީ އޭނާ އެކަހެރިކޮށް ބަންދުކޮށްފައި އޮތް އިރު ނިދިން މަހްރޫމްކޮށް ބަލިވުމުން ބޭސް ފަރުވާގެ އެންމެ އަސާސީ ފަރުވާ ވެސް ދީފައި ނުވާ ކަމަށެވެ. ޖަލުގެ ކާނާ ގޯސްވުމުން ބަރުދަނުން 50 ޕައުންޑް ލުއިވެފައިވާ ކަމަށް ވެސް ޖޭސަން ބުނެފައިވެ އެވެ. ކާ އެއްޗިއްސަށް ކޮންކްރީޓާއި ގަލާއި ހިރަފުސް ވެސް އަޅާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ. ސުވާލުކުރި މީހުން ވަނީ ޖޭސަންގެ އަންހެނުންނަށް ބޮޑު ޒަޚަމެއްދީ ފަރުބަދައެއްގެ މަތިން ވައްޓާލަފާނެ ކަމަށް ބުނެ ބިރު ދައްކައިފަ އެވެ.

ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓަށް ޖޭސަން ދައުވާ ހުށަހެޅީ އޭނާގެ އާއިލާގެ ވެސް ނަމުގަ އެވެ. ޖޭސަންގެ ބޭބެ އާއި މަންމަ ކޯޓުގައި ވަނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ބޮޑު އަދަދެއް ހޯދަން ހުށަހަޅައިފަ އެވެ.

ކޯޓުން ވަނީ ޖޭސަން އަށް ދިން އަނިޔާ އާއި އޭނާ އަށް ލިބުނު އިގްތިސާދީ ގެއްލުމުގެ ބަދަލަށް 23.8 މިލިއަން ޑޮލަރު، އޭނާގެ ބޭބެ އަލީ އަށް 2.7 މިލިއަން ޑޮލަރު އަދި މަންމަ މޭރީ އަށް 3.1 މިލިއަން ޑޮލަރު ދިނުމަށް އީރާނަށް އަންގައިފަ އެވެ. މުޅި އާއިލާ އަށް ލިބުނު ގެއްލުމަށް 150 މިލިއަން ޑޮލަރު ދިނުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.