ލަމްބޯ (ޑިސެމްބަރު 11) - ވަގަށް ނަގައި ބިރުދެއްކި ކަމަށް ބުނާ ސްވިޒަލެންޑް އެމްބަސީގެ ސްޓާފްގެ މެޑިކަލް ޓެސްޓްތައް ހަދަން ކޮލަމްބޯގެ ކޯޓުން އަންގައިފި އެވެ.
ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ އަންހެން ސްޓާފް ވަނީ އޭނާ ވަގަށް ނެގުމަށް ފަހު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެފަ އެވެ. ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން ވަނީ އެމްބަސީ ސްޓާފުގެ ތަހުގީގު ކުރިއަށްދާތީ ބުރާސްފަތި ދުވަހުގެ ކުރިން އޭނާ ނުފުރަން އަންގައިފަ އެވެ.
ނޮވެމްބަރު މަހު ފަހުކޮޅު ވަނީ ލަންކާގައި ހުންނަ ސްވިސް އެމްބަސީ ސްޓާފަކު، ގޮތްނޭނގޭ ބަޔަކު، މަގުމަތިން ހިފަހައްޓައި އެމްބަސީގެ ބައެއް މައުލޫމާތު ހޯދަން ބިރު ދައްކައިފަ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ބުނީ ސްޓާފުގެ ފަރާތުން ސްވިސް އެމްބަސީ މެދުވެރިކޮށް ސީއައިޑީ އަށް ހުށަހަޅާފައިވާ މައްސަލަ އާއި މަންޒަރު ދުށް މީހުންގެ އިންޓަވިއުތަކާއި އޫބާ ރެކޯޑްސް އާއި ސީސީޓީވީ ފުޓޭޖް، ޓެލެފޯން ރެކޯޑްސް އަދި ޖީޕީއެސް ޑޭޓާ ފަދަ ޓެކްނިކަލް އެވިޑެންސް އަށް ބަލައި، ކަންހިނގާފައިވާ ގޮތް ދިމާނުވާ ކަމަށެވެ.
ލަންކާގެ އާ ސަރުކާރުގެ ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާ ވިދާޅުވީ ފަރުވާ އަކަށް އެމްބަސީ މުވައްޒަފު އެއާ އެމްބިއުލެންސެއްގައި ސްވިޒަލެންޑަށް ގެންދިއުމުގެ ހުއްދަ އަށް އެދި ކޮލަމްބޯގައި ހުންނަ ސްވިސް އެމްބަސީން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ގުނަވަރުދަނާ ވިދާޅުވީ އެމްބަސީ ސްޓާފް ފުލުހުންނަށް ބަޔާން ދިނުމަށް ފަހު ނޫނީ ފުރުން މަނާކޮށްފައިވާ ކަމަށެވެ.
ސްވިޒަލެންޑް އެމްބަސީން ބުނެފައި ވަނީ ސްޓާފް ވަރަށް ބޮޑަށް ބަލިވެ އުޅޭ ކަމަށާއި އެހެންވެ އޭނާ އަށް ފުލުހަށް ހާޒިރު ނުވެވޭނެ ކަމަށެވެ. އެކަމަކު ކޯޓު އަމުރެއް ނެރުމުން އެ މުވައްޒަފު މި ހަފުތާގައި ވަނީ ފުލުހުންނަށް ބަޔާންދީފަ އެވެ.
ގުނަވަރްދަނާ ވިދާޅުވީ އެ ހާދިސާ ތަހުގީގު ކުރަން ލަންކާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ކޮލަމްބޯގައި ތިބޭ އެހެން ގައުމުތަކުގެ ސަފީރުންނަށް ތަފްސީލްކޮށްދީފައިވާ ކަމަށެވެ.
ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް ޖެހިފައި ވަނީ ލަންކާ ފުލުހުންގެ ސީނިއާ އޮފިސަރަކު ސްވިޒަލެންޑަށް ގޮސް އެ ގައުމުން ހިމާޔަތް ހޯދި ފަހުންނެވެ. ފިލައިގެން ސްވިޒަލެންޑަށް ދިޔައީ ރާޖަޕަކްސާ އާއިލާގެ މެންބަރުންގެ މައްސަލަތައް ތަހުގީގު ކުރި އޮފިސަރެވެ. ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ އިންސްޕެކްޓާ ނިޝާންތާ ސިލްވާ ހުއްދަ ނެތި ފުރައިގެން ދިއުމާ އެކު، ސީއައިޑީގެ އިތުރު އޮފިސަރުން ފުރައިފާނެތީ ލަންކާގެ އެއާޕޯޓްތައް މިދިޔަ ހަފުތާގައި ވަނީ ސަމާލު ކަމަށް ގެނެސްފަ އެވެ.