އިންޑިއާގެ ނިއު ދިއްލީގައި ކޮވިޑަށް ޓެސްޓް ކުރަން ކިޔޫ ހަދާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
19 އެޕްރީލް 2021 - 15:31
ނިއު ދިއްލީ (އެޕްރީލް 19) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް ނުތަކާވަރުވުމުން އެ ސިޓީ ހަފުތާއަކަށް ލޮކްޑައުންކޮށްފި އެވެ.
ހޯމަ ދުވަހުން ފެށިގެން ދިއްލީ ލޮކްޑައުންކުރި އިރު ހަމައެކަނި ޚިދުމަތް ލިބޭނީ އަސާސީ ކަންކަމަށް އެކަންޏެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ފާމަސީ އަދި ގްރޯސާތައް ހިމެނެ އެވެ. ދިއްލީގައި ކާފިއު އިއުލާންކޮށްފައިވީ ނަމަވެސް ކޭސްލޯޑް ދަށްވެފައެއް ނުވެ އެވެ. އާދިއްތަ ދުވަހު އެކަނި ވެސް ދިއްލީން ވަނީ 24،462 މީހުން ޕޮޒިޓިވްވެފަ އެވެ.
އެޕްރީލް މަސް ފެށުމާ އެކު އިންޑިއާގައި ވަނީ ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއް ފެށިފަ އެވެ.
"އަޅުގަނޑު އަބަދުވެސް ލޮކްޑައުންއާ ދެކޮޅު. އެކަމަކު މި ފިޔަވަޅުގެ ސަބަބުން ހޮސްޕިޓަލްތަކުން އެނދުތަކުގެ ޖާގަ އިތުރު ކުރެވޭނެ،" ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޮކްޑައުނަކީ އަޅަން އުނދަގޫ ފިޔަވަޅެއް ކަމަށާއި ނަމަވެސް އެނޫން ގޮތެއް މި ފަހަރު ނެތް ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ލޮކްޑައުން އިއުލާންކޮށްފި ނަމަ ދުވަހު މުސާރަ އަށް މަސައްކަތް ކުރާ މީހުންގެ އާމްދަނީ ހުއްޓޭނެކަން. އެކަމަކު އެ މީހުން ވެސް ދިއްލީން ނުކުމެގެން ނުގޮސް މަޑުކުރުމަށް އެދެން،" ކެޖްރިވާލް ވިދާޅުވި އެވެ.
އެޕްރީލް 15 އިން ފެށިގެން އިންޑިއާ އިން ދުވާލަކު ޕޮޒިޓިވްވާ ރޭޓް އުޅެނީ ދެ ލައްކައިން މަތީގަ އެވެ. މިދިޔަ އަހަރު އިންޑިއާ ޕީކަށް ދިޔައިރު ވެސް ދުވާލަކު އެވްރެޖްކޮށް ޕޮޒިޓިވްވެފައި ވަނީ 93،000 މީހުންނެވެ. މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އާދިއްތަ ދުވަހު ވަނީ ކޮވިޑުގައި 1،620 މީހުން މަރުވެފަ އެވެ. އިންޑިއާ އިން އާދިއްތަ ދުވަހު ވަނީ 275،000 މީހުން ޕޮޒިޓިވްވެފަ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 15 މިލިއަން މީހުން ޕޮޒިޓިވްވެ 178,793 މީހުން މަރުވެފަ އެވެ. ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް ވަނީ 1.5 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ. އެއީ ކުރީ ހަފުތާއާ އަޅާބަލާއިރު 63 ޕަސެންޓުގެ އުތުރުވުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy