ވޯލްޑް ކަފްގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނގަ ފޮރުވައިގެން އިދިކޅު ކުޅުންތެރިޔާއާ ވާހަކަދެއްކި ނަމަވެސް އިނގިރޭސި މިޑްފީލްޑަރު ބެލިންހަމް އަށް ރަތް ކާޑެއް ނުލިބި ސަލާމަތްވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތުގައި، އިދިކޮޅު ކުޅުންތެރިއަކާ ހިޔާލުތަފާތުވާ ވަގުތު އަނގަ ފޮރުވައިފި ނަމަ ރަތް ކާޑު ދެއްކުމަށް ފީފާއިން އޮތީ އާ ގަވާއިދެއް ހަދައިފަ އެވެ.

ނަމަވެސް ބެލިންހަމް ގާނާގެ ފޯވާޑް ޖޯޑަން އަޔޫއާ ވާހަކަދެއްކީ ރުޅިވެރިކަމާ އެކު ނޫން ކަމަށް ރެފްރީން ނިންމި އެވެ.

ފީފާގެ ރެފްރީންގެ ވެރިޔާ ކޮލީނާ މުބާރާތުގެ ކުރިން މިގަވާއިދާ ގުޅޭގޮތުން ވާހަކަ ދެއްކި އެވެ. 

"އެކުވެރި މާހައުލެއްގައި ކުޅުންތެރިން ވާހަކަދައްކާއިރު އަނގަ ފޮރުވުމަކީ މައްސަލައެއް ނޫން،" ކުރީގެ ލެޖެންޑަރީ ރެފްރީ ބުނެފައިވެ އެވެ.

އެހެންވެ މިއީ ބެލިންހަމްގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ނޫން ކަމަށް އޮފިޝަލުން ނިންމި އެވެ.

ނަމަވެސް މި އާ ގަވާއިދުގެ ދަށުން އެންމެ ފުރަތަމަ ރަތް ކާޑު ލިބިގެން ޕެރެގުއޭގެ މިގޭލް އަލްމިރޯން ވަނީ ތާރީހުގެ ތެރެއަށް ގޮސްފަ އެވެ. ޕެރަގުއޭ އާއި ތުރުކީ ބައްދަލުކުރި މެޗު ދިޔައީ ވަރަށް ހޫނުކޮށެވެ. އިސްމާއިލް ޔުކްސެކް ކުރި ފައުލަކާ ގުޅިގެން ދަނޑުމަތީގައި ހަމަނުޖެހުމެއް ހިނގި އެވެ. އެ ވަގުތު ތުރުކީގެ މުލްޑާއާ ކުރިމަތިލައި އަލްމިރޯން އޭނާގެ އަނގަ ފޮރުވި އެވެ. ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ރަތް ކާޑެއް ދައްކަންޖެހޭ ކަމެއް ކަމަށެވެ.