ބާން (ޑިސެމްބަރު 4) - ކޮލަމްބޯގައި ހުންނަ އެމްބަސީ ސްޓާފަކު ވަގަށް ނަގައި ބިރު ދެއްކި މައްސަލާގައި ސްރީ ލަންކާ ސަފީރު ސްވިޒަލެންޑުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.
ޖަރުމަނުގެ ބާލިންގައި ގާއިމްވެ ހުންނަ ލަންކާ ސަފީރު ކަރުނަސެނާ ހެއްޓިއަރައްޗީ ވަނީ ސްވިޒަލެންޑުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް ސްޓޭޓް ސެކްރެޓަރީއާ ބައްދަލުކޮށްފަ އެވެ.
ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް ޖެހިފައި ވަނީ ލަންކާ ފުލުހުންގެ ސީނިއާ އޮފިސަރަކު ސްވިޒަލެންޑަށް ގޮސް އެ ގައުމުން ހިމާޔަތް ހޯދި ފަހުންނެވެ. ފިލައިގެން ސްވިޒަލެންޑަށް ދިޔައީ ރާޖަޕަކްސާ އާއިލާގެ މެންބަރުންގެ މައްސަލަތައް ތަހުގީގު ކުރި އޮފިސަރެވެ.
ސްވިޒަލެންޑުގެ ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި ހުންނަ އެމްބަސީގެ ސްޓާފަކަށް ވަނީ ބަޔަކު ބިރުދައްކައި އެމްބަސީގެ ލިޔުންތަކެއް ހޯދަން މަޖުބޫރުކޮށްފައި ކަމަށެވެ.
އެމްބަސީ ސްޓަފަކަށް ބިރުދެއްކި މައްސަލަ ލަންކާ ފުލުހުން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައި)ގެ އިންސްޕެކްޓާ ނިޝާންތާ ސިލްވާ ހުއްދަ ނެތި ފުރައިގެން ދިއުމާ އެކު، ސީއައިޑީގެ އިތުރު އޮފިސަރުން ފުރައިފާނެތީ ލަންކާގެ އެއާޕޯޓްތައް މިދިޔަ ހަފުތާގައި ވަނީ ސަމާލު ކަމަށް ގެނެސްފަ އެވެ.