ކޮލަމްބޯ (ޑިސެމްބަރު 5) - ވަގަށް ނަގައި ބިރުދެއްކި ކަމަށް ބުނާ ސްވިޒަލެންޑް އެމްބަސީގެ ސްޓާފް ލަންކާ އިން ފުރުން މަނާކޮށްފި އެވެ.
އާ ސަރުކާރުގެ ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާ ވިދާޅުވީ ފަރުވާ އަކަށް އެމްބަސީ މުވައްޒަފު އެއާ އެމްބިއުލެންސެއްގައި ސްވިޒަލެންޑަށް ގެންދިއުމުގެ ހުއްދަ އަށް އެދި ކޮލަމްބޯގައި ހުންނަ ސްވިސް އެމްބަސީން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުނަވަރުދަނާ ވިދާޅުވީ އެމްބަސީ ސްޓާފް ފުލުހުންނަށް ބަޔާން ދިނުމަށް ފަހު ނޫނީ ފުރުން މަނާކޮށްފައިވާ ކަމަށެވެ.
ސްވިޒަލެންޑް އެމްބަސީން ބުނެފައި ވަނީ ސްޓާފް ވަރަށް ބޮޑަށް ބަލިވެ އުޅޭ ކަމަށާއި އެހެންވެ އޭނާ އަށް ފުލުހަށް ހާޒިރު ނުވެވޭނެ ކަމަށެވެ.
ނޮވެމްބަރު މަހު ފަހުކޮޅު ވަނީ ސްވިސް އެމްބަސީ ސްޓާފަކު، ގޮތްނޭނގޭ ބަޔަކު، މަގުމަތިން ހިފަހައްޓައި އެމްބަސީގެ ބައެއް މައުލޫމާތު ހޯދަން ބިރު ދައްކައިފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ ސްޓާފުގެ ފަރާތުން ސްވިސް އެމްބަސީން ސީއައިޑީ އަށް ހުށަހަޅާފައިވާ މައްސަލަ އާއި މަންޒަރު ދުށް މީހުންގެ އިންޓަވިއުތަކާއި އޫބާ ރެކޯޑްސް އާއި ސީސީޓީވީ ފުޓޭޖް، ޓެލެފޯން ރެކޯޑްސް އަދި ޖީޕީއެސް ޑޭޓާ ފަދަ ޓެކްނިކަލް އެވިޑެންސް އަށް ބަލައި، ކަންހިނގާފައިވާ ގޮތް ދިމާނުވާ ކަމަށެވެ.
ގުނަވަރްދަނާ ވިދާޅުވީ އެ ހާދިސާ ތަހުގީގު ކުރަން ލަންކާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ކޮލަމްބޯގައި ތިބޭ އެހެން ގައުމުތަކުގެ ސަފީރުންނަށް ތަފްސީލްކޮށްދީފައިވާ ކަމަށެވެ.
ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް ޖެހިފައި ވަނީ ލަންކާ ފުލުހުންގެ ސީނިއާ އޮފިސަރަކު ސްވިޒަލެންޑަށް ގޮސް އެ ގައުމުން ހިމާޔަތް ހޯދި ފަހުންނެވެ. ފިލައިގެން ސްވިޒަލެންޑަށް ދިޔައީ ރާޖަޕަކްސާ އާއިލާގެ މެންބަރުންގެ މައްސަލަތައް ތަހުގީގު ކުރި އޮފިސަރެވެ. ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ އިންސްޕެކްޓާ ނިޝާންތާ ސިލްވާ ހުއްދަ ނެތި ފުރައިގެން ދިއުމާ އެކު، ސީއައިޑީގެ އިތުރު އޮފިސަރުން ފުރައިފާނެތީ ލަންކާގެ އެއާޕޯޓްތައް މިދިޔަ ހަފުތާގައި ވަނީ ސަމާލު ކަމަށް ގެނެސްފަ އެވެ.