ކޮލަމްބޯ (ނޮވެމްބަރު 28) - ސްރީ ލަންކާގައި ހުންނަ ސްވިޒަލެންޑް އެމްބަސީ ސްޓާފަކު ރަހީނުކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އެ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ސްވިޒަލެންޑުން ވަނީ ލަންކާ ސަފީރު ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ. ސްވިޒަލެންޑް އެމްބަސީ ސްޓާފަކު ހައްޔަރުކޮށް ބިރު ދެއްކީ ގޮތް ނޭނގޭ ބައެއް ކަމަށްވެ އެވެ.

ސްވިޒަލެންޑުގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެމްބަސީ ސްޓާފް ހިފެހެއްޓުމަށް ފަހު ދެ ގަޑިއިރުވަންދެން އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. ސްވިޒަލެންޑުގެ ފޮރިން މިނިސްޓްރީން ވެސް ބުނެފައި ވަނީ އެމްބަސީއާ ގުޅޭ ބައެއް މައުލޫމާތު ހޯދަން ސްޓާފަށް ބިރު ދައްކާފައިވާ ކަމަށެވެ.

ސްވިޒަލެންޑުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ލަންކާގެ ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހަޅައި، އަދި ތަހުގީގުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އެމްބަސީ ސްޓާފުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސްރީ ލަންކާގައި އެދިފައިވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ސްރީ ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓު (ސީއައިޑީ)ގެ އިންސްޕެކްޓަ ނިޝާންތާ ސިލްވާ ފިލައިގެން ސްވިޒަލެންޑަށް ދިޔަ މައްސަލައާ ގުޅިގެން ކުރި ކަމެއް ކަމަށެވެ. މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ތަހުގީގު ކުރި ނިޝާންތާ ފިލައިގެން ދިޔައީ އޭނާ އަށް މަރުގެ އިންޒާރުތައް ލިބެން ފެށުމުން ކަމަށްވެ އެވެ.

ނިޝާންތާ ފުރައިގެން ދިޔައީ ސީއައިޑީގެ އިތުރު އޮފިސަރުން ފުރައިފާނެތީ ލަންކާގެ އެއާޕޯޓްތައް ސަމާލު ކަމަށް ގެނެސްފަ އެވެ.