ދުނިޔޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވުމަށް މެދުވެރިވާ މޫސުމީ ހާލަތު "އެލް ނީނޯ" މި އަހަރުގެ މެދުތެރޭގައި އަލުން ފެށޭނެ ކަމަށް އދ. އިން މިދިޔަ ހުކުރު ދުވަހު އިންޒާރު ދީފި އެވެ.

އދ. ގެ މޫސުމާ ބެހޭ އިދާރާ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މޭ މަހާއި ޖުލައި މަހާ ދެމެދު އެލް ނީނޯގެ އަސަރުތައް ފެންނަން ފަށާނެ ކަމަށެވެ. އަދި މިހާރު ފެންނަ ކަންކަމަށް ބަލައި، މިއީ ވަރަށް ބާރުގަދަ އިވެންޓަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. 

އެލް ނީނޯއަކީ ކޮބާ؟

އެލް ނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން:

  • ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ސަތަހައިގެ ހޫނުމިން މަތިވޭ.
  • ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރާއި ވާރޭ ވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އާދޭ. 
  • މި ހާލަތު އާންމުކޮށް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދޭ.
2024 ވަނަ އަހަރު މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މަޖީދީ މަގުގައި ފެންބޮޑުވެފައި އޮތްއިރު، ބަޔަކު އެ މަގުން ހިނގާފައި ދަނީ: އަހަރުގެ މެދުތެރޭގައި އެލް ނީނޯ ފެށި މޫސުމީ ހަލާތު ގޯސްވާނެ ކަމަށް އދ. އިން ވަނީ އިންޒާރު ދީފައި.-- ފޮޓޯ: މިހާރު
2024 ވަނަ އަހަރު މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މަޖީދީ މަގުގައި ފެންބޮޑުވެފައި އޮތްއިރު، ބަޔަކު އެ މަގުން ހިނގާފައި ދަނީ: އަހަރުގެ މެދުތެރޭގައި އެލް ނީނޯ ފެށި މޫސުމީ ހަލާތު ގޯސްވާނެ ކަމަށް އދ. އިން ވަނީ އިންޒާރު ދީފައި.-- ފޮޓޯ: މިހާރު
ހޫނުމިނަށް އަންނާނެ ބަދަލު

ޑަބްލިއުއެމްއޯގެ ކްލައިމެޓް ޕްރެޑިކްޝަން ޗީފް ވިލްފްރަން މޫފޫމާ-އޮކިއާ ވިދާޅުވީ މި އަހަރުގެ ކުރީކޮޅު މޫސުން "ނިއުޓްރަލް" ކޮށް އޮތުމަށް ފަހު މިހާރު ފެންނަނީ އެލް ނީނޯ އުފެދި، އިތުރަށް ވަރުގަދަވަމުންދާ މަންޒަރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ހޫނުގަދަ އަހަރަށް ވީ، 2023-2024 ގައި އައި ވަރުގަދަ "އެލް ނީނޯ" އާއި އިންސާނުންގެ ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެފައިވާ މޫސުމީ ބަދަލުތައް މަސްހުނިވުމުންނެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކުރާނެ އަސަރު

ޑަބްލިއުއެމްއޯ އިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތިން މަހު ދުނިޔޭގެ އެކި ބިތްތަކުގައި ހޫނުމިން ހުންނާނީ އާދަޔާ ހިލާފަށް މަތީގަ އެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ބޯކޮށް ވާރޭވެހުން: ދެކުނު އެމެރިކާގެ ގައުމުތައް، އެމެރިކާގެ ދެކުނުގެ ސަރަހައްދުތައް، ދެކުނު އެފްރިކާ އަދި މެދުތެރޭ އޭޝިއާ.
  • ހަނަފަސްކަން: އޮސްޓްރޭލިއާ، އިންޑޮނޭޝިއާ އަދި ދެކުނު އޭޝިއާގެ ބައެއް ހިސާބުތައް.
  • ތޫފާން: ޕެސިފިކް ކަނޑުގެ މެދުތެރެ އާއި އިރުމަތީގައި ތޫފާން އުފެދުން އިތުރުވުން (ނަމަވެސް، އެޓްލާންޓިކް ކަނޑުގައި ތޫފާން އުފެދުމަށް މީގެ ސަބަބުން ހުރަސްއެޅޭނެ).

މޫސުމީ ބަދަލުތަކުގެ ސަބަބުން "އެލް ނީ"ނޯ އުފެދޭ މިންވަރު އިތުރުނުވި ނަމަވެސް، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް މޫސުމީ ބަދަލުތަކުގެ ސަބަބުން އިތުރަށް ގޯސްވާ ކަމަށް  ޑަބްލިއުއެމްއޯ އިން ބުންޏެވެ. 

މި އިންޒާރުގެ ބޭނުމަކީ ދަނޑުވެރިކަމާއި ފެނުގެ ވަސީލަތްތައް ބެލެހެއްޓުމާއި ހަކަތަ އަދި ސިއްހީ ދާއިރާތަކުން ކުރިއާލާ ތައްޔާރުވުމަށް ފުރުސަތު ދިނުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.