ލަންޑަން (މާޗް 15) - ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މެންޗެސްޓާ ސިޓީން ރޭގެ މެޗުގައި މޮޅަށް ކުޅެ 74 ޕަސެންޓް ބޯޅަ ގެންގުޅެ އަދި 18 ޝޮޓް ނެގި ނަމަވެސް ތާވަލްގެ ކުރީގައި ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތު ކޯޗު ޕެޕް ގާޑިއޯލާ އަށް ގެއްލިއްޖެ އެވެ.
ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީގެ ގިނަ ހަމަލާތަކުގެ ހުރަކަށްވީ ޕެލަސްގެ ސްޕޭން ކީޕަރު ވިސެންޓް ގުއަޓާ އާއި އެ ޓީމުގެ ޑިފެންސިވް ކުޅުމެވެ.
ތާވަލްގެ ދެވަނައިގައި އޮތް ލިވަޕޫން ބްރައިޓަންގެ މައްޗަށް ހޮނިހިރު ދުވަހުގެ މެޗުގައި 2-0 އިން ކުރި ހޯދުމުން ޖާގަން ކްލޮޕްގެ ޓީމުން މިހާރު ވަނީ ސިޓީއާ ހަތަރު ޕޮއިންޓަށް ކައިރިކޮށްފަ އެވެ. އާސެނަލްއާ ދެކޮޅަށް ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ ސިޓީއާ އެއް ޕޮއިންޓަށް ކައިރިކުރެވޭނެ އެވެ.
ރޭގެ މެޗު އެއްވަރުވި ނަމަވެސް ގާޑިއޯލާ ބުނީ މާބޮޑު ހާސްކަމެއް ނެތް ކަމަށެވެ.
"އަހަރެމެން ވަރަށް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި. ބައެއް ފަހަރު އެހެން ދިމާވާނެ. އެކަމަކު ވިނަގަނޑު އެހާ ރަނގަޅު ނޫން ދަނޑެއްގައި ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ. އަދި ބައިވަރު މެޗު އެބަހުރި. އެހެންވެ ޓީމު އޮތް މަގާމަކަށް ބިރެއް ނެތް،" ގާޑިއޯލާ ބުންޏެވެ.
ސިޓީ އެއްވަނައިގައި އޮތީ 29 މެޗުން 70 ޕޮއިންޓް ހަމަކޮށްގެންނެވެ. އަށާވީސް މެޗު ކުޅެގެން 66 ޕޮއިންޓާ އެކު ލިވަޕޫލް ދެވަނައިގައި އޮތް އިރު ތިން ވަނައިގައި އޮތް ޗެލްސީ އަށް 28 މެޗުން ލިބިފައި ވަނީ 59 ޕޮއިންޓެވެ. އާސެނަލް ހަތަރު ވަނައިގައި އޮތީ 26 މެޗު ކުޅެގެން 51 ޕޮއިންޓް ހޯދައިގެންނެވެ.