އަންނަ މަހު ފަށާ ވޯލްޑް ކަޕް ކުޅޭ އެއް ދަނޑު ކަމަށްވާ އެމެރިކާގެ ސޯފައި ސްޓޭޑިއަމްގެ މަސައްކަތްތެރިންގެ ޒާތީ މައުލޫމާތު ފީފާއިން ހޯދަމުންދާ ގޮތާ މެދު ހިތްހަމަނުޖެހި، އެ އިދާރާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކެލިފޯނިއާގައި ސޯފައި ސްޓޭޑިއަމްގެ 2000 އެއްހާ މަސައްކަތްތެރިން ތަމްސީލުކުރާ "ޔުނައިޓް ހިއާ ލޯކަލް 11" ޔޫނިއަނުން، ކެލިފޯނިއާގެ އެޓާނީ ޖެނެރަލަށް ރަސްމީކޮށް ހުށަހެޅި މި ޝަކުވާގައި ބުނެފައިވަނީ، ފީފާގެ އެކްރެޑިޓޭޝަން މަރުހަލާގައި މަސައްކަތްތެރިންގެ ސޯޝަލް ސެކިއުރިޓީ ނަންބަރާއި، އުފަން ގައުމާއި، އަދި ދިރިއުޅޭ އެޑްރެސް ފަދަ ނާޒުކު މައުލޫމާތުތައް ހޯދުމަކީ ކެލިފޯނިއާގެ ކޮންސިއުމާ ޕްރައިވެސީގެ ގަވައިދާ ޚިލާފު ކަމެއް ކަމަށެވެ.

މި މައުލޫމާތުތައް އެމެރިކާގެ ހޯމް މިނިސްޓްރީއާ ހަވާލުކުރުމުން، އެ ގައުމުގެ އިމިގްރޭޝަން އެންފޯސްމަންޓް (އައިސީއީ) ފަދަ އިދާރާތަކުން މަސައްކަތްތެރިންނަށް އަމާޒުކޮށް ފިޔަވަޅު އެޅުމުގެ ބިރު އޮތް ކަމަށް ޔޫނިއަނުން ބުންޏެވެ.

"ޔޫނިއަންތަކުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މަސައްކަތްތެރިންގެ ޖިސްމާނީ ރައްކާތެރިކަން ކަށަވަރުކުރުން. މަސައްކަތްތެރިން އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ،" ޔޫނިއަންގެ ރައީސް ކާޓް ޕީޓަސަން ވިދާޅުވި އެވެ.

މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ، ވޯލްޑް ކަޕްގެ ތެރޭގައި ސްޓޭޑިއަމް ސަރަހައްދަށް އައިސީއީގެ އެޖެންޓުން ނުވަންނާނެ ކަމުގެ ޔަގީންކަން ދިނުމަށް ފީފާއިން ދެކޮޅު ހަދަމުންދާތީ އެވެ. ޔޫނިއަނުން ބުނިގޮތުގައި މަސައްކަތްތެރިން މިހާރު ތިބީ އެމީހުންގެ ވަޒީފާ ނުވަތަ ޒާތީ މިނިވަންކަމާ ދެމެދު ގޮތެއް ނިންމަންޖެހޭ ފަދަ ދަތި ހާލަތެއްގަ އެވެ.

މިކަމާ ގުޅިގެން މަސައްކަތްތެރިން ހަޅުތާލަކަށް ނުކުތުމުގެ ފުރުސަތު ބޮޑު ކަމަށް ދި އެތުލެޓިކް ނޫހުން ބުންޏެވެ.

"ފީފާގެ އެކްރެޑިޓޭޝަން މަރުހަލާއަކީ ކެލިފޯނިއާގެ ގާނޫނުތަކާއި އަދި ދުނިޔެ އެއްބައިވަންތަކުރުމަށް އެ އިދާރާއިން ގެންގުޅޭ ޝިއާރާ ވެސް މުޅިން ހިލާފު ކަމެއް. ފީފާއިން މިހާރު މި ނުރައްކާ ކުރަނީ ވޯލްޑް ކަޕަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް އެންމެ ބުރަ މަސައްކަތް ކުރާ މީހުންނާ،" މަސައްކަތްތެރިންގެ ޔޫނިއަނުން އެޓާނީ ޖެނެރަލަށް ފޮނުވި ސިޓީގައިވެ އެވެ.

މި މައްސަލައިގައި ފީފާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ކެލިފޯނިއާގެ ޕްރައިވެސީ ޕްރޮޓެކްޝަން އެޖެންސީން ބުނީ ގާނޫނާ ހިލާފަށް ކަންކަން ހިނގާނަމަ އެކަން ބަލާނެ ކަމަށެވެ. ޔޫނިއަނުން އެދެނީ މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތައް ނައްތާލުމަށެވެ. އަދި ގާނޫނާ ޚިލާފަށް މައުލޫމާތު ހޯދުން ހުއްޓުވައިދިނުމަށް ވެސް އެދިފައި ވެއެވެ.